ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރަން އުޅޭ ބިލާ އެކު، ސިނގިރޭޓު އެތެރެކުރި އަދަދު 200 ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.
26 ފެބުރުއަރީ 2017
ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރަން އުޅޭ ބިލާ އެކު، ސިނގިރޭޓު އެތެރެކުރި އަދަދު 200 ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.
ސިނގިރޭޓާއި އެނަޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅީ މި މަހުގެ 12ގަ އެވެ. އެ ބިލު ބަލައިގަނެ މަޖިލީހުގައި ބަހުސްކުރުމަށް ފަހު ކޮމިޓީގައި ކަމާބެހޭ އިދާރާތަކުގެ މީހުންނާ މެމްބަރުން ސުވާލުކޮށް ވަރަށް ގިނަ މައުލޫމާތު ހޯދައިފައިވެ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހު 45 މިލިއަން ސިނގިރޭޓް އަދި ޖެނުއަރީ މަހު 40 މިލިއަން ސިނގިރޭޓް އެތެރެކުރިއިރު، މި މަހު 21ގެ ނިޔަލަށް 124 މިލިއަން ސިނގިރޭޓް ރާއްޖެ އަށް އެތެރެކޮށްފައިވެ އެވެ.
"މިއީ 200 ޕަސެންޓްގެ އިތުރުވުމެއް،" ކުރީ ދެ މަހާއި ފެބްރުއަރީ މަހުގެ ތަފާތަށް އިޝާރާތްކުރައްވައި ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"ކުރީ ފަހަރު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރަން އުޅުނު އިރު ވެސް ހަމަ މި ކަހަލަ ހާލަތެއް އައި."
ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 56 މިލިއަން ރުފިޔާ، މިދިޔަ ޖެނުއަރީ މަހު 50 މިލިއަން ރުފިޔާ ދައުލަތަށް ދެއްކި އިރު މި މަހުގެ ފުރަތަމަ ތިން ހަފްތާ ތެރޭގައި 155 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ބިލުގެ މަސައްކަތް މަޖިލީހުގައި ހިނގައިގަތުމާ އެކު ދެތިން ދުވަހެއްގެ ތެރޭގައި ގިނަ އަދަދެއްގެ ސިނގިރޭޓަށް އެއްފަހަރާ ޑިއުޓީ ދައްކައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް އިން ނެރެފައިވެ އެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި އެތެރެކުރި މުދަލުގެ ގޮތުގައި ބަލަނީ ކުރިން އެތެރެކޮށް ބޮންޑެޑް ވެއާހައުސްގައި ހުއްޓާ ޑިއުޓީ ދައްކާފައި އެ ތަނުން ނެރޭ އެއްޗެއްސާއި އަލަށް އެތެރެކުރާ އެއްޗެހި ވެސް ހިމަނައިގެންނެވެ.
ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެ ގެނައުމަށް ފަހު ޑިއުޓީ ނުދައްކައި ބޮންޑެޑް ވެއާހައުސްގައި ސިނގިރޭޓް ބެހެއްޓޭ ގޮތަށް އޮތުމަކީ ގޯހެކެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު ހަސަން މުހައްމަދު ވިދާޅުވީ ސިނގިރޭޓަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗަކަށް ވާތީ އެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
"އެތެރެކުރާ އިރު ޑިއުޓީ ނުދައްކާ އިހަށް މި ހުންނަނީ. އަސްލު ޑިއުޓީ ދައްކަނީ ވިޔަފާރިވެރިން ބޭނުންވީމަ އެ މީހުންނަށް ފައިސާ މެނޭޖްކުރެވޭ ވަރަކަށް. އެ ގޮތަށް ވެއާހައުސްގައި ސިނގިރޭޓް ބަހައްޓައިގެން، ވިޔަފާރިވެރިޔާ އަށް ފައިސާ ލިބޭ މިންވަރަކުން ޑިއުޓީ ދައްކަމުން ވެއާހައުސް އިން ނެރެމުން ގެންދަނީ. މިއީ ކަމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ބަލާ އިރު ސިނގިރޭޓްގެ ވިޔަފާރިއަށް ދެވޭ އިނާޔަތެއް،" އޭނާ ފާހަގަކުރެއްވި އެވެ.
ހަސަން ވިދާޅުވިގޮތުގައި ޑިއުޓީ ބޮޑުކުރާ ބިލު، ބަހުސާ ހަމައަށް ދިޔަ ހިސާބުން ސިނގިރޭޓް އެތެރެކުރި އަދަދު ކުއްލިއަކަށް މައްޗަށް ދިޔައީ މިހާރު ނަގަމުން އަންނަ ކުޑަ ޑިއުޓީ ދައްކައި، އަންނަން އޮތް ބޮޑު ޑިއުޓީން ރެކިގަންނަން ވިޔަފާރިވެރިން ބޭނުންވީމަ އެވެ. އެއާ އެކު ވިޔަފާރިވެރިން "ދެކޮޅުން ވެސް ފައިދާ ނަގާނެ" ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެއީ ކުޑަ ޑިއުޓީގައި ބޮޑު ސްޓޮކެއް އެތެރެކޮށްފައި، ޑިއުޓީ ބޮޑުކުރީމާ ހަމަ އެ ސްޓޮކް އަގު ބޮޑުކޮށް ވިއްކުމެވެ.
"ސިނގިރޭޓްގެ ޝެލްފް ލައިފްއަކީ ގާތްގަނޑަކަށް ހަ މަސް ދުވަސް. އެހެންވީމަ މިހާރުގެ ރޭޓުގައި ބޮޑު ސްޓޮކެއް އެތެރެކޮށްފައި ބެހެއްޓޭނެ. ރާއްޖޭގެ (ސިނގިރޭޓުގެ) 75 ޕަސެންޓް މާކެޓް މި ކޮންޓްރޯލްކުރަނީ އެއް ބައެއް. އެ މީހުން ބޭނުމިއްޔާ އަގު ބޮޑު ނުކޮށް ބެހެއްޓޭނެ ހަ މަސް ވަންދެން. އެކަމަކު ރާއްޖޭގެ މާކެޓް މަސައްކަތްކުރާ ގޮތުން ބޮޑަށް ހީވަނީ ވަގުތުން އަގުބޮޑު ކުރާނެ ހެން،" ހަސަން ވިދާޅުވި އެވެ.
"(ޑިއުޓީ) އިތުރުވާ ރޭޓްގައި (ސިނގިރޭޓް) ގެންނަން ފަށާނެ ކަމަށް މި ބަލަނީ މި އަހަރުގެ ފަހުކޮޅު."
އެއްފަހަރާ ސިނގިރޭޓުގެ ބޮޑު ސްޓޮކެއް އެތެރެކުރުމާ ގުޅިގެން "ދައުލަތަށް ދެ ގެއްލުމެއް" ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ހަސަން ގަބޫލުކުރައްވަ އެވެ.
"އެއް ކަމަކީ އަގު ބޮޑުކޮށްގެން މީހުން މިއާ ދުރުކުރަން ކަނޑައަޅާފައިވާ އަމާޒު (ސިނގިރޭޓުގެ ވިޔަފާރިވެރިންނަށް) ނާކާމިޔާބުކޮށްލެވިދާނެ. އަނެއް ކަމަކީ ދައުލަތަށް އިތުރުކުރަން ބޭނުންވާ އާމްދަނީ ވަގުތުން އިތުރެއް ނުވާނެ،" އޭނާ ފާހަގަކުރެއްވި އެވެ.
ޑިއުޓީ ބޮޑުކުރާ ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިގްތިސޯދީ ކޮމިޓީން ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާ ސުވާލުކުރަނީ
ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި ބިލަށް ބަދަލު ގެނެސް، އިގްތިސާދީ ކޮމެޓީން މިދިޔަ ބުދަދުވަހު ފާސްކުރީ ސިނގިރޭޓަކުން ރުފިޔާއެއް ބޮޑުވާ ގޮތަށެވެ. އެއީ ސިނގިރޭޓަކުން 75ލ. ޑިއުޓީ ބޮޑުކުރުމުގެ އިތުރުން ސިނގިރޭޓްގެ ކޮންމެ އިންވޮއިސް ވެލިއުއެއްގެ ގޮތުގައި 25 ޕަސެންޓް ނަގަން ނިންމައިގެންނެވެ.
ސިނގިރޭޓް ފޮއްޓެއް މާލޭގައި މިހާރު އެވްރެޖްކޮށް ވިއްކަނީ 50ރ. އަށެވެ. އަދި ވަކިން ސިނގިރޭޓެއް 2.50ރ. އަށް ވިއްކާ އިރު، މިގޮތަށް މަޖިލީހުން ފާސްކޮށްފި ނަމަ ސިނގިރޭޓެއްގެ އަގު 3.50ރ. އަށް އަރާނެ އެވެ.
ދައުލަތަށް އާމްދަނީ އިތުރުކުރަން މި އަހަރުން ފެށިގެން ސިނގިރޭޓުން ޓެކްސް ބޮޑުކުރާނެކަން ސަރުކާރުން އޮތީ ކުރިން ވެސް އިއުލާންކޮށްފަ އެވެ. ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިދިޔަ އަހަރުގެ ނޮވެމްބަރު 8ގައި ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ބަޖެޓް ހުށަހެޅުއްވި އިރު އެކަން ހާމަކުރެއްވި އެވެ.
ހަސަން ފާހަގަކުރެއްވި ގޮތުގައި މިއީ ރަނގަޅު ސިޔާސަތެއް ނޫނެވެ. އޭނާ ވިދާޅުވީ އެހެން ގައުމުތަކުގައި، ދުންފަތާ ގުޅުން ހުރި މިފަދަ ފިޔަވަޅުތައް ދުރާލާ ހާމަ ނުކުރާނެ ކަމަށެވެ.
"ކުރިން 2012 އިން ފެށިގެން ޑިއުޓީ 200 ޕަސެންޓް އިތުރުކުރަން ދުރާލާ އިއުލާންކުރީމާ 2011ގައި ރެކޯޑް އަދަދަކަށް ދުންފަތް އެތެރެކުރި. އެހެން ގައުމުތަކުގައި މި ގޮތަށް ޓެކްސް އިތުރުކުރަނީ ކަމާބެހޭ ފަރާތްތަކުން ކުއްލިއަކަށް ގެންނަ ބަދަލަކުން. އެއީ އާއްމު ސިއްހަތަށް ވުރެ މުހިއްމު އެހެން ކަމެއް ނެތް ކަމަށް ބަލައިގެން،" އޭނާ ވިދާޅުވި އެވެ.
ސިނގިރޭޓާއި އެނަޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރާ ބިލު ފާސްކުރަން ފެނޭތޯ މި ހަފްތާގައި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.
އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރަނީ
ދުންފަތާ ގުޅޭ ލުއިތައް އަންނަ ނޮވެމްބަރު މަހާ ހަމައަށް
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި
ސިނގިރޭޓާއި އެނާޖީޑްރިންކް އަގުބޮޑުކުރަން މާދަމާ ވޯޓަށް
ޑިއުޓީ ފައިސާއިން ހޭލުންތެރިކަމަށް ހޭދަކުރަން ދެކޮޅު
ކޮމެޓީން ފާސްކުރީ ސިނގިރޭޓަކުން ރުފިޔާއެއް ބޮޑުވާގޮތަށް
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރާ އިސްލާހު ބަލައިގެންފި
ރޯލިން ޓޮބޭކޯގެ ޝިޕްމަންޓުތައް ދޫކޮށްލައިފި
ސެޒޭޝަން ފަރުވާއަށް ބޭނުންވާ ބާވަތްތައް އެތެރެކުރެވޭ
ދުންފަތް އުފައްދާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާ!