Roadha Mihaaru
އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރަނީ

އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރުމަށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017

އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރި، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރި، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ފާސްކޮށްފި އެވެ.

އެކަމަކު މި އިސްލާހަށް އަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފާސްކުރުމުންނެވެ. މި ބިލާ މެދު މަޖިލިހުން މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގެ ބިލް ދިރާސާކުރި ކޮމެޓީން ވަނީ އެ ބިލަށް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި، ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ އަދަދު ދެ ގުނަ އަށް ބޮޑު ކުރަން ބިލްގައި ހިމަނާފައިވެ އެވެ.

ކޮމެޓީން މި ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ސޮފްޓް ޑްރިންކުން ޑިއުޓީގެ ގޮތުގައި ލިޓަރަކަށް 4.60ރ. ނެގުމަށާއި އެނާޖީ ޑްރިންކުން ލިޓަރަކަށް 33.64ރ. ނެގުމަށް މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅިއިރު އޮތީ އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ވެސް ލިޓަރަކަށް 4.60ރ. ނަގާ ގޮތަށެވެ.

ކޮމެޓީން ގެނައި ބަދަލާއެކު ބިލް ފާސްކޮށްފި ނަމަ، 20ރ. އަށް ލިބޭ ރެޑްބުލް ދަޅެއްގެ އަގު 28ރ. އަށް އަރާނެ އެވެ. އަދި 15ރ. އަށް ވިއްކާ އެކްސްއެލް ދަޅެއް ދެން ލިބޭނީ 23ރ. އަށެވެ.

ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކޮންމެ ސިނގިރޭޓަކުން 75ލ. ޑިއުޓީ ބޮޑުކޮށް، އޭގެ އިތުރުން ސިނގިރޭޓްގެ ކޮންމެ އިންވޮއިސް ވެލިއުއެއްގެ ގޮތުގައި 25 ޕަސެންޓް ނެގުމަށް ވަނީ ހިމަނައިފަ އެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅިއިރު އޮތީ ކޮންމެ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި 2ރ. އެކަނި ނަގާ ގޮތަށެވެ.

ސިނގިރޭޓް ފޮއްޓެއް މާލޭގައި މިހާރު އެވްރެޖްކޮށް ވިއްކަނީ 50ރ. އަށެވެ. އަދި ވަކިން ސިނގިރޭޓެއް 2.50ރ. އަށް ވިއްކާއިރު، މިގޮތަށް ފާސްކޮށްފި ނަމަ ވަކި ސިނގިރޭޓެއްގެ އަގު 3.50ރ. އަށް ބަދަލުވެގެން ދާނެ އެވެ. އެއީ ސިނގިރޭޓް ފޮއްޓަކުން 20ރ. ގެ ބޮޑުވުމެކެވެ.

ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 1.25ރ. އެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 497 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެތެރެކުރިއިރު، ސިނގިރޭޓު އިމްޕޯޓްކޮށްގެން އާމްދަނީގެ ގޮތުގައި 622 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު 460 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެތެރެކުރި އެވެ.