02 ސެޕްޓެމްބަރ 2024
ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗުކަން މުހައްމަދު އާދަމަށް ދިނުމުން ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން އެކަމާ ސުވާލު އުފައްދައިފި އެވެ.
ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗުކަން މުހައްމަދު އާދަމަށް ދިނުމުން ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން އެކަމާ ސުވާލު އުފައްދައިފި އެވެ.
ފުޓްބޯޅައިގައި އަމަލީ ގޮތުން މުހައްމަދު، އެންމެ ފަހުން ކުރި ބޮޑު މަސައްކަތަކީ ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ހަމަޖެއްސި ދިވެހި ލީގުގެ ފޯމެޓް އެކުލަވާލުމުގެ މަސައްކަތެވެ. އެކަމަކު އެ ލީގުގައި އަމަލީ ސިފައެއް ނުޖެހުނެވެ. ވީ ބޮޑު ފުލޮޕަކަށެވެ.
އެ ލީގު އެކުލަވާލާފައި އޮތް ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް ފުޓްބޯޅައިގެ ތަޖުރިބާކާރުގެ ފަރާތުން އޭރު ވެސް އޭނާ އަށާއި އެފްއޭއެމަށް އަމާޒުވި އެވެ.
ވިކްޓަރީގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި ހުރި މުހައްމަދަށް، ރާއްޖޭގެ އެންމެ އުއްމީދީ ޖީލުގެ ކޯޗުކަން ދިނުމުން ސުވާލު އުފެއްދި، ސަބަބަކީ މީގެ ކުރިން ޔޫތު ފުޓްބޯޅައިގެ އެކަށީގެންވާ މަސައްކަތެއް އޭނާ ކޮށްފައި ނުވުމުންނެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކުރީގެ އެސިސްޓެންޓް ކޯޗު އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އާދަމް އަބްދު ލަތީފް (ލައްޗޭ) ބުނީ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި ތިބެން ޖެހޭނީ ފުޓްބޯޅައިގައި މަސައްކަތްކޮށް ކާމިޔާބު ހޯދާފައިވާ ކޯޗުން ކަމަށެވެ.
ރާއްޖޭގައި އެންމެ ފަހުން މަސައްކަތް ކުރި ދެ ކްލަބްގައި ވެސް މުހައްމަދަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުން، ޒުވާން ގައުމީ ޓީމު އޭނާއާ ހަވާލުކޮށްފައި ވަނީ ބަލަން ޖެހޭ ކަންކަން ނުބަލައި ކަމަށް ލައްޗޭ ބުންޏެވެ.
"އަޅުގަނޑުމެން އަންޑަ ނައިންޓީން ގައުމީ ޓީމަށް ކުޅުނު އިރު އޭރު ވެސް އެ ޓީމުގެ ކޯޗަކަށް ހުންނާނީ އެއިރެއްގައި ރާއްޖޭން ލިބެން ހުރި އެންމެ ރަނގަޅު ކޯޗު،" އޭއެފްސީ ބީ ލައިސެންސް ކޯޗިން ކޯސް ފުރިހަމަކޮށްފައިވާ ލައްޗޭ ބުންޏެވެ.
އެހެން ކޯޗަކު ވެސް ބުނީ ޒުވާން ޓީމަށް ކޯޗުން ކަނޑައެޅުމުގައި އެފްއޭއެމުން ފަސޭހަކޮށްލާފައިވާ މަންޒަރު ފެންނަ ކަމަށެވެ.
ޒުވާން ގައުމީ ޓީމުގެ ކޯޗުކަން މުހައްމަދަށް ދޭން ނިންމީ އެފްއޭއެމްގެ ކުރީގެ ލިޑާޝިޕުންނެވެ.
"ދޭން ފެނުނީމަ ދޭންވީ. އިވެލުއޭޝަނެއް ނޯންނާނެ. އިންޓަވިއުއެއް ވެސް ނޯންނާނެ،" ކޯޗަކު ބުންޏެވެ.
މިހާރު 17 އަހަރުން ދަށުގެ މި ޓީމު، މިދިޔަ ދެ ތިން އަހަރު ގެންގުޅުނީ ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވި ފަހުން ވެސް، އެފްއޭއެމްގެ އެދުމަށް މިދިޔަ އަހަރު ވެސް ސާފްގެ މުބާރާތުގައި އޭނާ އެ ޓީމަށް ކޯޗުކޮށް ދީ ސެމީ ފައިނަލަށް ގެންގޮސް ދިނެވެ.
ސްރީ ލަންކާގައި ކޯޗުކޮށްދީ ކާމިޔާބު ހޯދައި ދިން ނަމަވެސް، ރާއްޖޭގައި މުހައްމަދު ހަވާލުވި ދެ ކްލަބްގައި ވެސް އޭނާ އަށް އުއްމީދު ކުރި ވަރާ ގާތް ކުރާ ވަރުގެ މަސައްކަތެއް ވެސް ނުކުރެވުނެވެ.
ލަންކާގެ ގޯލްޑް ކަޕްގެ ޗެމްޕިއަންކަން 2013 ގައި އެ ގައުމުގެ ޖާވާ ލޭން އަށް ހޯދައިދިން މުހައްމަދު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އެންމެ ފުރަތަމަ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރީ 2019 ގައި ވިކްޓަރީގަ އެވެ. މާލީ މައްސަލަތަކާ ހުރެ އެ ކްލަބްގައި އޭނާ ކުރިއަކަށް ނުދެވުނެވެ. އޭނާ ދެން ހަވާލުވީ ޔުނައިޓެޑް ވިކްޓަރީއާ އެވެ. އެކަމަކު އެ ކްލަބްގައި މާ ބޮޑު ކަމެއް ނުކުރެވުނެވެ. އޭގެ ފަހުން އެއްވެސް ޓީމެއްގައި އޭނާ ކޯޗުކޮށް ނުދެ އެވެ.
ލައްޗޭ ބުނީ ރާއްޖޭގެ އުންމީދީ ޖީލުގެ ކޯޗުކަން ހަވާލު ކުރަން މުހައްމަދަކީ އެންމެ ރަނގަޅު ކޯޗު ނޫން ކަމަށެވެ.
"ކޯޗެއްގެ ގޮތުގައި ޓީމެއްގެ މަސައްކަތް ފުރިހަމަ ކުރެވިފައި ނެތް އޭނާ އަށް،" އޭނާ ބުންޏެވެ.
"ރާއްޖޭގައި އެބަތިބި ޔޫތު ފުޓްބޯޅައިގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައި ތިބި މީހުން. ކީއްވެ އޭގެން ކޯޗަކާ މި ޓީމު ހަވާލު ނުކުރަންވީ؟،"
ޓީމުގެ ސީނިއާ އެސިސްޓެންޓް ކޯޗަކީ އެންމެ ފަހުން ބޭއްވި 19 އަހަރުން ދަށުގެ މުބާރާތް ޓީސީ ސްޕޯޓްސް އަށް ކާމިޔާބުކޮށް ދިން އަހިމަދު ނިމާދެވެ.
މުހައްމަދުއާ ކޯޗުކަން ހަވާލު ކުރަން ނިންމުމުގައި އޭރު އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި ހުރި އިންގްލެންޑް ޕޯލް ތޯމަސް ސްމޯލީގެ ހިޔާލު އެފްއޭއުމުގެ އޭރުގެ ލީޑާޝިޕުން ހޯދާފައި ނުވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
މުހައްމަދުއާ މެދު އުފައްދާ ސުވާލުތަކަށް އޭނާގެ ބަހެއް ހޯދަން، ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ގުޅޭ ގޮތެއް ނުވުމުން، އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ރާއްޖޭގެ 17 އަހަރުންދަށުގެ މި ޓީމަކީ ރާއްޖޭގެ އުއްމީދީ ޖީލު ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ބުނެ އެވެ. ވީއޭއެމާއި އެފްއޭއެމްގެ ޖެނަރަލް ސެކެރެޓަރީކަން ވެސް ކޮށްފައިވާ މުހައްމަދަށް ފުޓްބޯޅައިގެ ޓެކްނިކަލް މަސައްކަތުގައި މިއީ ބޮޑު ޓެސްޓެކެވެ.
އޭނާގެ ކޯޗުކަމުގެދަށުން ކުރިމަތިލާ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތުގައި 17 އަހަރުންދަށުގެ ސާފެ ޗެމްޕިއަންޝިޕުގައި، ރާއްޖެ ލައްވާލީ ވަރުގަދަ އިންޑިއާ އާއި ބަންގްލަދޭޝާ އެއް ގުރޫޕެއްގަ އެވެ. މުބާރާތް އޮންނާނީ މި މަހު 20-30 އަށް ބޫޓާނުގަ އެވެ.
އިލާން އާއި އަޔާން އަށް އަނިޔާވެ ކޮލިފައިން ނިމިއްޖެ
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް
"ޔޫތު ޓީމުން ސަސް ކުޅުންތެރިން ބާކީކުރީ ބޭއިންސާފުން"
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު
އެފްއޭއެމްގެ ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު
ރާއްޖެ ހުއްޓިފައި، ސާފްގެ އަނެއް ހަ ގައުމަށް ފޯރިގަދަ
ފުޓްބޯޅަ ވެއްޓިފައިވާ ހާލަތާ މެދު ރައީސްގެ ކަންބޮވުން