Roadha Mihaaru
ޖިރޫ މިލާންއާ ގުޅޭނެ، ޑޮނަރުއްމާ ނެތުމަކީ ދެރަ ކަމެއް

ޖިރޫ މިލާންއާ ގުޅޭނެ، ޑޮނަރުއްމާ ނެތުމަކީ ދެރަ ކަމެއް: މަލްޑިނީ

15 ޖުލައި 2021

މިލާން (ޖުލައި 15) - ޔޫރޯގެ ޗެމްޕިއަންކަން އިޓަލީ އަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ޖިއާންލުއީޖީ ޑޮނަރުއްމާ ނެތުމަކީ ދެރަވާ ކަމެއް ކަމަށް މިލާންގެ ސްޕޯޓިން ޑައިރެކްޓާ ޕައޮލޯ މަލްޑިނީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިލާން (ޖުލައި 15) - ޔޫރޯގެ ޗެމްޕިއަންކަން އިޓަލީ އަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ޖިއާންލުއީޖީ ޑޮނަރުއްމާ ނެތުމަކީ ދެރަވާ ކަމެއް ކަމަށް މިލާންގެ ސްޕޯޓިން ޑައިރެކްޓާ ޕައޮލޯ މަލްޑިނީ ބުނެފި އެވެ.

މިލާންގެ ކޮންޓްރެކްޓް ހަމަވުމުން ޑޮނަރުއްމާ ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ޔޫރޯގައި އޭނާ ދެއްކި ކުޅުމާ އެކު ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް އޭނާ ބަދަލުވުމަކީ ޕީއެސްޖީން ޓްރާންސްފާގައި ހޯދި ބޮޑު ކާމިޔާބެކެވެ. ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ޑޮނަރުއްމާ އަށް އަހަރަކު 11.8 މިލިއަން ޑޮލަރު ދޭން ޕީއެސްޖީން އެއްބަސް ވެފައިވާ ކަމަށް ފްރާންސްގެ އާރްއެމްސީ ސްޕޯޓްސްއިން ރިޕޯޓްކޮށްފައިވެ އެވެ.

ޑޮނަރުއްމާ ވަނީ 2026 އާ ހަމައަށް ޕީއެސްޖީ އަށް ސޮއިކޮށްފަ އެވެ. މިލާންގެ ކޮންޓްރެކްޓް އާކުރަން ޑޮނަރުއްމާ ބޭނުން ނުވި އެންމެ ބޮޑު ސަބަބަކީ ވެސް ބޮޑު މުސާރައަކަށް ކުޅޭނެ ކްލަބަކަށް ބަދަލުވުމެވެ. މިލާން އިން ވަނީ، މިދިޔަ ސީޒަންގެ ފްރާންސްގެ ޗެމްޕިއަންކަން ހޯދި ލިލް އަށް ކުޅުނު ކީޕަރު މައިކް މައިނޮން ގެނެސްފަ އެވެ.

"މޮޅު އެހެން ކީޕަރެއް އަހަރެމެން ގެނައި ނަމަވެސް ޖީޖިއޯ ނެތުމަކީ އަހަރެމެންނަށް ކުރިމަތިވި ބޮޑު ގެއްލުމެއް،" މަލްޑިނީ ބުންޏެވެ.

"އޭނާ [ޑޮނަރުއްމާ] އަކީ އަހަރެމެންގެ ނާސަރީގައި ބޮޑުވި ކުއްޖެއް. ހަގީގަތަކީ އޭނާ ދޫވެގެން ދިއުމަކީ އަހަރެމެން ދެރަވާ ކަމެއް. ސަބަބަކީ އޭނާ އަހަރެމެންނާ އެކު ހޭދަކުރި ދުވަސްތަކަކަކީ ވަރަށް ހިތްގައިމު ދުވަސްތަކެއް. އެކަމަކު ކުރިމަގު އަހަރެމެންނަށް މާ އުޖާލާ."

ޖިރޫ. ޗެލްސީ ދޫކޮށް މިލާން އަށް ބަދަލު ވަނީ --- ފައިލް ފޮޓޯ: އޭއެފްޕީ

ޖިރޫ. ޗެލްސީ ދޫކޮށް މިލާން އަށް ބަދަލު ވަނީ --- ފައިލް ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ފްރާންސްގެ ފޯވަޑް އޮލިވާ ޖިރޫ އޭސީ މިލާންއާ ގުޅޭނެ ކަމަށް ވެސް މަލްޑިނީ ބުންޏެވެ. އޭނާ ބުނީ މެޑިކަލް ހައްދަން މިއަދު ޖިރޫ މިލާނަށް ދާނެ ކަމަށެވެ.

އާސެނަލް ދޫކޮށް ޖިރޫ ޗެލްސީ އަށް ބަދަލުވީ ޖެނުއަރީ 2018 ގަ އެވެ. އޭނާ އާސެނަލް އަށް ސޮއިކުރީ 2012 ގައި މޮންޓްޕީލިއާ އިންނެވެ. އެ ކްލަބާ އެކު ޖިރޫ ވަނީ ފްރާންސްގެ ލީގު ހޯދައިފަ އެވެ.

މިލާން އިން މިދިޔަ ސީޒަންގައި ލީގު ނިންމާލީ ދެ ވަނައިގަ އެވެ. އެއީ 2012 ގެ ފަހުން އެ ޓީމުން ލީގުގައި ހޯދި އެންމެ ބޮޑު ކުރި އެރުމެވެ. އެ ކުރިއެރުން ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އުމުރުން 39 އަހަރުގެ ޒްލަޓާން އިބްރޮހިމޮވިޗެވެ. އޭނާ އަށް ލިބުނު އަނިޔާ އަކާ ގުޅިގެން އޭނާ ވަނީ ޖޫން މަހު އޮޕަރޭޝަނެއް ކޮށްފަ އެވެ. އަލުން ކުޅެން ނުކުމެވޭނެ އިރެއް ބުނާކަށް ނޭނގެ އެވެ.