Roadha Mihaaru
ސައިލެންސަރަށް ބަދަލު ގެންނަ ވެހިކަލްތައް ހިފަހައްޓަނީ

އަޑުގަދަވާ ގޮތަށް މޮޑިފައިކުރާ އުޅަނދުތައް މަސް ދުވަހަށް ހިފަހައްޓައި ބަދަލު ކުރުވަނީ

11 ސެޕްޓެމްބަރ 2024

މޮޑިފައިކޮށް، އާންމުންނަށް އުނދަގޫވާ ގޮތަށް ބަދަލުކޮށްފައި ހުންނަ އުޅަނދުތައް މަސް ދުވަހަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދީފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މޮޑިފައިކޮށް، އާންމުންނަށް އުނދަގޫވާ ގޮތަށް ބަދަލުކޮށްފައި ހުންނަ އުޅަނދުތައް މަސް ދުވަހަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދީފި އެވެ.

ފުލުހުންނަށް އެ ބާރު ދިނީ ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި މިދިޔަ ހަފުތާގާއި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވުމާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެ މަނިކުފާނު ވަނީ ހުޅުމާލެ އިން ރޭސިން އަދި ޑްރިފްޓިން އަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ބާތިލްކުރުމާ އެކު، ހަރުކަށި ފިޔަވަޅުތަކެއް އިއުލާން ކުރައްވައިފަ އެވެ.

ރައީސް އިއުލާން ކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި ސައިލެންސަރު ބަދަލު ކޮށްގެން، އަޑުގަދަ ކުރަމުން ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް މަނާކުރަން ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން ވެސް ހިމެނެ އެވެ.

އެހެންވެ، އެއްގަމު ދަތުރުފަތުރު ކުރުމާ ބެހޭ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދާ ބެހޭ ގަވާއިދަށް އިއްޔެ ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން، އުޅަނދުގެ ސައިލެންސަރުގެ އަޑުގަދަވާ ގޮތަށް، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ސައިލެންސަރަށް ބަދަލު ގެނެސްގެން [މޮޑިފައި ކޮށްގެން] ދުއްވުމުގެ ސަބަބުން ހިފަހައްޓާ އުޅަނދު ދޫކުރާނީ އެ އުޅަނދަކަށް ގެނެސްފައިވާ މޮޑިފިކޭޝަން ރަނގަޅު ކުރުމަށް ފަހު އެވެ.

މާލޭގެ މަގެއްގައި އުޅަނދުތަކެއް.-- ފޮޓޯ: މިހާރު

މާލޭގެ މަގެއްގައި އުޅަނދުތަކެއް.-- ފޮޓޯ: މިހާރު

އާންމުންނަށް އުނދަގޫވާ އަޑު އަންނަ ގޮތަށް ސައިލެންސަރު މޮޑިފައި ކޮށްފައިވާ ނަމަ އެކަމެއް ރަނގަޅު ކުރުމަށް ވެރިފަރާތަށް އަންގާ އެންގުމަށް އަމަލު ނުކޮށްގެން ފުލުހުން ޓޯ ކޮށްފައިވާ އުޅަނދެއް ނަމަ 15 ދުވަހުގެ ތެރޭގައި އޭގެ އަސްލާ އެއްގޮތަށް ބަދަލު ކުރަން ޖެހެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ސައިލެންސަރު ނުވަތަ ބަރުގޮނުން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ އަޑު އަންނަ ގޮތަށް މޮޑިފައި ކޮށްފައިވާ ނަމަ ފުލުހުން އެ އުޅަނދު ހިފެހެއްޓި ތާރީހުން ފެށިގެން 30 ދުވަސް ހަމަވުމުން ސައިލެންސަރު ނުވަތަ ބަރުގޮނު ކުރިން ހުރި ގޮތަށް ބަދަލު ގެންނާނެ ކަމަށެވެ.

ސައިލެންސަރަށް ބަދަލު ގެނެސް، އާންމު އުނދަގުލަކަށް ވާ ގޮތަށް ދުއްވާ ވެހިކަލްތައް މާލެތެރޭގައި ވަރަށް އާންމެވެ. އެކަމަކު، އެ ދުއްވާ މީހުންނާއި އެ އުޅަނދުތަކާ މެދު ފިޔަވަޅު ނޭޅޭތީ އެ ޝަކުވާ އާންމުން ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.