Roadha Mihaaru
ޑްރަގާއި ފައިސާއާ އެކު ފަސް މީހަކު ހައްޔަރުކޮށްފި

ނައިފަރާއި ހިންނަވަރުން ޑްރަގާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ފަސް މީހަކު ހައްޔަރުކޮށްފި

12 ސެޕްޓެމްބަރ 2024

މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ، ޅ. ނައިފަރާއި އެ އަތޮޅު ހިންނަވަރުގައި ހިންގި ޑްރަގް އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ފަސް މީހަކު ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ، ޅ. ނައިފަރާއި އެ އަތޮޅު ހިންނަވަރުގައި ހިންގި ޑްރަގް އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ފަސް މީހަކު ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ނޯތު ޕޮލިހުން ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި އެ ދެ ރަށުން 12 ތަނެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެ ރަށުން ހޯދި ތަކެތީގެ ބަރުދަނުގައި 86.26 ގްރާމު ހުއްޓެވެ. އަދި ތިން ލައްކައެއްހާ ރުފިޔާ އާއި ޑޮލަރާއި ޔޫރޯ ވެސް އެ ތަންތަނުން ހޯދާފައިވެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުން:

- ހުސެއިން އީސާފުޅު، 48، ޅ. ހިންނަވަރު، އަގީދުގެ

- އަހުމަދު މުހައްމަދު، 36، ޅ. ހިންނަވަރު/ މިދިލިމާގެ

- އަބްދުﷲ ޒަކަރިއްޔާ، 46، ޅ. ނައިފަރު/ ޑޭޒީހިޔާ

- ފާތިމަތު ރީމާ، 44، އދ. މަހިބަދޫ/ ކުޅިބަލާގެ

ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ އިތުރުން އެހެން ބަޔަކު ވެސް ބަލައި ފާސްކޮށްފައިވެ އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ހުސެއިން އީސާފުޅާއި އަހުމަދު މުހައްމަދުގެ ބަންދަށް ހަތް ދުވަސް، ޒަކަރިއްޔާގެ ބަންދަށް 15 ދުވަސް، ރީމާގެ ބަންދަށް 12 ދުވަސް އަދި މުހައްމަދު އިރުޝާދުގެ ބަންދަށް ތިން ދުވަސް ވަނީ ދީފަ އެވެ.

މީގެ ކުރިން ވެސް ނައިފަރުގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ، އެކަމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކުރި އެވެ.

މިދިޔަ އަހަރު އެ އޮޕަރޭޝަން ހިންގީ އެކި އުމުރުގެ މީހުންނަށް މަސްތުވާތަކެތި ދީ އެކަމުގެ ތެރެއަށް މީހުން ވެއްދުމުގެ މައްސަލަ ބޮޑުވެގެން އެ މައްސަލަ ހުށަހެޅުމުންނެވެ. އެ ފަހަރުގެ އޮޕަރޭޝަނުގައި ހަ މީހަކު ހައްޔަރުކުރިޔަސް ކޯޓުން އެމީހުން ދޫކޮށްލީ ހައްޔަރުކުރިއިރު ސީދާ އެ މީހުންގެ އަތުގައި މަސްތުވާތަކެތި ނެތް ކަމަށް ބުނެ އެވެ.