Roadha Mihaaru
އަހަންނަށް ވުރެ ޑޮއްނަރުއްމާ މޮޅު: ޑިނޯ ޒޮފް

އަހަންނަށް ވުރެ ޑޮއްނަރުއްމާ މޮޅު: ޑިނޯ ޒޮފް

01 މާޗް 2017

މިލާން (މާޗް 1) – އޭނާ އަށް ވުރެ އޭސީ މިލާނުގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ މޮޅު ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިޓަލީގެ ޑިނޯ ޒޮފް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިލާން (މާޗް 1) – އޭނާ އަށް ވުރެ އޭސީ މިލާނުގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ މޮޅު ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިޓަލީގެ ޑިނޯ ޒޮފް ބުނެފި އެވެ.

މި ހަފުތާގައި އުމުރުން 18 އަހަރު ފުރުނު ކީޕަރު އަންނަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިލާނުގެ އެއް ނަމްބަރު ކީޕަރުކަން ކުރަމުންނެވެ. އިޓަލީ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކީޕަރުގެ ޝަރަފް ހޯދާފައިވާ ޑޮއްނަރުއްމާގެ ހުނަރަށް މުޅި ދުނިޔޭގެ ތައުރީފް އޮހެމުން އަންނައިރު އޭނާ ގެންދަން ރެކޯޑް އަގުތަކެއް ވެސް އަންނަނީ ހުށަހަޅަމުންނެވެ. އޭނާ އަކީ ޖިއަންލުއިޖީ ބުފޮން ކުޅުން ހުއްޓާލުމާ އެކު އިޓަލީގެ އެއް ވަނަ ކީޕަރުކަން ކުރާނެ ކުޅުންތެރިޔާ އެވެ.

"އަހަންނަށް އޭނާ ފެންނަނީ އަހަންނަށް ވުރެ މޮޅު ކީޕަރެއްގެ ގޮތުގައި. އޭނާ އެ ދައްކަނީ އާދަޔާހިލާފު ހުނަރެއް. އެންމެ މަތީ ފެންވަރުގެ ކެރިއަރެއް އޭނާގެ ކުރިމަތީގައި އޮތީ،" އިޓަލީ އަށް 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ބުންޏެވެ.

"ޑޮއްނަރުއްމާ ވަރަށް ބޮޑު އުއްމީދެއް ދީފި. އަހަރެންގެ އެދުމަކީ އޭނާ ހިތްތިރިކަމާ އެކު، އަދިވެސް އިތުރަށް ރަނގަޅު ކުރަން މަސައްކަތްކުރުން. ހާއްސަކޮށް ޓެކްނިކަލް ފެންވަރު ރަނގަޅުކުރަން، އެއީ ވަރަށް ގިނަ ކީޕަރުން ހަނދާން ނައްތާލާ ކަމެއް. މިވަގުތަށް އޭނާގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް."

މި ސީޒަނުގެ ގިނަ މެޗުތަކެއްގައި މިލާން ސަލާމަތްކޮށްދީފައިވާ ޑޮއްނަރުއްމާ މިލާނުގައި މަޑުކުރުމާ މެދު އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ޔަގީންކަމެއް ނުދެ އެވެ. ޒޮފް ބުނީ ބަދަލަކާ މެދު ޑޮއްނަރުއްމާ އަދި ވިސްނަން ނުޖެހޭ ކަމަށެވެ.

"އޭނާ މިވަގުތު ވެސް އެހެރީ ބޮޑު ކްލަބެއްގައި. އޭނާ އަށް މިވަގުތު އެންމެ ރަނގަޅުވާނީ ވެސް އިޓަލީގައި މަޑުކުރުން،" ޒޮފް ބުންޏެވެ.

އިޓަލީ ގައުމީ ޓީމަށް 1968-1983 އަށް 112 މެޗު ކުޅެފައިވާ ޒޮފަކީ 20 ވަނަ ގަރުނުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ތިން ކީޕަރުންގެ ތެރެއިން އެކަކެވެ. އޭނާގެ ކޯޗުކަމުގެ ދަށުން އިޓަލީން 2000 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި ކުޅެފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޒޮފާއި ބުފޮން އަށް ފަހު އިޓަލީގައި އުފެދުނު އެންމެ މޮޅު ކީޕަރަށް ޑޮއްނަރުއްމާ ވާނެ އެވެ.