Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އޮއްތޮ އެކްސިޑެންޓްކޮށްލި މީހާގެ ޝަރީއަތް ކެންސަލްކޮށްފި

އޮއްތޮގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތް ކެންސަލް

30 މެއި 2019

މިދިޔަ އަހަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތަކަށް ދިޔަ އުމަރު ސަލީމް (އޮއްތޮ) ގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތް، އަހަރަކަށް ފަހު މިއަދު ހަމަޖެއްސިއިރު، އެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ އަހަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތަކަށް ދިޔަ އުމަރު ސަލީމް (އޮއްތޮ) ގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތް، އަހަރަކަށް ފަހު މިއަދު ހަމަޖެއްސިއިރު، އެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ.

އުމުރުން 33 އަހަރުގެ އޮއްތޮގެ އަންހެނުން ފާތުމަތު ނައުފާ "މިހާރު" އަށް މިއަދު ބުނީ ހުޅުމާލޭ ކޯޓުގައި ޝެޑިއުލްކުރި އަޑުއެހުން ކެންސަލް ކުރީ އޮއްތޮގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ވަކީލަށް ނާދެވިގެން ކަމަށެވެ. އެ ވަކީލު އެހެން ޝަރީއަތަކަށް ވަންނަން ޖެހުނު ކަން ހުޅުމާލެ ކޯޓަށް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު، އެކަން އެނގުނީ އަޅުގަނޑާއި އޮއްތޮގެ ވަކީލް ކޯޓަށް ދިޔަ ފަހުން،" ނައުފާ ބުންޏެވެ.

މިއީ އެ މައްސަލައިގެ ޝަރީއަތެއް ތާވަލް ކުރި ފުރަތަމަ ފަހަރެވެ.

ނައުފާ މިއަދު ކުރި ޓުވީޓު.

މެއި 29 ވަނަ ދުވަހު ހިނގި އެކްސިޑެންޓަށް ފަހު، އޮއްތޮ ވަނީ އަމިއްލަ އަށް ހިނގައިބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުން ވެސް މަހްރޫމްވެފަ އެވެ. އޮއްތޮގެ ގައިގައި ސައިކަލުން ޖެއްސި މީހާ އަށް ފުލުހުން މިހާތަނަށް އައިއިރު، އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ސައިކަލުން ޖެއްސި މީހާގެ މައްޗަށް އުފުލާފައިވަނީ އަނިޔާ ދިނުމުގެ ކުށުގެ ދައުވާ އެވެ.

މަޝްހޫރު ކޯޗު އަދި މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ގެ ހުރި ހަމައެކަނި ދަރިފުޅު އޮއްތޮ އެކްސިޑެންޓްވި ދުވަހު ވެސް ދުއްވާފައި ދިޔައީ ގަވާއިދު ފަޅިން، މަޑު ދުވެއްޔެއްގަ އެވެ. ކޮންޓްރޯލެއް ނެތި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެއްސުމާ އެކު އޮއްތޮ ވެއްޓުނީ އެވެ.

ބޮޑެތި ޒަހަމްތަކެއް ލިބި ސިކުނޑި އަށް ލޭ އެޅުނު އޮއްތޮގެ ފުރާނަ ސަލާމަތްވީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ދިން ފަރުވާ އިންނެވެ. އާއިލާ އިން ބުނިގޮތުގައި، ޑޮކްޓަރުން އުއްމީދު ވެސް ކަނޑާލި އެވެ. ސީރިއަސް އޮޕަރޭޝަންތަކެއް ކޮށް، ތިން ހަފުތާ ވަންދެން ކޯމާގައި ވެސް އޮންނަން ޖެހުނެވެ.

ނައުފާ ބުނި ގޮތުގައި އޮއްތޮ އަށް އިންސާފު ނުލިބި ލަސްވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އަޅާނުލީމަ އެވެ. އެތަނުގައި ތިބި ފުލުހުންގެ އިސްވެރިން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރި ނަމަ، އޮއްތޮ އަށް މިހާރު އިންސާފު ލިބުނީސް ކަމަށް އޭނާ ބުންޏެވެ.

"ފުލުހުން އޭރު ބުނީ އޮއްތޮ މަރު ނުވާ ހިނދަކު ކުރެވޭނެ އެއްވެސް ކަމެއް ނެތޭ. އާއިލާ އަށް 24 ގަޑިއިރު ތެރޭގައި ތަހުގީގު ރިޕޯޓު ދޭން އޮންނަ އިރު، އެ ރިޕޯޓު ވެސް ނުދޭ،" ނައުފާ ބުންޏެވެ.

"އެއް އަހަރަކީ ކުޑަ ދުވަސްކޮޅެއް ނޫން."

އޮއްތޮ އަށް އިންސާފު ނުލިބުނު ތަނުގައި އެ އެކްސިޑެންޓާ ގުޅިގެން އެހެން މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމަކީ ވެސް އާއިލާގެ ކަންބޮޑުވުމެވެ. އަދި އާއިލާގެ ކަންބޮޑުވުމަކީ އޮއްތޮ އަށް އެ ހާލު ޖެއްސި މީހާ މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ލިބުމެވެ.