Roadha Mihaaru
ޑީޕޯޓް ކުރާތީ ބިދޭސީން ދިވެހިންނާ ކައިވެނި ކުރަނީ!

ޑީޕޯޓްކުރަން ފެށުމާ އެކު ބިދޭސީން ދިވެހިންނާ ކައިވެނިކުރަން ހުށަހަޅާ ވަރު އިތުރުވެއްޖެ

11 ސެޕްޓެމްބަރ 2024

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓްކުރަން ފެށުމާ އެކު، ބިދޭސީ ފިރިހެނުން ދިވެހި އަންހެނުންނާ ކައިވެނި ކުރަން ފެމިލީ ކޯޓަށް ހުށަހަޅާ ވަރު ކުއްލިއަކަށް އިތުރުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓްކުރަން ފެށުމާ އެކު، ބިދޭސީ ފިރިހެނުން ދިވެހި އަންހެނުންނާ ކައިވެނި ކުރަން ފެމިލީ ކޯޓަށް ހުށަހަޅާ ވަރު ކުއްލިއަކަށް އިތުރުވެއްޖެ އެވެ.

މި ދުވަސްވަރު ބަންގްލާދޭޝް ފިރިހެނުން ދިވެހި އަންހެނުންނާ ކައިވެނިކުރަން ހުށަހަޅާ ވަރު އިތުރުވެފައި ވޭތޯ ސުވާލުކުރުމުން ފެމިލީ ކޯޓުގެ އިސް އޮފިޝަލަކު ވެސް ވިދާޅުވީ، އެފަދަ ކައިވެންޏަށް އެދި ހުށަހެޅުން އިތުރު ކަމަށެވެ.

އޭނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި ބަންގްލަދޭޝް ފިރިހެނުން ދިވެހި އަންހެނުންނާ ކައިވެނި ކުރަން ހުށަހަޅާ ވަރު ކުއްލިއަކަށް އިތުރުވެ، އެކަން ފާހަގަވެފައިވާ ކަމަށާއި އެހެންވެ ބައެއް ކަންކަން އިތުރަށް ބަލަން ވެސް ފަށާފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ކައިވެންޏަށް އެދޭ ބިދޭސީމީހާއަކީ ސައްހަ ވިސާއެއް އޮތް މީހެއްތޯ ޔަގީންކުރާ ކަމަށެވެ.

އެހެންވެ، މިހާރު ބިދޭސީން ކައިވެންޏަށް ހުށަހަޅާއިރު ވިސާ ވެސް ހުށަހަޅަން ޖެހެ އެވެ.

އެނގިފައިވާ ގޮތުގައި ފެމިލީ ކޯޓަށް ހުށަހަޅާ މިފަދަ ކައިވެނިތަކުގައި ހިމެނޭ މީހުންގެ އުމުރުގެ ފަރަގު ވެސް ވަރަށް ބޮޑެވެ. އުމުރުގައި 30 އަހަރުގެ ފަރަގު ހުރި ދެ މީހަކު ވެސް ކައިވެނިކުރަން ހުށަހެޅިކަން ވަނީ އެނގިފަ އެވެ.

"...ކައިވެނިކޮށް ދިރިއުޅުމެއް އުޅުމުގެ ބޭނުމަށް ވުރެ ވިސާގެ ކަންކަން ފަސޭހަ ކުރަން ކުރާ ކަމެއްގެ ގޮތުގައި ބެލެވޭ ކަންކަން ހުންނާތީ ކޯޓުން ވެސް މިކަމުގައި އިތުރަށް ސަމާލުކަން ދީގެން ކުރިއަށް ދާން ފޯމަށް ބަދަލު ގެންނަން ވެސް ނިންމާފައިވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ފެމެލީ ކޯޓުގެ ކައިވެނި ސެކްޝަން ހުންނަ އިމާރާތަށް މީހަކު ވަންނަނީ: މި ދުވަސްވަރު ބިދޭސީން ދިވެހިންނާ ކައިވެނިކުރަން ހުށަހަޅާވަރު ވަނީ އިތުރުވެފައި.  -- ފޮޓޯ: މިހާރު

ފެމެލީ ކޯޓުގެ ކައިވެނި ސެކްޝަން ހުންނަ އިމާރާތަށް މީހަކު ވަންނަނީ: މި ދުވަސްވަރު ބިދޭސީން ދިވެހިންނާ ކައިވެނިކުރަން ހުށަހަޅާވަރު ވަނީ އިތުރުވެފައި. -- ފޮޓޯ: މިހާރު

އާއިލާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި ބިދޭސީއަކާއި ދިވެއްސަކާ ކައިވެނި ކުރެވޭނީ، ކައިވެނި ކުރަން އެދޭ ފިރިހެނާ އާއި އަންހެނާގެ ކިބައިގައި، ޝަރުއީ ގޮތުން ކައިވެނި ސައްހަވުމަށްޓަކައި ހުރުން ލާޒިމުވާ ސިފަތައް ފުރިހަމަވާ ނަމަ އެވެ. ބިދޭސީ ފިރިހެނަކު، ދިވެހި އަންހެނަކާ ކައިވެނިކުރާ ނަމަ، އެ ބިދޭސީ ފިރިހެނަކީ، ރާއްޖޭގެ ކަމާބެހޭ ކޯޓުން ބަލާ ހަމަތަކުގެ މަތިން، އާއިލާގެ ހަރަދު ބެލެހެއްޓޭ ވަރުގެ މީހަކަށް ވާން ޖެހެ އެވެ.

އިމިގްރޭޝަންގެ ގާނޫނުގައި އޮންނަ ގޮތުން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރާއްޖޭގައި ދިރިއުޅުމަށް ރެސިޑެންޓް ވިސާ ލިބޭނެ އެވެ. އެ މީހެއްގެ އަތުގައި ވޯކް ވިސާ އޮންނާކަށް ނުޖެހެ އެވެ. މިހާރު އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގައި އެންމެ ގިނައިން ރާއްޖޭން ޑީޕޯޓް ކުރަން ޖެހެނީ ވޯކް ވިސާގެ މައްސަލަ އޮންނަ މީހުންނެެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީންނަކީ ވެސް ވޯކް ވިސާ ނެތް މީހުންނެވެ.

ގާނޫނުގައިވާ ގޮތުން ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން، ކައިވެނީގެ މުއްދަތުގައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދެވޭނެ އެވެ. ދިވެއްސަކާ ކައިވެނިކޮށްގެން ދަރިއެއް ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ހާލަތުގައި ނުވަތަ އޭނާ ކައިވެނި ކޮށްގެން އުޅުނު މީހާ މަރުވެފައިވާ ހާލަތުގައި، އޭނާގެ ދަރިންނާ އެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ވެސް މި ވިސާ ލިބޭނެ އެވެ. މިއީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އާކުރަން ޖެހޭ ވިސާ އެކެވެ.

އިމިގްރޭޝަނުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެ މީހުން ރާއްޖޭން ފޮނުވާލަން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ. މިހާރު ވެސް އެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު ބައެއް ބިދޭސީން ވަނީ އޮޕަރޭޝަނަށް ފިލަން ބައެއް ރަށްރަށަށް ވެސް ގޮސްފަ އެވެ.