Roadha Mihaaru

އިންޑިއާގެ ކުރީގެ ފޯވާޑް ވިޖަޔަން އަށް ޕަދްމާ ޝްރީގެ ޝަރަފް

އިންޑިއާގައި ދޭ ހަތަރު ވަނަ އަށް އެންމެ މަތީ ޝަރަފް ކަމަށްވާ ޕަދްމާ ޝްރީ، އެ ގައުމުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އައި.އެމް ވިޖަޔަން އަށް މި އަހަރު ލިބޭކަން އިއުލާންކޮށްފި އެވެ.

ކުރީގެ ފޯވާޑް ވިޖަޔަން އަށް ޕަދްމާ ޝްރީގެ ޝަރަފް

އިންޑިއާގައި ދޭ ހަތަރު ވަނަ އަށް އެންމެ މަތީ ޝަރަފް ކަމަށްވާ ޕަދްމާ ޝްރީ، އެ ގައުމުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އައި.އެމް ވިޖަޔަން އަށް މި އަހަރު ލިބޭކަން އިއުލާންކޮށްފި އެވެ.

ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު ފޯވާޑް ވިޖަޔަން ވަނީ އިންޑިއާ ގައުމީ ޓީމަށް 1992-2003 އަށް 72 މެޗު ކުޅެދީފަ އެވެ.

މަލާބާރް ސްޕެޝަން ޕޮލިހުގެ އެސިސްޓަންޓް ކޮމާންޑަންޓްގެ މަގާމާއި، ކެރެލާ ޕޮލިސް ފުޓްބޯޅަ ޓީމުގެ ޑިރެކްޓަރުކަން ކުރަމުން އަންނަ ވިޖަޔަން ބުނީ މިއީ އޭނާ އަށް ވަރަށް ހާއްސަ ޝަރަފެއް ކަމަށެވެ.

"ތަންކޮޅެއް ލަހުން ނަމަވެސް މި ލިބުނީ އަހަރެންގެ ފުޓްބޯޅަ ކެރިއަރުގެ އަގުވަޒަންކުރެވޭ ވަރުގެ އެވޯޑެއް. ވަރަށް ގިނަ އެވޯޑްތަކެއް ލިބިއްޖެ މާޒީގައި. އެކަމަކު މި ޝަރަފް ހާއްސަ،" ވިޖަޔަން ބުންޏެވެ.

ވިޖަޔަން އަކީ މި ޝަރަފް ލިބޭ ނުވަ ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ކުރިން ލިބުނު ކުޅުންތެރިންގެ ތެރޭގައި ޗުނީ ގޯސްވާމީ، ޕީކޭ ބެނަރްޖީ، ބައިޗުން ބުޓިއާ އަދި ސުނިލް ޗެތުރީ ހިމެނެ އެވެ.

ވިޖަޔަން އަށް ވަނީ އިންޑިއާގައި ކުޅިވަރުގައި ދެ ވަނަ އަށް ދޭ އެންމެ މަތީ އެވޯޑް ކަމަށް އަރްޖުނާ އެވޯޑް ކުރިން ލިބިފަ އެވެ.

އޭނާ ވަނީ އިންޑިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 1993، 1997، އަދި 1999 ގައި ހާސިލްކޮށްފަ އެވެ. އެ ތިން އަހަރު އޭނާ ވަނީ އިންޑިއާ އަށް ސަރަހައްދީ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އޭގެ ތެރެއިން 1997 ގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ރާއްޖެ އަތުން އިންޑިއާ 5-1 އިން މޮޅުވިއިރު ވިޖަޔަން ދެ ގޯލް ޖެހި އެވެ. އަދި 1995 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފުޓްބޯޅައިން އިންޑިއާ އަށް ރަން މެޑަލް ހޯދައިދިނުމުގައި ވެސް އޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ.

ކެރެލާގެ ތުރިސޫރް އަށް އުފަން ވިޖަޔަން ވަނީ ކެރަލާ ޕޮލިސް، މޯހަން ބަގާން، އީސްޓް ބެންގާލް، ޗާޗިލް ބްރަދާސް، އަދި ޖޭސީޓީ މިލްސް ފަދަ އިންޑިއާގެ ވަރުގަދަ ކްލަބްތަކަށް ކުޅެފަ އެވެ.

ފުޓްބޯޅަ ކެރިއަރަށް ފަހު ވިޖަޔަން ވަނީ ސައުތު އިންޑިއާގެ ފިލްމުތަކުގައި އެކްޓް ވެސް ކޮށްފަ އެވެ. އެގޮތުން 2001 ގައި އޭނާ ކުޅުނު ފިލްމެއް ވަނީ އިންޑިއާ އިން އޮސްކާ އަށް ފޮނުވާ ލިސްޓަށް ނޮމިނޭޓްކޮށްފަ އެވެ.