Roadha Mihaaru
ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް

ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް

02 ސެޕްޓެމްބަރ 2024

ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އުޅަނދުތަކަށް ދެމުން ގެންދާ ހަމަލާތަކުގައި ލައިބީރިއާގެ ކާގޯ ބޯޓަކަށް އަމާޒުކޮށް މިސައިލުން ހަމަލާދީފި އެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އުޅަނދުތަކަށް ދެމުން ގެންދާ ހަމަލާތަކުގައި ލައިބީރިއާގެ ކާގޯ ބޯޓަކަށް އަމާޒުކޮށް މިސައިލުން ހަމަލާދީފި އެވެ.

ހޫތީން ހޮނިހިރު ދުވަހު ބުނި ގޮތުގައި ދެ މިސައިލުން ދިން ހަމަލާތަައް ބޯޓަށް ވަނީ އަރައިފަ އެވެ.

"ޔަމަންގެ ހަތިޔާރުއެޅި ބާރުތަކުން ގަލްފް އޮފް އަދަންގައި [ގްރޮޓޮން] ބޯޓާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ވާނީ ހިންގާފައި،" ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯޓަށް ހަމަލާ އަމާޒުވި ކަމަށާއި މީގެ ކުރިން ވެސް ހަމަ އެ އުޅަނދަށް ހަމަލާ ދީފައިވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީން ހިންގާ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އެޖެންސީން ބުނީ ހުރިހާ ފަޅުވެރިން ސަލާމަތުން ތިބި ކަމަށް ކެޕްޓަން ރިޕޯޓްކޮށްފައިވާ ކަމަށާއި ކުރިން ވެސް ކަނޑައަޅާފައިވާ ބަނދަރާ ދިމާލަށް ބޯޓު ދަތުރުކުރަމުންދާ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭތީ އެކަމުގެ ބަދަލު ހިފަން ކަމަށް ބުނެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހޫތީން ދެމުން ގެންދާ ހަމަލާތައް ހުއްޓުވަން އެމެރިކާ އާއި އިނގިރޭސި ވިލާތުން ހޫތީންގެ މަގާމުތަކަށް އެތައް ފަހަރަކު ވަނީ ހަމަލާ ވެސް ދީފަ އެވެ.

ހޫތީން ބުނާ ގޮތުގައި ހަމަލާތައް އަމާޒުކުރަނީ އިޒްރޭލުގެ މުދާ އުފުލާ ބޯޓުތަކާއި އެކި ގޮތްގޮތުން އިޒްރޭލާ ގުޅުން އޮންނަ ބޯޓުތަކަށެވެ. ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ކަމަށް އަންދާޒާކުރެވޭ ރަތްކަނޑުން ދަތުރުކުރުން، ހޫތީންގެ ހަމަލާތަކާ ހެދި ސަސްޕެންޑްކޮށް އެތައް ހާސް މޭލެއް ދުރުން އެފްރިކާ ބައްރު ވަށާލައި ދަތުރުކުރަން ފަށައިފަ އެވެ. އެ ސަބަބާ ހެދި މުދާ އުފުލުމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ. -- އޭއެފްޕީ