Roadha Mihaaru
އެކްސިޑެންޓްތައް އިތުރުވާން ފެށުމުން ފުލުހުން މަގުތަކަށް

އެކްސިޑެންޓްތައް އިތުރުވާން ފެށުމުން ފުލުހުން މަގުތަކަށް ނިކުމެ، ހާއްސަ އޮޕަރޭޝަނެއް ފަށައިފި

08 ސެޕްޓެމްބަރ 2024

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާން ފެށުމުން ފުލުހުން މަގުތަކަށް ނިކުމެ، ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާން ފެށުމުން ފުލުހުން މަގުތަކަށް ނިކުމެ، ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެ އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކް ޕޮއިންޓްތައް ހަދައި ވެހިކަލްތައް ފާސްކުރަމުން އަންނަ ކަމަށެވެ. އަދި މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"އުޅަނދު ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކަން ޔަގީން ކުރައްވާ." ސޯޝަލް މީޑިއާ ޕޯސްޓުގައި އެދިފައިވެ އެވެ.

ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށިއިރު، މި ދުވަސްވަރު މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ވަނީ އިތުރުވެފަ އެވެ. އޭގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި ދެ އެކްސިޑެންޓެއްގައި ދެ ޒުވާނަކު މަރުވެފައިވެ އެވެ. އަދި މިރޭ ވެސް ދެ ސައިކަލެއް ޖެހި، ތިން މީހަކަށް އަނިޔާވެފައިވެ އެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖޭގައި 1،900 އަށްވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގައިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް ރާއްޖޭގައި ހިނގާފައިވަނީ 1،476 އެކްސިޑެންޓެވެ. އޭގެ ތެރެއިން ގިނަ އެކްސިޑެންޓު މާލެ ސަރަހައްދުގައި ހިނގިއިރު 125 މީހަކަށް އަނިޔާވެ، ފަސް މީހަކު މަރުވި އެވެ.

މި އަހަރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ މާޗު މަހު އެވެ. އެ މަހު އެކަނި 300 އަށް ވުރެ ގިނަ އެކްސިޑެންޓެއް ރާއްޖޭގައި ހިނގި އެވެ. އެހެން މަސްތަކުގައި އެވްރެޖްކޮށް 200 އަށް ވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގައިފަ އެވެ.