Roadha Mihaaru
ފިނޮޅަކަށް ދިޔަ މީހަކު ގެއްލިގެން އުޅޭތާ 24 ގަޑިއިރު

ފިނޮޅަކަށް ދަތުރުދިޔަ މީހަކު ގެއްލިގެން އުޅޭތާ 24 ގަޑިއިރު

31 އޯގަސްޓް 2024

ފިނޮޅަކަށް އިއްޔެ ދަތުރު ދިޔަ މީހަކު ގެއްލިގެން ރިޕޯޓްކޮށްފައި ވާތީ އޭނާއާ ބެހޭ މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ އެކަން ފުލުހުންނަށް އަންގަން އެދެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ފިނޮޅަކަށް އިއްޔެ ދަތުރު ދިޔަ މީހަކު ގެއްލިގެން ރިޕޯޓްކޮށްފައި ވާތީ އޭނާއާ ބެހޭ މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ އެކަން ފުލުހުންނަށް އަންގަން އެދެފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު، މ. އަސަރީ ހަނދާން އެވެ.

ފުލުހުން ބުނީ ތަސްލީމް ގޮސް އުޅުނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ކަމަށާއި އެތަނަށް ދިޔައީ އިއްޔެ ކަމަށެވެ.

އޭނާއާއެކު ދަތުރު ދިޔަ މީހުންނާ ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި ތަސްލީމް އެންމެ ފަހުން ފެނިފައިވަނީ ވެސް އިއްޔެ ހެނދުނު 10:00 އާއި 11:00 އާ ދެމެދުގަ އެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރި ވަގުތެއް، އޭނާއާ ބެހޭ ގޮތުން ފުލުހުން އާންމުކުރި މައުލޫމާތުގައި ބުނެފައެއް ނުވެ އެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އަދި އިއްޔެ އާއި އޭގެ ކުރީ ދުވަހު އެ ފިނޮޅަށް ދަތުރު ދިޔަ ބަޔަކު އުޅޭ ނަމަ ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު، 9794639 ގުޅައި އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.