Roadha Mihaaru
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް

އިޒްރޭލުގެ މެދަށް ހޫތީންގެ މިސައިލެއް؛ ނަތަންޔާހޫ އިންޒާރު ދީފި

15 ސެޕްޓެމްބަރ 2024

ޔަމަންގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި މިސައިލެއް އަނެއްކާވެސް އިޒްރޭލުގެ މެދުތެރެއަށް ވެއްޓުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އިންޒާރު ދީފި އެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި މިސައިލެއް އަނެއްކާވެސް އިޒްރޭލުގެ މެދުތެރެއަށް ވެއްޓުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އިންޒާރު ދީފި އެވެ.

"މިއަދު ހެނދުނު ހޫތީން ވަނީ ސާފޭސް ޓު ސާފޭސް މިސައިލެއް ޔަމަނުން އަހަރެމެންގެ ސަރަހައްދަށް ފޮނުވާލާފައިވާ. އެ މީހުންނަށް އެނގެންވާނެ އަހަރެމެންނަށް ގެއްލުންދޭން މަސައްކަތްކުރާ މީހުން އަދާކުރަންޖެހޭ އަގު ވަރަށް ބޮޑުވާނެކަން،" މިއަދުގެ ކެބިނެޓް ބައްދަލުވުން ފަށަމުން ނަތަންޔާހޫ ދެއްކި ކަމަށް ބުނާ ވާހަކައާ ހަވާލާދީ އޭނާގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

"މިކަމުގެ ހަނދާން އާކޮށްލަން ބޭނުންވާ މީހުން [ޔަމަންގެ] ހުދައިދާ ބަނދަރަށް އައުމަށް ދައުވަތުދެން،" އިންޒާރު ދެމުން ނަތަންޔާހޫ ބުނެފައިވެ އެވެ.

ނަތަންޔާހޫ އިޝާރާތްކޮށްފައި އެ ވަނީ މިދިޔަ ޖުލައި މަހު ހޫތީން ދިން ޑްރޯން ހަމަލާއެއްގައި އިޒްރޭލު މީހަކު މަރުވުމުން ރައްދުގައި އިޒްރޭލުގެ ޖެޓްތަކުން ހުދައިދާ އަށް ދިން ހަމަލާތަކަށެވެ.

ހޫތީންގެ ހަމަލާ އިޒްރޭލުގެ މެދުތެރޭ ސަރަހައްދަކަށް އަމާޒު ވިޔަސް އެ ހަމަލާގެ ސަބަބުން މީހަކަށް ގެއްލުމެއް ނުވެ އެވެ. އެކަމަކު މި ހަމަލާ ވެފައި ވަނީ އިޒްރޭލާއި ހަމާސްގެ ކުރިމަތިލުންތައް މުޅި ސަރަހައްދުގެ ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު އަނެއްކާވެސް ބޮޑުވި ސަބަބަކަށެވެ.

އީރާނުން އެހީވާ ކަމުގެ ތުހުމަތު އޮންނަ ހޫތީންނަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކާ އެކު، މި ހަމަނުޖެހުމުގެ ތެރެއަށް ވަދެފައިވާ ހަނގުރާމަވެރި އެއް ޖަމާއަތެވެ. ހޫތީންގެ އިތުރުން ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ދަނީ އިޒްރޭލުގެ އުތުރު ސަރަހައްދުތަކަށް ސިލްސިލާ ގޮތެއްގައި ހަމަލާ ދެމުންނެވެ.

އިޒްރޭލާއި ލުބްނާން ބޯޑަރުގެ ދެ ފަރާތުގައި އެތައް ހާސް ބަޔަކު ގެދޮރު ގެއްލިފައިވާއިރު ނަތަންޔާހޫ އާދީއްތަ ދުވަހު ބުނީ މިހާރު އޮތީ ދެމެހެއްޓެނިވި ހާލަތެއް ނޫން ކަމަށެވެ.

"މިހާރު އޮތް ހާލަތު މިހެން އަބަދަކު ނުބޭއްވޭނެ. ރައްކާތެރިކަމާ އެކު ރައްޔިތުން އަނބުރާ ވަޒަނަށް ގެންނަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން،" ނަތަންޔާހޫ ބުންޏެވެ.

ހޫތީން ގެންދަނީ އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ރަތް ކަނޑުގައި އުޅަނދުތަކަށް ވެސް ހަމަލާ ދެމުންނެވެ. ހޫތީން ބުނަނީ އެ މީހުން ހަމަލާ ދެނީ އިޒްރޭލާ ގުޅުން އޮންނަ ގައުމުތަކާއި ވިޔަފާރިތަކާ ގުޅުން ހުރި އުޅަނދުތަކަށް ކަމަށެވެ.