Roadha Mihaaru
ނިޔާވީ ދުވުމެއްގައި ބައިވެރިވާން އައިސް އުޅުނު ޒުވާނެއް

އެކްސިޑެންޓުގައި ނިޔާވީ މެރަތަން އަށް އައި ޒުވާނެއް!

06 ސެޕްޓެމްބަރ 2024

ރޭ ދަންވަރު ބޭއްވި މެރަތަންގައި ބައިވެރިވާން މާލެ އައިސް އުޅުނު ހަސަން ސަމާހު ދުވުމުގެ ކުރިން ވަގުތު ހޭދަކުރީ އާއިލާގެ ބަޔަކާ އެކު އެވެ. އޭނާ ދުވަން ކަނޑައަޅާފައި އޮތް ގަޑި ނުޖެހޭތީ އާއިލާގެ ބައެއް މީހުންނާ އެކު ކެއުމެއްގައި ބައިވެރިވި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރޭ ދަންވަރު ބޭއްވި މެރަތަންގައި ބައިވެރިވާން މާލެ އައިސް އުޅުނު ހަސަން ސަމާހު ދުވުމުގެ ކުރިން ވަގުތު ހޭދަކުރީ އާއިލާގެ ބަޔަކާ އެކު އެވެ. އޭނާ ދުވަން ކަނޑައަޅާފައި އޮތް ގަޑި ނުޖެހޭތީ އާއިލާގެ ބައެއް މީހުންނާ އެކު ކެއުމެއްގައި ބައިވެރިވި އެވެ.

އުމުރުން 23 އަހަރުގެ ސަމާހު އޭގެ ފަހުން އުޅުނީ މެރަތަންގައި ބައިވެރިވާ ބައެއް މީހުން މެރަތަން އޮންނަ ސަރަހައްދަށް ސައިކަލްގައި ގެންގޮސް ދިނުމުގަ އެވެ. އެކަމަކު، އޭނާ ދުވަން އޮތް ގަޑީގެ ކުރިން، ސްކޫޕީ ސައިކަލްގައި ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ދަނިކޮށް ސްޕޯޓްސް ކާރެއްގައި ސައިކަލުން ޖެހި ލިބުނު އަނިޔާގައި އޭނާ ނިޔާވީ އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ދަންވަރު 2:48 ހާއިރު އެވެ.

އެކްސިޑެންޓުގައި ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާ އެކު، އޭނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

އެކްސިޑެންޓުވި ކާރު ދުއްވި ވިސާމް.

އެކްސިޑެންޓުވި ކާރު ދުއްވި ވިސާމް.

މި އެކްސިޑެންޓުގައި ކާރު ދުއްވަން އިނީ ސ. ހިތަދޫގެ ޒުވާނެއް ކަމަށްވާ އެ ރަށު ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ އެވެ. އެއީ 26 އަހަރުގެ މީހެކެވެ. އޭނާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރެއްގެ ވަޒީފާގައި ހުރި ސަމާހު އަބަދުވެސް ދުވުންތަކުގައި ބައިވެރިވެ އެވެ. އަމިއްލަ ބަޔަކު ބޭއްވި މެރަތަންގައި ބައިވެރިވާން ވެސް އޭނާ އައިސް އުޅުނީ ދުވުމަށް އޮންނަ ޝައުގުވެރިކަމުގަ އެވެ. މާފުށީ ޖަލުގައި ޑިއުޓީ އަދާކުރާ، ލ. އިސްދު އަށް އުފަން ސަމާލު މާލޭގައި އުޅޭތާ އަދި މިވީ ހަފުތާއެއްހާ ދުވަހެވެ.

ސަމާހްއާ އެންމެ ފަހުން ދިމާވި އެކަކު ކިޔައިދިން ގޮތުގައި ކައި ނިމިގެން 1:45 ހާއިރު ސަމާހު ހުސްވީ މެރަތަންގެ ކަންތައްތަކަށެވެ. އެކްސިޑެންޓުވީ މެރަތަންގައި ބައިވެރިވާ ރައްޓެހިން، މެރަތަން ބޭއްވި ސަރަހައްދަށް ގެންގޮސްދިނުމުގެ ތެރޭގައި އުޅެނިކޮށެވެ. އެކްސިޑެންޓު ހިނގިއިރު ވެސް ސަމާހުގެ ފަހަތުގައި ސައިކަލްގައި މީހަކު އިނެވެ. އެކަމަކު އޭނާ އަށް ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށް ވެ އެވެ.

އެންމެންނާ ވެސް ގުޅޭ، ވަރަށް މަޖާ މިޒާޖެއްގެ ސަމާހު ނިޔާވި އިރު އޭނާ ދިޔައީ އަންނަ މަހު ކައިވެނި ކުރަން ވެސް ތައްޔާރުވަމުންނެވެ.

ހަފްތާ ބަންދުތަކުގައި ހުޅުމާލޭގައި ސްޕޯޓްސް ކާރުތައް ބާރަށް ދުއްވައި އާންމުންނަށް ނުރައްކާވާ ގޮތަށް ދުއްވާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. މީގެ ކުރިން ވެސް ވަނީ ރޭގެ އެކްސިޑެންޓު ހިނގި ހިސާބުގައި، ބާރަށް ދުއްވި ކާރަކުން ސައިކަލެއްގައި ޖެހި ސައިކަލްގައި އިން މީހަކު މަރުވެފަ އެވެ. އަދި ހުޅުމާލެ 2 ގައި މިދިޔަ މަހު ވެސް ސްޕޯޓްސް ކާރެއް ބާރު ސްޕީޑުގައި ގޮސް ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ.