Roadha Mihaaru
ޑެޕިއުޓީ މިނިސްޓަރަކު ދިފާއީ ވަކީލެއްގެ ގޮތުގައި ކޯޓަށް

ޖިންސީ ގޯނާގެ މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި ޑެޕިއުޓީ މިނިސްޓަރަކު ކޯޓުގައި ވަކާލާތު ކުރަނީ!

29 އޯގަސްޓް 2024

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައި ކޯޓުގައި ވަކާލާތު ކުރައްވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައި ކޯޓުގައި ވަކާލާތު ކުރައްވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހައި ކޯޓުގައި އިއްޔެ ޝަރީއަތުގެ އަޑުއެހުމަށް ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޣިބު އަހުމަދެވެ. އެ މައްސަލައަކީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވި މީހެއްގެ ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފްކުރި މައްސަލަ އެކެވެ.

ހައި ކޯޓުގައި އިއްޔެ އަޑުއެހުން ފެށުމާ އެކު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ އެކަމަށް އިއުތިރާޒުކޮށްފަ އެވެ. ޕީޖީ އޮފީހުގެ ވަކީލް ވިދާޅުވެފައިވަނީ ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

މީގެކުރިން ވެސް މަދަނީ ބައެއް މައްސަލަތަކުގައި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރުމުން ދައުލަތުން ހައި ކޯޓުގައި މިކަން ފާހަގަ ކޮށްފައިވެ އެވެ.

އަޑުއެހުމުގައި ޕީޖީގެ ވަކީލް އެހެން ވިދާޅުވުމުން ރާޣިބު ވަނީ އެއަށް ރައްދު ދެއްވައިފަ އެވެ.

ދައުލަތުން މި މައްސަލަ ފެންމަތި ކުރުމުން އެ މައްސަލާގެ ޝަރީއަތް އިއްޔެ އިތުރަށް ކުރިއަށް ގޮސްފައެއް ނުވެ އެވެ. އަދި އެކަމާ މެދު ފަނޑިޔާރުންގެ ބެންޗުން ވަކި ގޮތެއް ނުނިންމަވަ އެވެ.

ޑެޕިއުޓީ މިނިސްޓަރު ރާޣިބަކީ ކ. ޖުޑީޝަލް ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓެވެ. އޭނާ 2019 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވީ ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ލަފާ ދިނުމާ އެކު އެވެ.

އޭގެފަހުން ޕީޕީއެމްގެ ގާނޫނީ ޓީމްގައި އޭނާ މަސައްކަތް ކުރެއްވި އެވެ.

މީގެ ކުރިން ޓެކްސް މައްސަލައެއްގައި މީރާއާ ދެކޮޅަށް ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރި މައްސަލައެއް ފެންމަތިވި އެވެ. އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަ މީހަކު، ސިޔާސީ މީހުން ވެސް ހިމެނޭ ގޮތަށް ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މަދަނީ މައްސަލައެއްގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަން ހައި ކޯޓަށް ވަޑައިގެންނެވި މައްސަލައެއް ވެސް މި ފަހުން ފެންމަތިވި އެވެ. އެކަމާ މެދު ފަނޑިޔާރުންގެ ބެންޗުން ސުވާލު އުފެއްދެވުމުން އެ މައްސަލައިން އޭނާ ތަނާޒުލްވެވަޑައިގެންނެވި އެވެ.