Roadha Mihaaru
ތައުލީމީ ކުރިމަގަށް ދިވެހި ޓީޗަރުން ގިނަކުރަން މަޖުބޫރު

ތައުލީމީ ކުރިމަގަށް ދިވެހި ޓީޗަރުން ގިނަކުރަން މަޖުބޫރުވެފައި!

18 ސެޕްޓެމްބަރ 2024

ރާއްޖޭގައި ކޮންމެ އަހަރަކު އޯ ލެވެލް އާއި އޭ ލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ޓީޗިންގެ ދާއިރާއަށް ވަންނަނީ ނިސްބަތުން މަދު ދަރިވަރުންތަކެކެވެ. ޓީޗިން ކޯސް ފުރިހަމަކޮށް، ދާއިރާއާ ގުޅުނަސް ވަކި ހިސާބަކުން ދާއިރާ ދޫކޮށްލަން މަޖުބޫރުވާ ސަބަބުތައް އޮންނަނީ މެދުވެރިވެފަ އެވެ. ނަތީޖާ އަކީ ރާއްޖެއަށް ޓީޗަރުންގެ ދަތިކަން އިންތިހާއަށް ބޮޑުވެފައި އޮތުމެވެ. ކޮންމެ ދިރާސީ އަހަރަކާ ދިމާކޮށް ބިދޭސީ ޓީޗަރުން ގެންނަން މަޖުބޫރެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި ކޮންމެ އަހަރަކު އޯ ލެވެލް އާއި އޭ ލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ޓީޗިންގެ ދާއިރާއަށް ވަންނަނީ ނިސްބަތުން މަދު ދަރިވަރުންތަކެކެވެ. ޓީޗިން ކޯސް ފުރިހަމަކޮށް، ދާއިރާއާ ގުޅުނަސް ވަކި ހިސާބަކުން ދާއިރާ ދޫކޮށްލަން މަޖުބޫރުވާ ސަބަބުތައް އޮންނަނީ މެދުވެރިވެފަ އެވެ. ނަތީޖާ އަކީ ރާއްޖެއަށް ޓީޗަރުންގެ ދަތިކަން އިންތިހާއަށް ބޮޑުވެފައި އޮތުމެވެ. ކޮންމެ ދިރާސީ އަހަރަކާ ދިމާކޮށް ބިދޭސީ ޓީޗަރުން ގެންނަން މަޖުބޫރެވެ.

ޓީޗަރުން ނުލިބުމުގެ މައްސަލާގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ކުރިން އޮތީ ޓީޗަރުންގެ މުސާރަ ކުޑަވުމެވެ. ޓީޗަރުން ހޭދަ ކުރަން ޖެހޭ ވަގުތާއި އުފުލަން ޖެހޭ ބުރައަށް ބަލައި މުސާރަ ކުޑަވުމަކީ މި ދާއިރާއަށް ޝައުގުވެރިކަން ގެއްލޭ ސަބަބެކެވެ. މުސާރަ ބޮޑުކުރުމަކީ ވަރަށް ބޮޑު ހައްލަކަށް ވެދާނެ ކަމަށް ބަލައި 2022 ގައި ޓީޗަރުންނާއި ޕްރިންސިޕަލުންގެ އޮނިގަނޑަށް ބަދަލު ގެނެސް މުސާރަ ބޮޑުކުރި އެވެ.

އެކަމަކު އޭގެ ފަހުން މިހާތަނަށް ފެންނަން އޮތް ތާފާސްހިސާބުތަކުގައިވާ ގޮތުން މި ދާއިރާގައި ދިވެހިން ނުހިފެހެއްޓެ އެވެ. އަދި އަލަށް ވަންނަ މީހުން ވެސް އިތުރެއް ނުވެ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ކޮލެޖް/ޔުނިވާސިޓީތަކުން ކިޔަވައިގެން ގްރޭޖުއޭޓްވެ، މުޅި އަލަށް ދާއިރާއަށް ގުޅުނީ އެންމެ 47 ޓީޗަރުންނެވެ. މިއީ، ތައުލީމީ ދާއިރާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ތައުލީމީ ދާއިރާގެ ކުރިމަގަށް ބަލާއިރު ސީރިއަސް މައްސަލައެކެވެ.

މިކަން ހައްލުކުރަން، ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން މި ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

މިދިޔަ މަހު އެޑިޔުކޭޝަން މިނިސްޓްރީން "މިހާރު" އާ ހިއްސާކުރި ތަފާސްހިސާބަށް ބަލާއިރު ވެސް ރާއްޖެއަށް ޓީޗަރުން ބޭނުން ވެފައިވާ މިންވަރު ވަރަށް ސާފެވެ. އަތޮޅުތަކުގައި ކިޔަވާ ދަރިވަރުންގެ އާބާދީއަށް ބަލައި 20 އަތޮޅަށް 2،000 އަށް ވުރެ ގިނަ ޓީޗަރުން މިހާރު ވެސް ބޭނުންވެ އެވެ. ދިވެހި ޓީޗަރުންގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ޓީޗަރުން ބޭނުންވާ ކަން އެ ހިސާބުތަކުން ފެންނަން އޮތެވެ.

މާލޭ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރުންތަކެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާލޭ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރުންތަކެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިހާރު އިތުރަށް 2،462 ޓީޗަރުން ބޭނުންވޭ!

އެންމެ ގިނައިން ޓީޗަރުން ބޭނުންވަނީ މާލެ އަށެވެ. އެއީ ޖުމްލަ 252 ޓީޗަރުންނެވެ. ދެނަވަނަ އަށް އެންމެ ޑިމާންޑު ބޮޑު ހދ. އަތޮޅަށް 211 ޓީޗަރުން ބޭނުންވާއިރު ހއ. އަތޮޅަށް 201 ޓީޗަރުން ބޭނުންވެ އެވެ.

ލ. އަތޮޅު: 170 ޓީޗަރުން

ތ. އަތޮޅު: 158 ޓީޗަރުން

ށ. އަތޮޅު: 142 ޓީޗަރުން

ގދ. އަތޮޅު: 140 ޓީޗަރުން

ރ. އަތޮޅު: 138 ޓީޗަރުން

ކ. އަތޮޅު: 131 ޓީޗަރުން

ބ. އަތޮޅު: 130 ޓީޗަރުން ނ. އަތޮޅު: 121 ޓީޗަރުން

އއ. އަތޮޅު: 112 ޓީޗަރުން

އދ. އަތޮޅު: 111 ޓީޗަރުން

އައްޑޫ: 93 ޓީޗަރުން

ގއ. އަތޮޅު: 80 ޓީޗަރުން

ޏ. ފުވައްމުލަށް: 68 ޓީޗަރުން

މ. އަތޮޅު: 52 ޓީޗަރުން

ދ. އަތޮޅު: 44 ޓީޗަރުން

ވ. އަތޮޅު: 38 ޓީޗަރުން

ޅ. އަތޮޅު: 35 ޓީޗަރުން

ފ. އަތޮޅު: 34 ޓީޗަރުން

ހުޅުމާލެ ފޭސް 2 ގައި ސަރުކާރުން ހިންގާ ކާމިލް ދީދީ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލުގައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ ފޭސް 2 ގައި ސަރުކާރުން ހިންގާ ކާމިލް ދީދީ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލުގައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ރަށްތަކަށް ބޭނުންވާ ޓީޗަރުން އެންމެ ގިނައީ ޕްރައިމަރީ ގްރޭޑްތަކަށެވެ. އެއީ ޖުމްލަ 253 ޓީޗަރުންނެވެ. ޓީޗަރުން އެންމެ ގިނައިން ބޭނުންވާ މާއްދާއަކީ އިނގިރޭސި އާއި ހިސާބު މާއްދާ އެވެ. އިނގިރޭސިއަށް 208 ޓީޗަރުން ބޭނުންވާއިރު ހިސާބަށް 175 ޓީޗަރުން ބޭނުންވެ އެވެ.

ދިވެހި: 113 ޓީޗަރުން

އިސްލާމް: 51 ޓީޗަރުން

ގުރުއާން: 69 ޓީޗަރުން

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ތިބި ބިދޭސީ ޓީޗަރުންގެ އަދަދަކީ 1،188 އެވެ. އެ މުއްދަތުގައި ތިބި ދިވެހި ޓީޗަރުންގެ އަދަދަކީ 6،596 އެވެ. މިދިޔަ ފަސް އަހަރު ގުރުއާނާއި އަރަބި ކިޔަވައިދޭން އެކި ގައުމުތަކުން 26 ޓީޗަރުން ވަނީ ގެނެސްފަ އެވެ.

"މުސާރައަކުން ބަދަލެއް ނުފެނޭ، ދާއިރާއަށް ޝައުގުވެރިކަން އުފައްދަން ޖެހޭ"

އެތައް އަހަރަކަށް ފަހު ޕްރައިމަރީ ގްރޭޑުތަކަށް ބިދޭސީ ޓީޗަރުން ގެންނަން ފެށީ 2019ވަނަ އަހަރު އެވެ. ސްކޫލްތަކަށް ބޭނުންވާ ވަރަށް ދިވެހި ޓީޗަރުން ނުލިބިގެން މި އަހަރު ވެސް ވަނީ ބިދޭސީ ޓީޗަރުން ގެނެސްފަ އެވެ.

ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޓީޗިން ދާއިރާއަށް ބޭނުންވަނީ މޮޅު ދަރިވަރުންގެ ޝައުގުވެރިކަން އުފައްދުމެވެ. އެހެން ނޫން ނަމަ ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ތައުލީމީ ދާއިރާ ހަލާކުވެގެން ހިނގައިދާނެ ކަމުގެ ބިރު އެ ބޭފުޅުންނަށް އެބަ އޮތެވެ.

ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ ޓީޗިން ކިޔަވަން ކޮންމެ އެންރޯލްމެންޓެއްގައި ވެސް ކުދިން ލިބޭ ކަމަށެވެ. ނަމަވެސް ޓީޗިން ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުސާރައަކުން [މުސާރަ ބޮޑުކޮށްގެން] ބަދަލެއް ނުފެނޭ. ދާއިރާއަށް ޝައުގުވެރިކަން އުފައްދަން ޖެހޭނީ. އަޅުގަނޑުމެން ވެސް [ވިލާ ކޮލެޖާއި ވިލާ ހައި ސްކޫލަށް ވެސް] ބިދޭސީއޭއް ނަގަނީ ދިވެއްސެއް ނުލިބިއްޖެ ނަމަ. ނުލިބުނީމަ ނަގާކަށްނޫންތޯ ޖެހޭނީ،" އަންވަރު ވިދާޅުވި އެވެ.

ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދަރިވަރުން ޓީޗިން ދާއިރާއަށް ޝައުގިވެރިކަން އުފައްދަން ބޭނުން ނަމަ މުސާރައިގެ އިތުރުން އެއީ ގަދަރު ކުރާ ދާއިރާއެއްގެ ގޮތުގައި ހަދައި ޓީޗަރުންނަށް މިހާރު އޮތް ބުރަ ލުއިކުރަން ޖެހެ އެވެ.

އެހެން ބައެއް ކޮލެޖް/ ޔުނިވާސިޓީތަކުން ވެސް ބުނި ގޮތުގައި ޓީޗަރުންގެ މުސާރަ ބޮޑުވި ނަމަވެސް ޓީޗަރުން ލިބުމުގައި ދަތިތައް ކުރިމަތިވެ އެވެ. ޓީޗިން ކިޔަވަން ދަރިވަރުންގެ ޝައުގުވެރިކަން ނުހުންނަ ސަބަބެއް ކަމަށް އެ ތަންތަނުން ވެސް ގަބޫލުކުރަނީ ވަޒީފާގެ ބުރަ ކަމެވެ.

"އަނެއްހެން ބުނަންޏާ މިއީ އެއްކޮށް ވަގުތު ހުސްކޮށްގެން ނޫނީ ނުކުރެވޭނެ ކަމެއް. ގެއަށް ދިއުމުން ދެން ވެސް ވިސްނަން ޖެހެނީ އެކަމާ، 24/7 ޖޮބެއް މިއީ. އަޅުގަނޑަށް ބޮޑަށް ހީވަނީ ކުދިން މި ދާއިރާއަށް ވަންނަން ބޭނުން ނުވަނީ އެހެންވެހެން،" މިހާރު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ. އެހެން ޓީޗަރަކު ބުނި ގޮތުގައި، އެ ނޫން ހައްލުކުރަން ޖެހޭ ކަންކަން ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ޓީޗަރުން ދާއިރާއަށް ޝައުގުވެރިކަން ގެއްލޭ ގޮތަށް ކަންކަން ބައްޓަންވެފައި އޮތުން ވެސް ހައްލުކުރަން ޖެހެ އެވެ. މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ، ޓީޗަރުންނަށް ވުރެ ކުދިންގެ ހައްގުތައް ގިނަވެ، ކުއްޖަކު ގޯސް ކަމެއް ކުރިޔަސް ޓީޗަރަކަށް އެކަން ރަނގަޅު ކުރަން އެއްޗެއް ވެސް ނުބުނެވޭ ކަމަށެވެ. މިއީ ކުދިންގެ އަހުލާގަށް ބަދަލު އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުސާރަ ބޮޑު ކުރިޔަސް، މިފަދަ އެތައް ސަބަބަކަށްޓަކައި ޓީޗަރަކަށް ވާން ޝައުގުވެރިކަން ނުހުންނަ ކަން މިހާރު ޓީޗިން ދާއިރާގައި މަސައްކަތް ކުރާ މީހުން ފާހަގަ ކުރެ އެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި ދިވެހި ޓީޗަރުން ގިނަ ކުރަން ޖެހޭ ކަން ކަމާ ގުޅޭ އިދާރާތަކުން ވެސް ގަބޫލުކުރެ އެވެ.

ސްކޫލެއްގެ ޓީޗަރުންތަކެއް ދަރިވަރުންނާ އެކު: މި ދާއިރާގައި ދިވެހިން ގިނަ ނުވާ އެއް ސަބަބަކީ ނިޒާމް ބައްޓަންވެފައި އޮންނަ ގޮތުން ހޭދަކުރަން ޖެހޭ ވަގުތާއި އުފުލަން ޖެހޭ ބުރަ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސްކޫލެއްގެ ޓީޗަރުންތަކެއް ދަރިވަރުންނާ އެކު: މި ދާއިރާގައި ދިވެހިން ގިނަ ނުވާ އެއް ސަބަބަކީ ނިޒާމް ބައްޓަންވެފައި އޮންނަ ގޮތުން ހޭދަކުރަން ޖެހޭ ވަގުތާއި އުފުލަން ޖެހޭ ބުރަ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސަރުކާރުގެ ވިސްނުން: ބުރަ ކުޑަކޮށް ޓީޗަރުން އުފައްދަން ގައުމީ މަޝްރޫއުއެއް

ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން ގިނަ ކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނީ ޕްލޭނަކާ އެކުގަ އެވެ. މި ސަރުކާރުން ނިންމާފައި ވަނީ، ޓީޗަރުންނަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމާ އެކު މި ދާއިރާގައި ޝައުގުވެރިކަމާ އެކު ކިޔަވައިދޭނެ ދިވެހި ޓީޗަރުންތަކެއް ބިނާކުރުމެވެ.

އެހެންވެ، ސަރުކާރުން ނިންމާފައި ވަނީ، ދިވެހި ޓީޗަރުން ލިބުމުގައި ހުރި ދަތިތައް ހައްލުކުރަން ގައުމީ މަޝްރޫއެއް ފެށުމަށެވެ.

ސަރުކާރުން ފަށަން ނިންމާފައިވާ "ޓީޗަރުން އުފެއްދުމުގެ ގައުމީ މަޝްރޫއު"އާ ގުޅޭގޮތުން މިދިޔަ މަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ތައުލީމީ ދާއިރާގައި މިހާރު ގިނައީ 55 އަހަރުން މަތީ ބޭފުޅުން ކަމަށެވެ.

އެހެންވެ އެ ބޭފުޅުންނަކީ ދާއިރާއިން ރިޓަޔާ ކުރުމުގެ ފުރުސަތު އޮތް ބޭފުޅުންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ބޭފުޅުންގެ ރިޓަޔާ ވެއްޖެ ނަމަ ބަދަލުގައި ޓީޗަރުން ހޯދުމަކީ ބުރަ ކަމަކަށް ވާނެ ކަމަށެވެ.

"ދިވެހި ޓީޗަރުން މަދުވުމަކީ މުޅި އެޑިޔުކޭޝަން ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން. ތަފާސްހިސާބަށް ބަލާއިރު އެކަށީގެންވާ އަދަދަކަށް ޓީޗަރުން [މިދިޔަ 5 އަހަރު] އުފެއްދުނު ކަމަކަށް ނުބެލެވޭ. އެއީ، އަޅުގަނޑުމެން އައިސް މި ބެލީ އަލަށް ދާއިރާއަށް ނުކުތް ހުރިހާ ޓީޗަރުންނަށް ވެސް ވަޒީފާ ދޭން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މައުލޫމާތު އެއްކުރި އިރު ރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީތަކުން އަލަށް ގްރޭޖުއޭޓްވި، އެއީ މިސާލަކަށް ޑިގްރީ ހަދާފައި މާސްޓާސް ހެދި ބޭފުޅުންނެއް ނޫން. އަދި ޑިގްރީ ހަދާފައި ޕޯސްޓު ގްރޭޖުއޭޓް ހެދި ބޭފުޅުންނެއް ވެސް ނޫން. މުޅިން އަލަށް ތައުލީމީ ދާއިރާއަށް އަޅުގަނޑަށް ޕީއެސްގެ ފަރާތުން މައުލޫމާތު ލިބުނީ 47 ޓީޗަރުން، މުޅިން އަލަށް."

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: މިނިސްޓްރީ

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: މިނިސްޓްރީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ، ޓީޗަރުންގެ އަދަދު މަދުވުމުގެ މައްސަލަ ހައްލުކުރުމާއި ތައުލީމީ ދާއިރާ ރަނގަޅު ކުރަން މިހާރު ވަނީ މިލިއަން ޑޮލަރުގެ އެހީއާ އެކު ބޮޑު މަޝްރޫއެއް މިދިޔަ މަހުގެ 22ގަ ފަށައިފަ އެވެ.

ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ)ގެ ހިލޭ އެހީގައި ރައީސް މުއިއްޒުގެ ތައުލީމީ ތަސައްވުރުގެ ދަށުން ތައްޔާރުކޮށްފައިވާ އެ ޕްލޭން ކާމިޔާބު ކުރަން ޔުނިސެފާއި ވޯލްޑް ބޭންކުން ވަނީ 9.5 މިލިއަން ޑޮލަރު ލިބިފަ އެވެ.

އެ މަޝްރޫއުގެ އިތުރުން ދިވެހިންނަށް ހާއްސަ ކޮށްފައިވާ ވަޒީފާގެ ދާއިރާތައް ސަރުކާރުން ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ޓީޗަރުން ވެސް ވަނީ ހިމަނައިފަ އެވެ. އޭގެ އިތުރުން ޓީޗަރުންގެ ބުރަ މަސައްކަތް ލުއި ކޮށްދިނުމަށް ގިނަ ކަންކަން ފަށާފައި ވާއިރު، ޝަފީއު ދެއްވި ޔަގީން ކަމަކީ މި ދިރާސީ އަހަރަކީ ތައުލީމީ ދާއިރާގައި ވަރަށް މުހިންމު ނިންމުންތަކެއް ނިމިގެންދާނެ އަހަރަކަށް ވާނެ ކަމެވެ.

އޭގެ ތެރެއިން ވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި، މިނިސްޓަރު ޔަގީންކަން ދެއްވީ ޓީޗަރުންނާއި ޕްރިންސިޕަލުންގެ "ވޯކްލޯޑް" ކުޑަކުރުމެވެ.

ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން ގިނަކުރުމުގެ ވިސްނުމުގެ ތެރެއިން ސަރުކާރުން މިހާރު ވަނީ އޭ ލެވެލް ނިންމައި މި ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް ހިތްވަރު ދޭން ވެސް މަސައްކަތްތަކެއް ފަށައިފަ އެވެ. އޭގެތެރޭގައި، ޓީޗިންގެ ރޮނގުން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ދަރިވަރުންނަށް ކޮންމެ މަހަކު 1،500 ރުފިޔާގެ އެލަވަންސެއް ދޭން ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

މި މަސައްކަތުން ހެޔޮ ބަދަލެއް ފެންނާނެ ކަމުގެ އުއްމީދު ބޮޑެވެ. ފުރަތަމަ ޖެހޭނީ ޓީޗަރުންނަށް އޮތް ބުރަކަން ފިލުވައި މި ދާއިރާގައި ޝައުގުވެރިކަމާ އެކު ދެމިތިބެވޭނެ ގޮތަށް ނިޒާމް ބައްޓަން ކުރުމެވެ. މުސާރައަށް ގެންނަ ހެޔޮ ބަދަލު ވެސް އޭރަށް ފެންނަން ފަށާނެ ކަމަށް ބައެއް ޓީޗަރުން ވިދާޅުވެ އެވެ.

މި ސަރުކާރުން ފަށާ ގައުމީ މަޝްރޫއާ އެއްގޮތަށް، ލަނޑުދަނޑިތައް ހާސިލް ވެއްޖެ ނަމަ ރާއްޖެއަށް ޓީޗަރުން އުފައްދަން މަޖުބޫރުވެފައި މި އޮތް ހާލަތު ބަދަލު ކުރެވިދާނެ ކަމަށް ތައުލީމީ ދާއިރާގެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ.