Roadha Mihaaru
ގަވާއިދާ ހިލާފްވި 30 ބިދޭސީއަކު ޑީޕޯޓްކޮށްފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 30 ބިދޭސީއަކު އިއްޔެ ޑީޕޯޓްކޮށްފި

20 ސެޕްޓެމްބަރ 2024

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު 30 ބިދޭސީއަކު އިއްޔެ ޑީޕޯޓްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު 30 ބިދޭސީއަކު އިއްޔެ ޑީޕޯޓްކޮށްފި އެވެ.

އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 30 ބިދޭސީއަކު އިއްޔެ ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

މިއީ އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށްޓަކައި މެދުނުކެނޑި ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އިއްޔެ ޑީޕޯޓްކުރީ ބަންގްލަދޭޝާއި ސްރީލަންކާގެ އިތުރުން އިންޑިއާ އަދި ނޭޕާލަށް ނިސްބަތްވާ ބިދޭސީން ކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން ވެސް ގާނޫނާއި ގަވާއިދުތަކަށް ތަބާވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިމިގްރޭޝަނުން ކުރިން ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އަތުލައިގަތް ބިދޭސީންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބިދޭސީން ދިރިއުޅޭ ތަންތަންނާއި މަސައްކަތްކުރާ ތަންތަން ވެސް އިމިގްރޭޝަނުން ދަނީ ބަލައި ފާސް ކުރަމުންނެވެ.