Roadha Mihaaru
ޣައްޒާގެ ސްކޫލަކަށް ހަމަލާދީ އަނެއްކާވެސް 11 މަރު

ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން އަނެއްކާވެސް ހަމަލާ ދީފި، 11 މަރު

02 ސެޕްޓެމްބަރ 2024

ހަމާސްގެ ކޮމާންޑް ސެންޓަރެއް ހުންނަ ތަނެއް ކަމަށް ބުނެ ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން އަނެއްކާވެސް ހަމަލާދީ 11 މީހަކު ޝަހީދުކޮށްލައިފި އެވެ.

ހަމާސްގެ ކޮމާންޑް ސެންޓަރެއް ހުންނަ ތަނެއް ކަމަށް ބުނެ ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން އަނެއްކާވެސް ހަމަލާދީ 11 މީހަކު ޝަހީދުކޮށްލައިފި އެވެ.

"ހާލުގައި ޖެހިފައިވާ މީހުންނަށް ހިޔާވަހިކަންދޭ ސަފަދް ސްކޫލަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން އަންހެންނަކާއި ކުޑަކުއްޖަކު ވެސް ހިމެނޭ ގޮތަށް، 11 މީހަކު ވަނީ ޝަހީދުވެފައި،" ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހަމަލާގައި ވަރަށް ގިނަ މީހުން ޒަހަމްވި ކަމަށެވެ.

ޣައްޒާގެ ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުގައި މި ސްކޫލްގައި ހަމާސްގެ ފުލުހުންގެ ޕޯސްޓެއް ހުރެ އެވެ. ހަމަލާ ދިނީ ފުލުހުންނަށް އަމާޒުކޮށްފައި ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން މިފަހަރު ވެސް ބުނީ ސްކޫލަށް ހަމަލާދިނީ ހަމާސްގެ ކޮމާންޑް ސެންޓަރެއް އެތަނުގައި ހިންގާތީ ކަމަށެވެ. އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާ ބިމާ ހަމަވެފައި ވާއިރު ބޯހިޔާވަހިކަން ހޯދަން އާންމުން މިހާރު ބޭނުންކުރަނީ އެކި ޖަމާއަތްތަކުގެ ބެލުމުގެ ދަށުން ހިންގާ ސްކޫލްތައް ކަމަށް ވާއިރު އެ ތަންތަނަށް ހަމަލާ ދިނުން އިޒްރޭލުން ވަނީ އާންމު ކަމަކަށް ހަދައިފަ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ބުނަނީ ހަމަލާ ދެނީ ހަނގުރާމަވެރިންގެ ކޮމާންޑް ސެންޓަރުތަކަށް ކަމަށެވެ.

މިދިޔަ އަަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ދާއިރު މިހާތަނަށް އެ ހަމަލާތަކުގައި ފަލަސްތީނުގެ 40،738 މީހަކު ވަނީ ޝަހީދުވެފަ އެވެ. އދ. އިން ބުނާ ގޮތުގައި މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. -- އޭއެފްޕީ