Roadha Mihaaru
ތަސްލީމަށް ވީގޮތެއް ނޭނގެ؛ އިންޓަޕޮލްގެ ނޯޓިސް ނެރެނީ

ތަސްލީމަށް ވީގޮތެއް އަދިވެސް ނޭނގެ؛ އިންޓަޕޮލްގެ ރީނދޫ ނޯޓިސް ނެރެނީ

14 ސެޕްޓެމްބަރ 2024

ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު ހޯދަން ވަރަށް ގިނަ ތަންތަން ބަލައި ފާސްކޮށްގެން ވެސް އޭނާއަށް ވީ ގޮތެއް ނޭނގޭތީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ބަލަން އިންޓަޕޮލް ރީނދޫ ނޯޓިސްއަށް އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު ހޯދަން ވަރަށް ގިނަ ތަންތަން ބަލައި ފާސްކޮށްގެން ވެސް އޭނާއަށް ވީ ގޮތެއް ނޭނގޭތީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ބަލަން އިންޓަޕޮލް ރީނދޫ ނޯޓިސްއަށް އެދިއްޖެ އެވެ.

އުފަސް ދުވަސް ފާހަގަކުރުމާއި އެންގޭޖްމަންޓް ޕާޓީއެއް ބާއްވަން ތަސްލީމް ހިމެނޭހެން 25 މީހުންނާއި ކުޑަ ދެ ކުދިން އެ ފަސްގަނޑަށް ދިޔައީ މިިދިޔަ މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސެނިކޮށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ޖެހިގެން އައި ދުވަހުގެ މެންދުރު ފަހު 1:30 ހާއިރު އެވެ.

އެ އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ، ތަސްލީމް ގެއްލުމުގައި ތުހުމަތު ކުރެވޭ ސީރިއަސް ގިނަ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

އެ މައްސަލައިގައި ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދަތުރުގައި ތަސްލީމް ބައިވެރިވީ، ދަތުރު ރޭވި މީހުންގެ ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓުގެ މަސައްކަތްކުރަން ކަމަށެވެ. އެ މީހުންނާ އެކު ފަސްގަނޑަށް ދަތުރުދިޔަ ކަމާއި އެ ރޭ 12:00 އާ ހަމައަށް ދަތުރުގެ ބައިވެރިންނާއެކު ތަސްލީމް އުޅުނު ކަމަށް ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ޓެންޓު ޖަހާފައިވާ ސަރަހައްދުގައި އެ ރޭ 12:00 ގެ ފަހުން ތަސްލީމް ނިދާފައި އޮތްކަމަށް، މަންޒަރު ދުށް މީހުންނާއި ދަތުރުގައި ނަގާފައިވާ ބައެއް ފޮޓޯތަކުން ފެންނަ ކަމަށް ވެސް ބުންޏެވެ.

ބަޔާނުގައިވާ ގޮތުން ތަސްލީމް ފަސްގަނޑުގައި ހުއްޓާ އެންމެ ފަހުން ފެނުނީ، އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގަ އެވެ. އޭނާ މާލެ ދާން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށާއި، އެ ދުވަހުގެ 10:00-11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗަކުން ތަސްލީމް ފޮނުވާލަން ދަތުރުގެ ބައިވެރިން އޭނާ ހޯދިއިރު ނުފެނުމުން ތަސްލީމް އެހެން ލޯންޗެއްގައި މާލެ ދިޔަތޯ ބަލަން ދަތުރުގެ ބައިވެރިން އެ އާއިލާއަށް ގުޅައި މައުލޫމާތު ސާފުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ތަސްލީމް މާލެ ނާންނަ ކަމަށް އާއިލާއިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށިކަން ވެސް ތަހުގީގަށް އެނގިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

"މި މައްސަލައާ ގުޅިގެން ތަހުގީގުގައި، ތަސްލީމު މުހައްމަދާ އެކު ދަތުރުދިޔަ މީހުންނާ ސުވާލުކުރުމުގެ އިތުރުން އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު ގްރޫޕެއްގައި ހިމެނޭ 12 މީހުންނާ ވެސް ތަހުގީގުގައި ސުވާލުކޮށްފައިވެ އެވެ. އަދި ތަސްލީމް މުހައްމަދު ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލްކުރުމުގެ މަސައްކަތް ފަށައި ތަސްލީމް މުހައްމަދާއި އިތުރު ބަޔަކު ދަތުރު ދިއުމަށް ބޭނުންކުރި ދެ ލޯންޗު ބަލައި ފާސްކޮށްފައިވެ އެވެ."

ތަސްލީމްމެން ދަތުރުދިޔަ ފަސްގަނޑު ބަލަން މެރިން ޕޮލިހާއި އެމްއެންޑީއެފް ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ޖުމްލަ 943،998 އަކަ މީޓަރުގެ ސަރަހައްދެއް ވެސް ޑައިވްކޮށްގެން ބަލާފައިވެ އެވެ. އޭގެ އިތުރުން މާލޭގައި ތަސްލީމް އާއްމުކޮށް ގޮސްއުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްގެން ވެސް އޭނާގެ ހަބަރެއް ނުވި ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ، އޭނާ ހޯދުމަށް އިންޓަޕޯލް ރީނދޫ ނޯޓިސްއަށް ވަނީ އެދިފަ އެވެ.

ރީނދޫ ނޯޓިސް އަކީ މީހަކު ގެއްލުމުން އެ މީހާއާ ބެހޭ ގޮތުން މައުލޫމާތެއް ލިބިއްޖެ ނަމަ ހިއްސާކޮށްދިނުމަށް އެދި ނެރޭ ބައިނަލްއަގުވާމީ ނޯޓިސްއެކެވެ. އެއީ އާއިލާއިން ނުވަތަ ކުށްކުރާ ބަޔަކު މީހަކު ހިފަހައްޓައި ނުވަތަ ކިޑްނެޕްކޮށްފައިވާތީ ނުވަތަ ވީނުވީއެއް ނޭނގިފައިވާތީ އެ މީހަކު ހޯދުމުގައި އެހީތެރިކަމަށް އެދި ނެރޭ ނޯޓިސްއެކެވެ.