Roadha Mihaaru
ސިފައިންގެ އުޅަނދުތައް ފުލުހުން ޗެކްކުރާ ސަބަބު ހޯދަނީ

އެމްއެންޑީއެފްގެ އުޅަނދުތައް ފުލުހުން ޗެކްކުރާ ސަބަބު ހޯދަނީ

05 ޖޫން 2020

އެމްއެންޑީއެފް ވެހިކަލްތައް ފުލުހުން ހުއްޓުވައި، ޗެކްކުރާ ކަމުގެ ޝަކުވާތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީގެ މެމްބަރުން ފެންމަތި ކުރެއްވުމުން އެކަން ހިނގާ ގޮތް ސާފުކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްއެންޑީއެފް ވެހިކަލްތައް ފުލުހުން ހުއްޓުވައި، ޗެކްކުރާ ކަމުގެ ޝަކުވާތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީގެ މެމްބަރުން ފެންމަތި ކުރެއްވުމުން އެކަން ހިނގާ ގޮތް ސާފުކުރަން ނިންމައިފި އެވެ.

މިރޭ ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކޮށް، ކުރި ސުވާލުތަކުގައި އެ ކޮމެޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވަނީ އެމްއެންޑީއެފްގެ އުޅަނދުތައް ފުލުހުން ހުއްޓުވައި، ޗެކް ކުރާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަން ހިނގަނީ ކޮން އުސޫލަކުން ތޯ ވިދާޅުވެ، ސުވާލު ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ނަހުލާ ފުރަތަމަ ވިދާޅުވީ އެފަދަ ކަމެއްގެ ޝަކުވާ އެކަމާ ބެހޭ ފަރާތަކުން ހުށަހަޅައިފި ނަމަ، އެކަން ބައްލަވާނެ ކަމަށެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިިގަންނަވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ވިދާޅުވީ އެމްއެންޑީއެފް އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ދަށުން އިސްތިސްނާ ކޮށްފައިވާ އުޅަނދުތަކެއް ކަމަށާއި އެކަމަކު ފުލުހުން އެ އުޅަނދުތައް ހުއްޓުވައި، ޗެކް ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ، އެކަންކަން ބެލުމަށް އޭނާ އެދިވަޑައިގަތެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ ސިފައިންގެ ތެރޭގައި އޮންނަ މިލިޓަރީ ފުލުހުން ކުރަންޖެހޭ މަސައްކަތެއް ފުލުހުން އަމިއްލައަށް ކުރަމުންދާ ކަމުގެ ޝަކުވާ އެބައޮތް ކަމަށެވެ. އަދި އެކަން ބެލުމަށް ފަހު، އެކަން އެ ކޮމެޓީއާ ހިއްސާކުރަން އޭނާ އެދިވަޑައިގަތެވެ.

ތަކުރާރުކޮށް މެމްބަރުން އެ ސުވާލު ކުރިމަތި ކުރަން ފެށުމުން ނަހުލާ ވިދާޅުވީ މެމްބަރުން އެކަން ސާފުކުރަން ބޭނުންވާތީ އެކަން ހިނގާ ގޮތެއް ސާފުކުރަން ސިޓީކޮށް، އަދި އޭގެ ތަފްސީލުތައް ހިއްސާ ކުރައްވާނެ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނު ބުނާގޮތުން ޓްރެފިކް ފުލުހުންނަށް އެއްގަމު އުޅަނދުތައް ހުއްޓުވައި، ޗެކްކުރުމުގެ ބާރު އޮންނާނެ އެވެ. އެކަމަކު އެ ގާނޫނު ބުނާގޮތުން އެމްއެންޑީއެފް އުޅަނދުތައް އެ ގާނޫނުން އިސްތިސްނާ ކުރެވޭނެ އެވެ.