Roadha Mihaaru

މެކޭނިކަލް ޕާކިންތައް ހުޅުމާލެ 2 އަށް ބަދަލުކޮށް ބޭނުންކުރަން ފަށަނީ

ހުޅުމާލޭ 1 ގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ހުޅުމާލެ 2 އަށް ބަދަލުކޮށް ތިން މަސް ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

މެކޭނިކަލް ޕާކިންތައް ހުޅުމާލެ 2 އަށް ބަދަލުކުރަނީ
މޫސާ ރަޝީދު
މޫސާ ރަޝީދު

10 ސެޕްޓެމްބަރ 2024

ހުޅުމާލޭ 1 ގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ހުޅުމާލެ 2 އަށް ބަދަލުކޮށް ތިން މަސް ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

ހުޅުމާލެއިން ބިމެއް ވަގުތީ ގޮތުން ޕާކިން އަށް ހަމަޖައްސަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ޕާކިން ރެކްތައް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ޕާކިން ރެކުތައް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ހުޅުމާލެ 2 އިން އެ މިނިސްޓްރީ އަށް ލިބިފައިވާ ބިމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"އެތާ ގާތްގަނޑަކަށް 275 ވެހިކަލް ޕާކް ކުރެވޭނެ. އެ މަސައްކަތުގެ ތެރެއިން އެއީ ބޭނުން ކުރެވޭ ޕާކިން ރެކްތަކަކަށް ހަދާނަން،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި އެ ހުރިހާ ރެކެއް އެއް ތަނަކަށް ބަދަލު ކުރުމަށް ފަހު ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ފުލުހުންނަށް ހާއްސަ ސްލޮޓްތަކެއް ކަނޑައަޅާނެ އެވެ. އަދި އާންމުންނަށް ވަރަށް ކުޑަ އަގެއްގައި ޕާކިން އަށް ދޫކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ.

އެ ރެކްތައް ބަދަލު ކުރަން ދެވަނަ ފިޔަވަހިން ޓްރާންސްޕޯޓަށް ދީފައިވާ ބިން ޕްލޭން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"ރީލޮކޭޝަން ދެތިން މަސް ދުވަހުގެ ތެރޭގައި ފެށި އެ ތަންތަން ދެވޭނެ ކަމަށް އުންމީދު ކުރަނީ." އޭނާ ވިދާޅުވި އެވެ.