Roadha Mihaaru
ވިޔަފާރި ބޭނުމަށް ގޭގައި ކާނާ ހެދޭނީ ވަކި ވަގުތަކު

ވިޔަފާރި ބޭނުމަށް ގޭގައި ކާނާ ހެދޭނީ ވަކި ވަގުތަކު، ގޭގައި ގެންގުޅޭ ތަކެތި ބޭނުމެއް ނުކުރެވޭނެ

05 ސެޕްޓެމްބަރ 2024

އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި ތައްޔާރުކުރާއިރު އެކަމަށް ވަކި ހާއްސަ ވަގުތެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި އެ މަސައްކަތުގައި ގެންގުޅެން ޖެހޭނީ ގޭގައި އާންމުކޮށް ބޭނުންކުރާ ތެލިތަށީގެ ބަދަލުގައި ވަކި ހާއްސަ ތަކެތި ކަމަށް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލުކުރަންވީ ގޮތުގެ މިންގަނޑުގައި ކަނޑައަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި ތައްޔާރުކުރާއިރު އެކަމަށް ވަކި ހާއްސަ ވަގުތެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި އެ މަސައްކަތުގައި ގެންގުޅެން ޖެހޭނީ ގޭގައި އާންމުކޮށް ބޭނުންކުރާ ތެލިތަށީގެ ބަދަލުގައި ވަކި ހާއްސަ ތަކެތި ކަމަށް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލުކުރަންވީ ގޮތުގެ މިންގަނޑުގައި ކަނޑައަޅައިފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި މަހު އާންމުކުރި އެ މިންގަނޑުގައި، އާންމު ޝަރުތުތަކާއި ބަދިގޭގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ އިތުރުން ހިފައި ގެންގުޅޭ ސާމާނާއި އާލާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް ހިމަނައިފަ އެވެ.

އޭގައިވާ ގޮތުގައި؛

● ކާބޯތަކެތި ތައްޔާރުކުރުމުގެ މަސައްކަތްކުރުމަށް، ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުންނެއް ނުގެންގުޅެވޭނެ

● ބަދިގޭގައި ކާބޯތަކެތި ހެދުމުގެ މަސައްކަތްކުރާއިރު ކަމާ ނުގުޅޭ މީހުން ބަދިގެއަށް ވަނުމަކީ މަނާކަމެއް.

● ކައްކާއިރު އަތްދޮވުމާއި ހިފާގެންގުޅޭ ސާމާނު ދޮވެ ސާފުކުރެވޭނެ އިންތިޒާމު ވެސް ބަދިގޭގައި ހަމަޖެހިފައި ހުންނަން ޖެހެ.

● ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ގެންގުޅޭ ތަކެތި ވެސް ރަނގަޅަށް ސާފުކޮށް ބަހައްޓަން ޖެހޭ

● ވިއްކުމަށް ތައްޔާރުކުރާ ތަކެތި ހެދުމަށް ވަކި ހާއްސަ ވަގުތެއް ކަނޑައަޅާފައި އޮންނަންޖެހޭ .

● ގޭގައި އާންމުކޮށް ކެއުމާއި ކެއްކުމަށް ބޭނުންކުރާ ތެލިތަށި ވިޔަފާރީގެ ބޭނުމަށް ކާބޯތަކެތި ހެދުމަށް ބޭނުންކުރުން މަނާ.

● ވިޔަފާރީގެ ބޭނުމަށް ކާބޯތަކެތި ތައްޔާރުކުރާ ނަމަ، އެކަމަށް ހާއްސަ ތެއްޔާއި ތަށި ގެންގުޅެން ޖެހޭ.

● ރޯނުފިލުވައި ހުންނަ ކާބޯތަކެއްޗާއި އެނޫން ކާބޯތަކެއްޗަށް ވަކި ހާއްސަ ތައްޓާއި ސަމުސާ ފަދަ ތަކެތި ބޭނުންކުރަން ޖެހޭ އަދި ވަކި ހާއްސަ ތަށި ސަމުސާ ފަދަ ތަކެތި ނެތް ނަމަ، ރޯ ނުފިލުވައި ހުންނަ ކާބޯތަކެއްޗަށް ބޭނުންކުރި ތަކެތި އެހެން ތަކެއްޗަށް ބޭނުންކުރަންވާނީ އެތަކެތި ރަނގަޅަށް ދޮވެ ޑިސްއިންފެކްޓު ކުރުމަށްފަހު

މި ކަންކަމުގެ އިތުރުން ކާބޯތަކެތި ތައްޔާރުކުރާއިރު ދުފުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި އެތަނުގައި ކައި ބޮއެ އުޅުން ވެސް މި މިންގަނޑުގައި ވަނީ މަނާކޮށްފަ އެވެ. އަދި ކާބޯތަކެތި ތައްޔާރުކުރާއިރު އިސްތަށި ނުފައިބާނެހެން ބޮލާއި ހަށިގަނޑު ވެސް ބަހައްޓަން ޖެހެނީ ނިވާކޮށްފަ އެވެ.

މިހާރު އުސޫލު އޮތް ގޮތުން، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ތަމްރީނެއް ފުރިހަމަކޮށް، ގޭގޭގައި ކާބޯތަކެތި އުފައްދާ މީހުން ވެސް ރަޖިސްޓްރީކުރަން ލާޒިމެވެ.

އެމްއެފްޑީއޭ އިން އަންނަނީ، ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރާ މީހުން ދަފްތަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ އޮތޯރިޓީގެ ޕޯޓަލް އާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު އެކަމުގެ އުސޫލު އާންމުކޮށްފައިވާއިރު މި އުސޫލުތަކުގެ ދަށުން، އެ ހުއްދަ ދެން ލިބޭނީ އެ މިންގަނޑަށް ފެތޭ ފަރާތްތަކަށެވެ. ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ދަފްތަރު ކުރުމަށް، ކާބޯތަކެތި އުފައްދާ ތަނާއި އުފައްދާ ތަކެއްޗާ ބެހޭ މައުލޫމާތު އީފާސް މެދުވެރިކޮށް އެމްއެފްޑީއޭގެ "ދިރިތި" ޕޯޓަލް އަށް ހުށަހަޅަން ޖެހެ އެވެ.

ގޭގޭގައި ކާބޯތަކެތި ތައްޔާރުކުރާ މީހުންނަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް އުސޫލެއް ނެރެފައި މި ވަނީ މި މާލޭގައި ބިދޭސީން ނުތާހިރުކޮށް ކާބޯތަކެތި އުފައްދާ މައްސަލަ ބޮޑުވެފައިވާ ވަގުތެއްގަ އެވެ. އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި ފެނުނު ގޮތުގައި އާންމުކޮށް ދިވެހިން ކެއުމަށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ވެސް ސާފުތާހިރުކަމެއް ނެތް ތަންތަނުގައި ދަނީ ހަދަމުންނެވެ.