Roadha Mihaaru
އެމްޑަބްލިއުއެސްސީން ކޮންޑިއުޓް ހޮޅި މާކެޓަށް ނެރެފި

އެމްޑަބްލިއުއެސްސީން ކޮންޑިއުޓް ހޮޅި އުފައްދައި މާކެޓަށް ނެރެފި

29 އޯގަސްޓް 2024

ކަރަންޓު ނަރަށް ލިބޭ ގެއްލުމުން ރައްކާތެރިކުރުމަށް ބޭނުންކުރާ ކޮންޑިއުޓް ހޮޅި އެމްޑަބްލިޔުއެސްސީން އުފައްދައި މާކެޓަށް ނެރެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކަރަންޓު ނަރަށް ލިބޭ ގެއްލުމުން ރައްކާތެރިކުރުމަށް ބޭނުންކުރާ ކޮންޑިއުޓް ހޮޅި އެމްޑަބްލިޔުއެސްސީން އުފައްދައި މާކެޓަށް ނެރެފި އެވެ.

އެ ކުންފުނީގެ ކާރުހާނާގައި އުފައްދާ މި ހޮޅި އަކީ ފެނުންނާއި އެހެނިހެން ގޮތްގޮތުން ކަރަންޓު ނަރުތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ރާއްޖޭގައި އަލަށް އުފެއްދި މި ހޮޅި އަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ރައްކާތެރިކަމާ އެކު ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރެވޭނެ ހޮޅި އެކެވެ.

އެމްޑަބްލިއުއެސްސީގައި މިއަދު އޮތް ރަސްމިއްޔާތުގައި މި ހޮޅި ތައާރަފްކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދާއި މިނިސްޓަ އޮފް ސިޓީޒް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރެވެ.

މި ހޮޅީގެ އޮރެންޖު އަދި ހުދުކުލަ 16އެމްއެމް، 20އެމްއެމް، 25އެމްއެމް، 32 އެމްއެމް އަދި 40 އެމްއެމްގެ ހޮޅި އެމްޑަބްލިއުއެސްސީގެ ޝޯރޫމުން މިހާރު ލިބޭނެ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަ އޮފް ސިޓީޒް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު ވިދާޅުވީ މި ފަދަ ޕްރޮޑަކްޓެއް ދިވެހި ކުންފުންޏަކުން ތައްޔާރުކޮށް މާކެޓަށް ނެރުމަކީ ދިވެހިންނަށް ލިބޭ ފަހުރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އުމްރާނީ ތަރައްގީއަށް މުހިންމު ބޭނުންތެރި އެއްޗެއްކަން ފާހަގަކުރައްވައި، ކަރަންޓުގެ ރައްކާތެރިކަން މި ހޮޅިން ކަށަވަރުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ މި ހޮޅީގެ ސަބަބުން އިގުތިސާދީ ގިނަ ފައިދާތަކެއް ވެސް ކުރާނެ ކަމަށެވެ.

"މިއީ ރާއްޖެއިން ބޭރުން މީގެކުރިން ގަންނަ އެއްޗެއް. މި ފަދަ ޕްރޮޑަކްޓެއް ރާއްޖެއިން ގަންނަން ލިބުމަކީ ހޭދަވާ ހަރަދު ކުޑަވެ، ރާއްޖެއިން ބޭރަށް ވެސް މި ފަދަ ކަންކަމުގައި ހޭދަކުރާ ޑޮލަރުގެ މިންވަރު މަދުކުރެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމުން ކުންފުންޏަށް ވެސް މާލީ ލުއިތަކެއް ލިބުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ކުންފުނީގެ އަމާޒުހުރީ މި ފަދަ ތަކެތީގެ އާ އުފެއްދުންތައް ހަދައި، އުފެއްދުންތެރިކަން އިތުރުކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މި ހޮޅީގެ ފުރަތަމަ ކަސްޓަމަރަށް ހޮޅި ވަނީ ހަވާލުކޮށްފަ އެވެ. މި ހޮޅި ގަތް ފުރަތަމަ ކަސްޓަމަރަކީ ހާޑްވެއާ ލެބެވެ.