Roadha Mihaaru
އުޅުނީ ގަސްތުގައި މާލީ ނިޒާމް އިނދަޖައްސާލަން: ސައީދު

ހުރިހާ ޑޮޓެއް ގުޅުވީމާ އެނގެނީ މާލީ ނިޒާމް އިނދަޖައްސާލަން ގަސްތުގައި އުޅުނުކަން: ސައީދު

28 އޯގަސްޓް 2024

ރާއްޖޭގެ މާލީ ނިޒާމް އިނދަޖައްސާލަން ގަސްތުގައި ބަޔަކު މަސައްކަތް ކޮށްފައިވާކަން މި ފަހުން ހިނގި ކަންކަމުގެ ހުރިހާ ޑޮޓެއް ގުޅުވާލުމުން އެނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ މާލީ ނިޒާމް އިނދަޖައްސާލަން ގަސްތުގައި ބަޔަކު މަސައްކަތް ކޮށްފައިވާކަން މި ފަހުން ހިނގި ކަންކަމުގެ ހުރިހާ ޑޮޓެއް ގުޅުވާލުމުން އެނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ބޭންކް ބީއެމްއެލް އިން ކާޑުގެ ޑޮލަރު ލިމިޓާ ގުޅޭ ގޮތުން ނިންމި ނިންމުމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ. ނަމަވެސް، މިހާތަނަށް މި މައްސަލާގައި މީހަކާ ސުވާލުކޮށް ހައްޔަރުކޮށްފައެއް ނުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވަނީ ބީއެމްއެލްގެ ނިންމުމާ އެކު ގެންނަން އުޅުނީ "ސީދާ ބަޣާވާތެއް" ކަމަށެވެ.

ސަރުކާރުގެ ބައެއް އިސްވެރިން ތުހުމަތު ކުރައްވާ ގޮތުގައި، ބީއެމްއެލް މެދުވެރިކޮށް އެ ބަޣާވާތް ގެންނަން އަޑީގައި އޮތީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އެވެ. ބީއެމްއެލްގެ ނިންމުން އައި ވަގުތު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދިޔުމުން އެކަމާ ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.

މި ހުރިހާ ޑޮޓެއް ގުޅުވާލީމާ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ކުރުންތަކެއް މި ހުންނަނީ. އެ މައްސަލަ ބައްލަވާ ބޭފުޅުން ކަންނޭނގެ ދެން އެއަށް އެއްޗެއް ވިދާޅުވާނީ: ސައީދު

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ މީހުންނަށް އަސަރެއް ކުރާ ގޮތަށް ކާޑުގެ ލިމިޓަށް އެއްވެސް ބަދަލެއް ނުގެންނަން ބީއެމްއެލްއަށް ވިސްނައިދެމުން ކަމަށެވެ.

"އެފަދަ ނިންމުމެއް ނުނިންމާށޭ. މިއީ ރައީސްގެ ވަރަށް ސްޓްރޯންގް، އަދި ކެބިނެޓް އެންމެން ވެސް ގަބޫލުކުރާ ގޮތް. އަޅުގަނޑުމެންގެ އިސްކުރަން ޖެހޭނީ ރައްޔިތުންކަމާއި ކިޔަވާ ކުދިންގެ މަސްލަހަތު ކަމަށް ރައީސް އެ އޮތީ ވިދާޅުވެފައި އެކަން އެގޮތަށް ނުކުރަން،" ސައީދު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވާހަކަ ދައްކަވަނީ: ހުރިހާ ޑޮޓެއް ގުޅުވީމަ އެނގެނީ މާލީ ނިޒާމް އިނދަޖައްސާލަން ގަސްތުގައި އުޅުނުކަން ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވާހަކަ ދައްކަވަނީ: ހުރިހާ ޑޮޓެއް ގުޅުވީމަ އެނގެނީ މާލީ ނިޒާމް އިނދަޖައްސާލަން ގަސްތުގައި އުޅުނުކަން ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

މިނިސްޓަރު ވިދާޅުވީ ބީއެމްއެލްގެ ނިންމުމާ އެކު ވަރަށް ގިނަ ކަންތައްތަކެއް ހިނގައިގެން ދިޔަ ކަމަށާއި އިދިކޮޅު އެމްޑީޕީއިން އެ ވަގުތު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މާލީ ހާލަތާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުންދިޔަ ކަމަށެވެ. އަދި ވަރަށް ޓާގެޓްކޮށް ބައެއް ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި މާލީ ނިޒާމް ފުނޑާލަން މަސައްކަތް ކުރަމުންދިޔަ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މި ހުރިހާ ޑޮޓެއް ގުޅުވާލީމާ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކުރުންތަކެއް މި ހުންނަނީ. އެ މައްސަލަ ބައްލަވާ ބޭފުޅުން ކަންނޭނގެ ދެން އެއަށް އެއްޗެއް ވިދާޅުވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ބޭންކްތަކުން ނިންމުންތައް ނިންމާއިރު އެމްއެމްއޭއާ އެކު މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި އެމްއެމްއޭ އިން ދިޔައީ ބީއެމްއެލް ދައްކަމުންދިޔަ ވާހަކަތައް އަޑު އަހައި، ލަފާތައް ދެމުން ކަމަށެވެ.

ފުލުހުން މިއަދު ބުނީ ބީއެމްއެލްގެ ނިންމުމާ ގުޅޭ ތަހުގީގާ ގުޅިގެން ހޯދަން ޖެހޭ ހުރިހާ މައުލޫމާތެއް އެއްކުރުމާއި ބަލަންޖެހޭ ހުރިހާ ކަމެއްގެ ތަފްސީލު ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާ ނަމަ އެކަން ދެނެގަތުމާ އެކު، ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.