Roadha Mihaaru
ޔޫކޭއަށް ދަތުރުކުރުމުގެ ކުރިން އިތުރު ހުއްދަ ނަގަންޖެހޭ

އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އިތުރު ހުއްދައެއް ނަގަންޖެހޭ ގޮތް ހަދައިފި

19 ސެޕްޓެމްބަރ 2024

އިލެކްޓްރޯނިކް ޓްރެވެލް އޮތޮރައިޒޭޝަން (އީޓީއޭ) ހޯދައިގެން ނޫނީ އަންނަ ނޮވެމްބަރު މަހުން ފެށިގެން، ދިވެހިން ހިމެނޭހެން އެހެން ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރު ނުކުރެވޭ ގޮތް ހަދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިލެކްޓްރޯނިކް ޓްރެވެލް އޮތޮރައިޒޭޝަން (އީޓީއޭ) ހޯދައިގެން ނޫނީ އަންނަ ނޮވެމްބަރު މަހުން ފެށިގެން، ދިވެހިން ހިމެނޭހެން އެހެން ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރު ނުކުރެވޭ ގޮތް ހަދައިފި އެވެ.

އެ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވައިދަށް ބަދަލުތައް ގެންނަން ނިންމައި އެކަން އަންގާފައިވާ ކަމަށެވެ.

އޭގެ މައިގަނޑު ބޭނުމަކީ އެ ގައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި އެ ގައުމަށް ވަނުމުގެ ކުރިން ސަލާމަތީ އިތުރު ފިޔަވަޅުތައް އެޅުން ކަމަށް، އިނގިރޭސި ސަރުކާރުން ހިއްސާކުރި މައުލޫމާތާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުންޏެވެ.

އިމިގްރޭޝަންގެ އާ ގަވައިދުގެ ދަށުން އަންނަ ނޮވެމްބަރު 27، 2024 އިން ފެށިގެން ރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ މީހުންނަށް އީޓީއޭއަށް ރިކުއެސްޓްކުރެވޭނެ އެވެ. އޭގެ އިތުރުން، ޖެނުއަރީ 8، 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށް ފަހުގަ އެވެ.

އީޓީއޭއެއްގެ އަގަކީ 10 ޕައުންޑެވެ. އެ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަ ވެގެން ހަ މަސް ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ނުވަތަ ޕާސްޕޯޓު މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް ގިނަ ދަތުރުކުރުމުގެ ހުއްދަ ދެވޭނެ ކަމަށް އިނގިރޭސި ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"އޭޕްރީލް 2، 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުން ވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެ ކަން ވެސް ފާހަގަކޮށްފައިވެ އެވެ." ބަޔާނުގައި ވެ އެވެ.

ސަރުކާރުން ވަނީ އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން އެ ގައުމުގެ އިމިގްރޭޝަން ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަން އެދިފަ އެވެ.