Roadha Mihaaru
އައިކެއާއިން ލޯ ސްކްރީން ކޮށްދޭ ކޭމްޕްތަކެއް ހިންގަނީ

‎އައިކެއާ އިން އަތޮޅުތަކުގައި ލޯ ސްކްރީން ކޮށްދޭ ކޭމްޕްތަކެއް ހިންގަނީ

17 ސެޕްޓެމްބަރ 2024

ލޮލުގެ ދުޅަހެޔޮކަމާއި ފެނުން ސްކްރީން ކޮށްދޭ ކޭމްޕެއް އައިކެއާ ހޮސްޕިޓަލުން އަތޮޅުތަކުގައި ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ލޮލުގެ ދުޅަހެޔޮކަމާއި ފެނުން ސްކްރީން ކޮށްދޭ ކޭމްޕެއް އައިކެއާ ހޮސްޕިޓަލުން އަތޮޅުތަކުގައި ފަށައިފި އެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގަން ހަމަޖެހިފައިވާ މި ކޭމްޕު ފެށީ ގއ. އަތޮޅުންނެވެ. މި މަހުގެ 9 ވަނަ ދުވަހު އެ ހޮސްޕިޓަލުން ފެށި މި ކޭމްޕު މިހާތަނަށް ވަނީ އެ އަތޮޅުން ވިލިނގިއްޔާއި މާމެންދޫ އަދި ދާންދޫގައި ބާއްވައިފަ އެވެ.

މިހާރު މި ކޭމްޕު ކުރިއަށް ގެންދަނީ ގެމަނަފުށީގަ އެވެ. ގއ. އަތޮޅުގައި މި ކޭމްޕު ނިންމާލުމަށް ފަހު، ދެން އެ ހޮސްޕިޓަލުގެ ޓީމު ދާނީ ގދ. އަތޮޅަށެވެ. ކޭމްޕުގައި ހަރަކާތްތެރި ވަނީ އައިކެއާ ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި މެޑިކަލް ޕްރޮފެޝަނަލުންނެވެ.

ލޮލުގެ ދުޅަހެޔޮކަމާއި ފެނުން ސްކްރީން ކުރަން އަތޮޅުތަކުގައި ފެށި މި ކޭމްޕުގައި ކެޓެރެކްޓަށް ޗެކު ކުރުމާއި ގްލަކޯމާ އަށް ޓެސްޓުކުރުމާއި ރެޓީނާގެ މައްސަލަތައް ދެނެގަތުމުގެ ޓެސްޓުތައް ކުރާނެ އެވެ. އައިކެއާއިން އައިނު ހައްދަން ބޭނުންވާ މީހުންނަށް އައިނަށް އޯޑަރު ދިނުމުގެ ފުރުސަތު ވެސް ކޭމްޕުގައި ލިބޭނެ އެވެ.

އައިކެއާ ހޮސްޕިޓަލުން ބުނީ މިއީ އެ ހޮސްޕިޓަލުން ހިދުމަތް ބޭނުންވެ، މާލެ އަށް ނާދެވި ހިދުމަތް ނުލިބި ތިބި މީހުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ކޭމްޕެއް ކަމަށެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ލޮލުގެ ދުޅަހެޔޮކަން ޕްރޮމޯޓުކުރުމުގެ ގޮތުން ހިންގާ ކޭމްޕުތަކެއް ކަމަށް ވެސް ބުންޏެވެ.

އައިކެއާ ހޮސްޕިޓަލުން ބުނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މި ކޭމްޕު ބޭއްވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާ މި ކޭމްޕުތަކަކީ ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.