Roadha Mihaaru
ނާބެ އާއި ދޮނާ އަށް ކުޅިވަރުގެ ޝަރަފުވެރިކަމުގެ އިނާމު

ނާބެ އާއި ދޮނާ އަށް ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު

04 ސެޕްޓެމްބަރ 2024

ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު، ރިނބިދޫ މުހައްމަދު ނާސިރު (ނާބެ) އާއި އަހުމަދު މުހައްމަދު (ދޮނާ) އަށް ދެއްވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު، ރިނބިދޫ މުހައްމަދު ނާސިރު (ނާބެ) އާއި އަހުމަދު މުހައްމަދު (ދޮނާ) އަށް ދެއްވައިފި އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި، މިއަދު ބޭއްވި ގައުމީ އިނާމު ދިނުމުގެ ހަފުލާގައި އެ ދެ ހިދުމަތްތެރިންނަށް ޝަރަފުވެރިކަމުގެ އިނާމު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ނާސިރު ވަނީ ގިނަ ކުޅިވަރުތަކެއް ކުޅުއްވައި ކާމިޔާބު ހޯއްދަވާފަ އެވެ. ފުޓްބޯޅަ، ޓީޓީ، ކްރިކެޓް، ބެޑްމިންޓަން، ބާސްކެޓް، ވޮލީބޯޅާ އަދި ހޮކީ ވެސް މޮޅަށް ކުޅުއްވި އެވެ. އެތުލެޓިކްސް މުބާރާތްތަކުގައި ވެސް ވާދަކުރި ނާސިރު ވަނީ އޭރުގެ އެންމެ ފޯރިގަދަ ބައިސްކަލް ރޭސްތަކުން ވެސް ވަނަ ހޯދައިފަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް ވެސް ކުޅުނު ނާސިރު އެންމެ ބޮޑަށް ފަހަގަވީ ފުޓްބޯޅައިންނެވެ. އައްޑޫގައި 1970 ގައި ބޭއްވި ގައުމީ ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ޗެމްޕިއަންކަން ޒަމާނީ މިޔުޒިކް ކްލަބަށް ހޯދައި ދިނުމުގައި އޭރުގެ މަޝްހޫރު ޑިފެންޑަރު ނާބެ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ މުބާރާތުންގެ އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑް ހޯދީ ވެސް ނާސިރެވެ.

ރީޔޫނިއަންގައި 1979 ގައި ބޭއްވި ގައުމީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ނާސިރު ވަނީ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފަ އެވެ. އޭނާ މިހާރުގެ ދަރިފުޅު ނީޝާމް ނާސިރަކީ ކްރިކެޓްގެ ގައުމީ ކޯޗެވެ. ކާފަ ދަރިފުޅުނު އައިކް ނީޝާމް ނާސިރަކީ ބާސްކެޓްބޯޅައިގެ އެންމެ އުއްމީދީ ތަރި އެވެ.

ނ. މަނަދުއަށް އުފަން ދޮނާ އަކީ ރާއްޖޭގެ ކުރީގެ އެންމެ މޮޅު ކުޅިވަރު އެޑްމިނިސްޓްރޭޓަރެވެ. އެމެޗުއާ ލެވަލްގައި އޮތް ރާއްޖޭގެ ފުޓްބޯޅަ ސެމީ ޕްރޮފެޝަނަލް ލެވަލް އަށް ނެގި ކްލަބް ވެލެންސިއާގެ ޖެނަރަލް ސެކެރެޓަރީކަން އެންމެ ގިނަ ދުވަހު ކުރެއްވީ ދޮނާ އެވެ.

މަރްހޫމް މުހައްމަދު ޒާހިރު ނަސީރު އިސްވެ އުފެއްދެވި ރާއްޖޭގެ ފުރަތަމަ ރަސްމީ އެކަޑަމީ، އެންއެސްއޭގެ ފުރަތަމަ ޖެނަރަލް ސެކެރެޓަރީކަން ވެސް ދޮނާ ވަނީ ކުރައްވައިފަ އެވެ. އަދި ރާއްޖޭން ފުރަތަމަ ވާދަކުރި މަލްޓި ސްޕޯޓްސް ކުޅިވަރު މުބާރާތް 1979 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ކޮންޓިންޖެންޓްގެ އެގްޒެކެޓިވް ކޮމިޓީގައި ވެސް ދޮނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

އެފްއޭއެމްގެ ބޯޑް މެންބަރުކަން ކުރިން ކުރެއްވި ދޮނާ ވަނީ އެފްއޭއެމް އިންތިހާބުކުރަން ފެށި ފަހުން ވެސް ދެ ދައުރުގައި އެކްކޯގެ މެންބަރުކަން ކޮށްފަ އެވެ. ވޮލީބޯޅަ އާއި ބާސްކެޓްބޯޅައިގެ ކުރީގެ އަމްޕަޔަރު ދޮނާއަކީ، ރިޓަޔާ ކުރާ ކުޅުންތެރިންނަށް ހާއްސަކޮށް އުފެއްދި ސޮކަ ވެޓަރަންސްގެ އެއް ފައުންޑަރެވެ.