Roadha Mihaaru
ފެން އުފައްދާ ނިޒާމެއް ކަނޑުއަޑީގައި ހަދަން ދިރާސާއެއް

ފެން އުފައްދާ ނިޒާމެއް ކަނޑު އަޑީގައި ގާއިމްކުރަން ދިރާސާކުރަނީ

18 އޯގަސްޓް 2024

ފެން އުފައްދާ ނިޒާމެއް ކަނޑު އަޑީގައި ގާއިމްކުރަން ބޭނުންވާ ދިރާސާއެއް ހެދުމަށް އެމްޑަބްލިއުއެސްސީއިން ނޯވޭގެ ކުންފުންޏެއް ކަމަށްވާ ފްލޯޝަންއާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފެން އުފައްދާ ނިޒާމެއް ކަނޑު އަޑީގައި ގާއިމްކުރަން ބޭނުންވާ ދިރާސާއެއް ހެދުމަށް އެމްޑަބްލިއުއެސްސީއިން ނޯވޭގެ ކުންފުންޏެއް ކަމަށްވާ ފްލޯޝަންއާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު އެމްޑަބްލިއުއެސްސީގައި އޮތް ރަސްމިއްޔާތުގައި މި އެމްއޯޔޫގައި ސޮއިކުރީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އާއި ފްލޯޝަންގެ މެނޭޖިން ޑިރެކްޓަރު އަލެގްޒަންޑާ ފުލެސަންގެވެ.

އެމްޑަބްލިއުއެސްސީއިން ބުނިގޮތުގައި މި ދިރާސާގައި، ކަނޑު އަޑީގައި އާރްއޯ ޑީސެލިނޭޝަން ސިސްޓަމް ގާއިމް ކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ހޯދުމާއި އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތަކާއި އޭގެ ސަބަބުން ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަންނާނެ އެވެ. އަދި މި ދިރާސާގައި އެ ނިޒާމުން ފެން އުފެއްދުމާއި ގުޅޭ މާލީ ހިސާބުތައް ތައްޔާރު ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

މި ދިރާސާއަށް އެމްޑަބްލިއުއެސްގައި ހުރި މައުލޫމާތުތަކާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދީ، ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ރާއްޖޭގައި މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

އެމްޑަބްލިއުއެސްސީއިން ބުނިގޮތުގައި ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވާއިރު، މި ދިރާސާގެ އަލީގައި މިފަދަ ނިޒާމެއް ގާއިމް ކުރެވިއްޖެނަމަ ރާއްޖޭގެ އިތުރުވަމުން އަންނަ ފެނުގެ ޑިމާންޑާ އެއްވަރަށް ފެން އުފައްދައި، ރައްކާ ކުރެވޭނެ ކަމަށެވެ. އަދި މި ނިޒާމް ގާއިމް ކުރެވިއްޖެނަމަ ފެން އުފައްދާ ނިޒާމު ގާއިމްކުރަން ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތަ އާއި އެކަމަށް ހޭދަވާ ހަރަދު ކުޑަކުރެވިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ދިރާސާގެ ސަބަބުން، ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާ ބެހޭ ސިޔާސަތުތަކުގެ އިތުރުން އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ވެސް ހާސިލުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ. މިއީ ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ގޮތުގައި ފެން އުފައްދާ ފޯރުކޮށްދީ، އިޖުތިމާއީ އަދި އިގުތިސޯދީ މަންފާ ކުރާނެ ޕްރޮޖެކްޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.