Roadha Mihaaru
ފެން ޕްލާންޓް ހޯދީ އުސޫލުތަކުގެ ތެރެއިން: ފެނަކަ

ތިނަދުއަށް ފެން ޕްލާންޓް ހޯދީ އެންމެ އަވަސްވާނެ ގޮތަށް އުސޫލުތަކުގެ ތެރެއިން: ފެނަކަ

13 ސެޕްޓެމްބަރ 2024

ގދ. ތިނަދުއަށް ފެން ޕްލާންޓް ހޯދާފައިވަނީ ޕްރޮކިއުމަންޓް އުސޫލުތަކުގެ ތެރެއިން ކަމަށާއި އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ގދ. ތިނަދުއަށް ފެން ޕްލާންޓް ހޯދާފައިވަނީ ޕްރޮކިއުމަންޓް އުސޫލުތަކުގެ ތެރެއިން ކަމަށާއި އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ތިނަދު އަށް ފެން ޕްލާންޓެއް ހޯދާފައިވަނީ އެމްޑަބްލިއުއެސްސީން ހުށަހެޅި އަގަށް ވުރެ ހަ މިލިއަން ރުފިޔާ ބޮޑުކޮށް އަމިއްލަ ކުންފުންޏެއްގެ އަތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ފެނަކަ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އާ މެނޭޖްމެންޓުން ހަވާލުވިއިރު ކަރަންޓާއި ފެނާއި ނަރުދަމާގެ ހާލަތު އޮތީ ދަށްކޮށް ކަމަށާއި އެގޮތުން ކުންފުނިން ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދާ ރަށްތަކުގެ ތެރެއިން ކްރިޓިކަލް ހާލަތެއްގައި ހަތް ރަށެއް އޮތް ކަމަށެވެ. އެ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު، ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދޭން އެންމެ ބޮޑު ދަތިތަކެއް ކުރިމަތިވެފައިވަނީ ތިނަދޫ އަށް ކަމަށް ފެނަކައިން ބުންޏެވެ.

އެ ކުންފުނިން ބުނީ މިހާރު ތިނަދޫގައި ހިދުމަތް ދެމުންދާ ފެން ޕްލާންޓުން އެކަނި ހިދުމަތް ދޭން ޖެހުމުގެ ސަބަބުން ހިދުމަތް މެދުކެނޑި، މިދިޔަ ދެ މަސް ތެރޭ ތިން ފަހަރަށް އަމިއްލަ ފަރާތަކުން ފެން ހޯދަން ޖެހުނު ކަމަށެވެ. އެގޮތުން ދެ މަސް ތެރޭ ތިނަދޫއަށް އެކަނި 4.5 މިލިއަން ރުފިޔާގެ ފެން ފޯރުކޮށްދޭން ޖެހުނު ކަމަށެވެ.

"މިގޮތަށް ހިދުމަތަށް ބުރޫ އަރާ ކޮންމެ ފަހަރަކު ރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފުތަކާ ކުރިމަތިލާން ޖެހުނު. އެ ރަށުގައި ކެޕޭސިޓީ މިހާރުން މިހާރަށް އިތުރު ނުކުރެވިއްޖެ ނަމަ، ކޮންމެ މަހަކު ވެސް ފެނުގެ ހިދުމަތް މެދުކެނޑުމުގެ ތަކުލީފާ ތިނަދޫ ރައްޔިތުން ކުރިމަތިލާން ޖެހޭ،" ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ބުނީ:

- މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އާ ފެން ޕްލާންޓެއް ހޯދަން އެމްޑަބްލިއުއެސްސީއަށާއި ސެޓެލްކޯ އަށް ހުށަހެޅި

- ނަމަވެސް، އެމްޑަބްލިއުއެސްސީ އިން އެކަމަށް ފަސް ހަފުތާ ހޭދަވާނެ ކަމާއި ސެޓެލްކޯ އިން 180 ދުވަސް ހޭދަވާނެ ކަން އަންގާފައިވޭ

- ފެނަކައިގެ ވެންޑަރުންގެ ތެރެއިން މި ހިދުމަތް ދޭ އަމިއްލަ ހުރިހާ ކުންފުނިތަކަށް ރިކުއެސްޓް ފޯ ކުއޯޓް ފޮނުވި. ދެ ފަހަރަށް ފުރުސަތު ދިނުމުން ވެސް ކޯޓޭޝަން ފޮނުވީ އެންމެ ކުންފުންޏަކުން.

ކޯޓޭޝަން ފޮނުވި ކުންފުންޏާ އެކު އެއްބަސްވުން އެކުލަވާލީ އަގު ކުޑަކުރުމަށް ފަހު ކަމަށާއި ފެން ޕްލާންޓް ހޯދުމުގައި އަމަލުކޮށްފައިވަނީ ޕްރޮކިއުމަންޓް އުސޫލުތަކުގެ ތެރެއިން، ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ބަޔާނުގައި ބުންޏެވެ.

ފެނަކައިގެ ބަޔާނުގައި ބުނީ ފެން ޕްލާންޓް އިންސްޓޯލް ކުރެވޭނީ އޭގައި ހިމަނަންޖެހޭ ހުރިހާ ބައިތަކެއް ފުރިހަމަވެގެން ކަމަށާއި އާ ޕްލާންޓް އިންސްޓޯލް ކުރުމުން ތިނަދޫގައި 600 ޓަނުގެ ފެން އުފެއްދުމުގެ ގަބިލްކަން ލިބޭނެ ކަމަށެވެ.