Roadha Mihaaru
އިޒްރޭލު ފަލަސްތީނުން ފައިބަން އދ. އިން ގޮވާލައިފި

ފަލަސްތީނުގެ ބިމުން އެއް އަހަރު ތެރޭ އިޒްރޭލު ފައިބަން އދ.ގެ އާންމު މަޖިލީހުން ގޮވާލައިފި

18 ސެޕްޓެމްބަރ 2024

ފަލަސްތީނުގެ ބިންތަކުގެ އިޒްރޭލު އެއް އަހަރު ތެރޭ ފައިބަން ގޮވާލާ ގަރާރެއް އދ.ގެ އާންމު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފަލަސްތީނުގެ ބިންތަކުގެ އިޒްރޭލު އެއް އަހަރު ތެރޭ ފައިބަން ގޮވާލާ ގަރާރެއް އދ.ގެ އާންމު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއީ އަމަލުކުރުން ލާޒިމު ނޫން ގަރާރެއް ނަމަވެސް 124 ގައުމުގެ ތާއީދާ އެކު ފާސްކުރި މި ގަރާރަށް އަމަލު ނުކޮށްފި ނަމަ ދަތިކުރުމުގެ ފިޔަވަޅު އެޅޭނެ އެވެ.

އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ނިންމައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އިސްތިޝާރީ ލަފާގެ މައްޗަށް ފާސްކުރި ގަރާރާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދީފައި ވާއިރު 43 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

އަރަބި ގައުމުތަކުގެ އިސްނެގުމަށް އާންމު މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި މި ގަރާރު ފާސްކޮށްފައި މި ވަނީ ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ ޖެނެރަލް އެސެމްބްލީ ވަރަށް ގާތްވެފައި ވަނިކޮށެވެ.

އެ ގަރާރުގައި ވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގާނޫނާ ހިލާފަށް ތިބުން ލަސްނުކޮށް ނިމުމަކަށް ގެނައުމަށް ގޮވާލައިފަ އެވެ. މިކަން ތަންފީޒުކުރުން 12 މަސް ދުވަހަށް ވުރެ ލަސްކޮށްގެން ނުވާނެ ކަމަށް ވެސް ގަރާރުގައިވެ އެވެ.

ފަލަސްތީނުގެ ބިމުން އިޒްރޭލު ފައިބަން ގޮވާލާ ގަރާރު އދ.ގެ އާންމު މަޖިލީހުން ފާސްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ބިމުން އިޒްރޭލު ފައިބަން ގޮވާލާ ގަރާރު އދ.ގެ އާންމު މަޖިލީހުން ފާސްކުރަނީ. -- ފޮޓޯ: އޭއެފްޕީ

މި ގަރާރު ފުރަތަމަ ހުށަހެޅި އިރު އޮތީ ހަ މަސް ދުވަހުގެ ތެރޭ ފަލަސްތީނުގެ ބިންތަކުން ފޭބުމަށެވެ.

"ވިސްނުމަކީ އާންމު މަޖިލީހުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޕްރެޝަރާއި އައިސީޖޭގެ ތާރީހީ ނިންމުމުގެ ޕްރެޝަރު ބޭނުންކޮށްގެން އިޒްރޭލުގެ ނޭއްގާނީކަން ބަދަލުކުރަން މަޖުބޫރު ކުރުވުން،" އދ. އަށް ކަނޑައަޅާފައި ހުންނަވާ ފަލަސްތީނުގެ ސަފީރު ރިޔާދު މަންސޫރު ހޯމަ ދުވަހު ވިދާޅުވި އެވެ.

މި ގަރާރަށް އިޒްރޭލުން ވަނީ ހަރުކަށިކަމާ އެކު ދެކޮޅު ހަދައިފަ އެވެ.

"މިއީ ފަލަސްތީނު ސަރުކާރުގެ 'ޑިޕްލޮމެޓިކް ޓެރަރިޒަމް' އަށް ހިތްވަރުދޭ، ލަދުވެތި ނިންމުމެއް،" އިޒްރޭލުން އދ. އަށް ކަނޑައަޅާފައިވާ ސަފީރު ޑެނީ ޑެނަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮކްޓޫބަރު 7 އެއީ ހަމާސް އިން އިޒްރޭލުގައި ހިންގި "ގަތުލްއާންމު" އަށް އަހަރު ފުރޭ ދުވަހަށް ވާއިރު އެ ދުވަހު ހަމާސް ކުށްވެރި ނުކޮށް އަދި ހަމާސް އިން ރަހީނުކުރި މީހުންގެ ތެރެއިން ބާކީ ތިބި 101 މީހުން މިނިވަންކުރުމަށް ގޮވާނުލައި "އދ. އިން ނަށަނީ ފަލަސްތީނުގެ މިއުޒިކަށް" ކަމަށެވެ.

އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް އެމެރިކާއިން ދެކޮޅަށް ވޯޓު ދިން ގަރާރުގައި ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފޭބުމާއި އަލަށް ޔަހޫދީން ވަޒަންވެރިނުކުރަން ވެސް ވަނީ ގޮވާލައިފަ އެވެ.