Roadha Mihaaru
ނެދަލެންޑްސް އާއި ޖަރުމަން ފުރުސަތު ބޮޑުކޮށްފި

ނެދަލެންޑްސް އާއި ޖަރުމަން ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފި

14 އޮކްޓޯބަރ 2019

ޕެރިސް (އޮކްޓޫބަރު 14) - ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ގްރޫޕް ސީ އިން އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމުގެ ފުރުސަތު ޖަރުމަނާއި ނެދަލެންޑްސް ބޮޑުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (އޮކްޓޫބަރު 14) - ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ގްރޫޕް ސީ އިން އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމުގެ ފުރުސަތު ޖަރުމަނާއި ނެދަލެންޑްސް ބޮޑުކޮށްފި އެވެ.

ރަށުން ބޭރުގައި ރޭ ބެލަރޫސްއާ ދެކޮޅަށް ކުޅެ ނެދަލެންޑްސް މޮޅުވީ 2-1 އިންނެވެ. މެޗުގެ ބޮޑުބައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ ޖަރުމަނުން ވަނީ ރަށުން ބޭރުގައި 3-0 އިން އެސްޓޯނިއާ ބަލިކޮށްފަ އެވެ.

ރޭގެ ނަތީޖާތަކަށް ފަހު ގްރޫޕް ސީގެ އެއް ވަނައިގައި އޮތް ނެދަލެންޑްސް އާއި ދެ ވަނައިގައި އޮތް ޖަރުމަނަށް ހަ މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އަދި ދެ ވަނަ އަށް ދާ ޓީމަށް ޔޫރޯ އިން ފުރުސަތު ލިބޭއިރު، މި ގްރޫޕުން ދެން މުބާރާތުގެ ޖާގަ އަކަށްވާދަކުރަނީ ނޮދަން އަޔަލެންޑް އެވެ. އެ ޓީމު މި ވަގުތު ތިން ވަނައިގައި އޮތީ ހަތް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

ތަޖުރިބާކާރު ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ނެދަލެންޑްސް އިން ރޭ ބެލަރޫސް ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ދެ ގޯލު ވެސް ޖެހީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ. ދެ ވަނަ ހާފްގައި ބެލަރޫސްގެ ހަމައެކަނި ގޯލު ޖެހީ ސްޓަނިސްލޯ ޑްރާހުން އެވެ.

އެސްޓޯނިއާ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 14 ވަަނަ މިނިޓްގައި ޖަރުމަނުގެ ފަހަތަށް ރޭ ކުޅުނު އެމްރޭ ޗާން އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މެޗުގެ ބޮޑުބައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ޖަރުމަނުން ވަނީ ތަފާތު ދައްކައިފަ އެވެ. ޔަކީމް ލޯގެ މޮޅު ރޭވުންތެރިކަން ފެނިގެންދިޔަ މި މެޗުގައި ޖަރުމަނުން ތިން ގޯލު ޖެހީ ވެސް ދެ ވަނަ ހާފްގަ އެވެ. މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ދެ ގޯލު ޖެހިިއިރު، އަނެއް ގޯލު ޖެހީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ހުރި ޓިމޯ ވާނާ އެވެ.

"ރަތް ކާޑަށް ފަހު ވަރަށް ވިސްނުންތެރިކަމާ އެކު ކުޅުނީ. އަހަރެން ބުނިން ދެން އެންމެ ގޯހެއް ހެދުނަސް މެޗު އަތުން ދިޔައީ ކަމަށް. އެ ކަމަށް ވިސްނައިގެން ވަރަށް މޮޅަށް ކުޅުންތެރިން ކުޅެފި،" ރޭގެ މެޗަށް ފަހު ލޯ ބުންޏެވެ.

އަންނަ އަހަރުގެ މުބާރާތަށް މިހާތަނަށް ވަނީ ހަތަރު ޓީމެއް ކޮލިފައިވެފަ އެވެ. އެއީ ބެލްޖިއަމާއި އިޓަލީގެ އިތުރުން ޕޮލެންޑާއި މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕް ބޭއްވި ރަޝިއާ އެވެ.