07 ސެޕްޓެމްބަރ 2019
ހެމްބާގް، ޖަރުމަން (ސެޕްޓެމްބަރު 7) - އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ރޭ ނެދަލެންޑްސް އިން ރަށުން ބޭރުގައި ފަހަތުން އަރައި 4-2 އިން ޖަރުމަނު ބަލިކޮށްފި އެވެ.
ހެމްބާގް، ޖަރުމަން (ސެޕްޓެމްބަރު 7) - އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ރޭ ނެދަލެންޑްސް އިން ރަށުން ބޭރުގައި ފަހަތުން އަރައި 4-2 އިން ޖަރުމަނު ބަލިކޮށްފި އެވެ.
ޔޫރޯ ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހަމަކޮށްފައިވާ ނޮދަން އަޔަލެންޑް އެވެ. ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު ޖަރުމަނު ދެ ވަނައިގައި އޮތްއިރު، ތިން މެޗުން ހަ ޕޮއިންޓާ އެކު ނެދަލެންޑްސް އޮތީ ތިން ވަނައިގަ އެވެ.
ކޮލިފައިންގައި ނެދަލެންޑްސް މިހާތަނަށް ބަލިވީ މާޗް މަހު އަމިއްލަ ދަނޑުގައި ޖަރުމަނު އަތުން 3-2 އިންނެވެ. ރޭގެ މެޗުން ޖަރުމަނު ދަނޑުގައި ނެދަލެންޑްސް މޮޅުވިއިރު، މިދިޔަ 12 ވަރަކަށް އަހަރު ތެރޭ ކޮލިފައިންގައި ޖަރުމަނު ބަލިވި ތިން ވަނަ މެޗެވެ.
ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ މިއީ ކޮލިފައިންގެ ކުރިއަށް ހުރި މެޗުތަކަށްދާއިރު ވަރަށް މުހިއްމު މޮޅެއް ކަމަށާއި ގްރޫޕްގެ ކުރިއަށް ޖެހިލަން ދެން ކުޅެން ޖެހޭ ދެ މެޗުން މޮޅުވުން މުހިއްމު ކަމަށެވެ. އެ ދެ މެޗުގައި ނެދަލެންޑްސް ނުކުންނާނީ އެސްޓޯނިއާ އާއި ބެލަރޫސްއާ ދެކޮޅަށެވެ.
ހެމްބާގްގެ ވޯލްސްޕާކް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ޖަރުމަނަށް ލީޑުނަގައިދިނީ މެޗުގެ ނުވަ ވަނަ މިނިޓްގައި ސާޖް ގްނަބްރީ އެވެ. ފުރަތަމަ ހާފްގައި ނެދަލެންޑްސްގެ އެޓޭކް ބަލިކަށިކޮށް ފެނިގެންދިޔައިރު، މި ހާފްގެ ފަހު ކޮޅުގައި ލީޑުފުޅާކުރަން ޖަރުމަނުގެ މާކޯ ރެއުސް އަށް ލިބުނު ރަނުގެ ފުރުސަތުން އޭނާ ޖެހި ބޯޅަ ނެދަލެންޑްސްގެ ކީޕަރު ޔެސްޕާ ސިލިސަން ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފް ދަށްކޮށް ދިއުމުން ނެދަލެންޑްސް އިން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ދެ ބަަދަލެއް ކުރި އެވެ. އެ ގޮތުން ޒުވާން ފޯވާޑް ޑޮންޔޭލް މާލެން އަދި މިޑްފީލްޑަރު ޑޭވީ ޕްރޮޕާ ކުޅެން އަރުވައިފަ އެވެ. މެޗުގެ 59 ވަނަ މިނިޓްގައި ނެދަލެންޑްސް އަށް އެއްވަރުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑީޔޮން އެވެ. އޭގެ ހަތް މިނިޓް ފަހުން ނެދަލެންޑްސް އިން ލީޑުނެގީ ޖަރުމަނުގެ ޑިފެންޑަރު ޖޮނަތަން ޓާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
ޖަރުމަނަށް އެއްވަރުކޮށްދިނީ މެޗުގެ 73 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޓޮނީ ކްރޫސް އެވެ. މިއީ ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑިލިޓް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. މެޗުގެ 79 ވަނަ މިނިޓްގައި ނެދަލެންޑްސް އަށް އަލުން ލީޑުނަގައިދިނީ ޖިއޮޖީނިއޯ ވައިނަލްޑަމް ދިން ބޯޅައަކުން މާލެން އެވެ. މެޗުގެ އިތުރު ވަގުތުގައި ނެދަލެންޑްސްގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ވައިނަލްޑަމް ޖެހި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ ޑިޕާއި ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
އެންމެ ފަހުން ބޭއްވި ޔޫރޯ އާއި ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިނުވެ އެވެ. އެކަމަކު ކޫމަން ހަވާލުވި ފަހުން އެ ޓީމު އަންނަނީ ތަފާތު ދައްކަމުންނެވެ. އަދި އެ ޓީމުން ވަނީ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި މި އަހަރު ކުޅެފަ އެވެ.
ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެޗު ނިމެން ކުޑަވަގުތު ކޮޅަކަށްވެފައި ވަނިކޮށް ގަރެތު ބޭލް ޖެހި ގޯލުން ވޭލްސް ވަނީ 2-1 އިން އަޒަރުބައިޖާން ބަލިކޮށްފަ އެވެ. ޗެލްސީގެ ފޯވާޑް މިޝީ ބަޓްޝުއާޔީ ޖެހި ދެ ގޯލާ އެކު ބެލްޖިއަމް ވަނީ ރަށުން ބޭރުގައި ސެން މަރީނޯ އަތުން 4-0 އިން މޮޅުވެފަ އެވެ. އަދި ސްލޮވާކިއާ ދަނޑުގައި ކްރޮއޭޝިއާ ވަނީ ފަސޭހަކަމާ އެކު 4-0 އިން މޮޅުވެފަ އެވެ.
ނެދަލެންޑްސް އާއި ޖަރުމަން ފުރުސަތު ބޮޑުކޮށްފި
ޖަރުމަނު ގްރޫޕް އެއް ވަނަ އަށް، ނެދަލެންޑްސް ކުރިއަށް
ޖަރުމަނާއި ބެލްޖިއަމް މޮޅުވިއިރު ކްރޮއޭޝިއާ ބަލިވެއްޖެ
ޖަރުމަނުން އާ ޖީލެއް، ފެށީ އިތުބާރާ އެކު
ސަޕޯޓަރުން ކުރިމަތީގައި އިނގިރޭސީން ލަދުގަންނަވާލައިފި
ފަސް އަހަރަށް ފަހު ނެދަލެންޑްސް ބޮޑު މުބާރާތަކަށް
ޔޫރޯ އަށް ކޮލިފައިވި ފުރަތަަމަ ޓީމަކީ ބެލްޖިއަމް
ފްރާންސާއި ޖަރުމަން އަދި އިޓަލީ އަށް މުހިއްމު މޮޅެއް
ބެލްޖިއަމާއި ނެދަލެންޑްސް އަދި ކްރޮއޭޝިއާ އަށް މޮޅެއް
ނެދަލެންޑްސް އިން ފްރާންސް ބަލިކުރުމުން ޖަރުމަން ރެލިގޭޓްވެއްޖެ