މަސައްކަތްތެރިންގެ ގޮތުގައި ގެންނަ ބިދޭސީންނަށް އިހުމާލުވާ ކުންފުނިތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
01 ސެޕްޓެމްބަރ 2024
މަސައްކަތްތެރިންގެ ގޮތުގައި ގެންނަ ބިދޭސީންނަށް އިހުމާލުވާ ކުންފުނިތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ވަޒީފާއާބެހޭ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓް 19 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
އެ އިސްލާހުގައިވާ ގޮތުން، ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ކުންފުންޏެއްގެ ކަމާގުޅޭ ކޮންމެ މުވައްޒަފަކު 50،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
މުސާރާ ނުދޭ ކުންފުނިތައް ޖޫރިމަނާ ކުރެވޭ ގޮތް ހެދުމުގެ އިތުރުން، އެއް ގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ކެބިނެޓަށް ލިބޭ ގޮތަށް ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދަކީ 100،000 މީހުންނެވެ. އެއް ގައުމަކުން ތިބި އަދަދު، އެއަށް ވުރެ ގިނަވާ ނަމަ އެ އަދަދަށް ބިދޭސީން މަދު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ރާއްޖޭގަ ވަޒީފާ އަދާކުރަން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާނީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ކަމަށެވެ.
އަދި އަހަރެއްގެ ތެރޭގައި ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުމުގަ އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތާއި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައް ވެސް ކަނޑައެޅޭނެކަމަށް އިސްލާހުގައިވެ އެވެ.
އޭގެ އިތުރުން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމުގައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރުކުރައްވައި ތަފްސީލުކޮށް ބަޔާންކުރައްވާފައިވެ އެވެ. އެގޮތުން:
- ބިދޭސީއަކު މަސައްކަތްކުރާނެ ވޯކްސައިޓް ރަޖިސްޓަރީކުރުން
- ކަމާގުޅޭ އެނޫންވެސް ހުއްދަތައް ހޯދުން
- ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުން
- ވޯކް ޕާމިޓް ހެއްދުން
އަދި އެ އިސްލާހުގައި ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެ އެވެ.
އެ އިސްލާހު ރައީސް ތަސްދީގުކުރައްވާފައިވާއިރު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކުރަންޖެހެ އެވެ.
ރާއްޖޭގައި ބަންގްލަދޭޝްގެ 100،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭތީ ކުރީ ސަރުކާރުން ވަނީ އެ ގައުމުން ބިދޭސީން އިތުރަށް ގެނައުން މަޑުޖައްސާލައިފަ އެވެ. އޭގެ ބަދަލުގައި ބިދޭސީން ގެންނަން ހުއްދަ ދިނީ އިންޑިއާ އިންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ނިންމުން ބާތިލް ކޮށް އަލުން ހުޅުވާލައިފަ އެވެ.
އިތުރުގަޑި ފައިސާ ނުދީ މަސައްކަތް ނުކުރުވަން ގޮވާލައިފި
މި މަހުގެ 20 ގައި ރޯދަ އިނާޔަތް ދެނީ
"މުސާރައިގެ ކުރިއެރުން ނުދެވެނީ ބަޖެޓް ނެތުމުން"
ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް ފަށައިފި
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަންޑިވިޝަން ހަދައިފި
މުވައްޒަފުން ޗުއްޓީ ނެގުމުން ދޭ އެލަވަންސް ހުއްޓާލައިފި
އެންއައިސީގެ އާ މަގާމުތަކަށް ހުއްދައެއް ނުދިން
50،000ރ. ނަގަން ފާސްކުރީ ސަލީމްގެ ވޯޓާއެކު!
ގާސިމްގެ ރުޅިގަނޑު މިއަދު ވެސް ކޮންޓްރޯލެއް ނުވި!
ބިދޭސީންނަށް މިނިމަމްވޭޖް ދިނުމުގެ ސްޓޭންޑް ބަދަލުވެއްޖެ