Roadha Mihaaru
ވަގު ސެޓްފިކެޓެއް ބޭރުގެ ޔުނިވާސިޓީއަކަށް ހުށަހަޅައިފި

ފޯޖުކޮށްފައި އޮތް ސެޓްފިކެޓެއް ބޭރުގެ ޔުނިވާސިޓީއަކަށް ހުށަހެޅި މައްސަލައެއް ފަޅާއަރައިފި

20 ސެޕްޓެމްބަރ 2024

ބޭރުގެ ޔުނިވާސިޓީއަކަށް މީހަކު ހުށަހެޅި ރާއްޖޭގެ ސެޓްފިކެޓަކާ މެދު ޝައްކު އުފެދިގެން ބެލި އިރު އެއީ ފޯޖުކޮށްފައިވާ އެއްޗެއްކަން ފަޅާއަރައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޭރުގެ ޔުނިވާސިޓީއަކަށް މީހަކު ހުށަހެޅި ރާއްޖޭގެ ސެޓްފިކެޓަކާ މެދު ޝައްކު އުފެދިގެން ބެލި އިރު އެއީ ފޯޖުކޮށްފައިވާ އެއްޗެއްކަން ފަޅާއަރައިފި އެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ ފިޒާނާ ރަޝީދު "މިހާރު" އަށް އިއްޔެ ވިދާޅުވީ ރާއްޖޭގެ ސެޓްފިކެޓުތަކުގެ ޔަގީންކަން ހޯދަން ބޭރުގެ ކޮލެޖު/ޔުނިވާސިޓީތަކުން އާއްމުކޮށް ހުށަނާޅާ ކަމަށެވެ. މިއީ، އެގޮތަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.

އޭނާ ވިދާޅުވީ މާސްޓާސް ސެޓްފިކެޓަކާ މެދު ސުވާލު އުފެދިގެން އެކަން ޔަގީންކުރަން އެ ޔުނިވާސިޓީން ހުށަހެޅީ، ސެޓްފިކެޓު ދިން ކަމަށް ބުނާ ކޮލެޖު/ޔުނިވާސިޓީއަށް ކަމަށެވެ.

ނަމަވެސް، އެ ތަނުން ބެލިއިރު އެއީ ފޯޖުކޮށްފައިވާ ސެޓްފިކެޓެއް ކަން އެނގުމުން އެ ފަރާތުން ވަނީ އެމްކިއުއޭއަށް އަންގައިފަ އެވެ. ފިޒާނާ ވިދާޅުވީ އަންނަ ހަފުތާގައި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.

ފޭކް މާސްޓާސް ސެޓްފިކެޓެއްގެ މައްސަލަ ފެންމަތިވިއިރު، މިދިޔަ މަހުގެ ފަހުކޮޅު ވެސް ދެ މީހަކު ފޭކް ލިޔުން ހުށަހެޅިކަން ކަށަވަރުކުރެވުމުން އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ.

އޭގެ ތެރެއިން އެކަކީ ޓީޗިން ދާއިރާއިން ކިޔަވާފައިވާ ކަން އަންގަން ފޭކު ސެޓްފިކެޓެއް ހެދި އަންހެނެކެވެ. އޭނާގެ އޯލެވެލް އަދި ދެ ތަނަކުން ހެދި ޑިޕްލޮމާގެ ދެ ސެޓްފިކެޓް ވެސް އޮތީ ފޯޖުކޮށްފަ އެވެ. އެކަން ސަމާލުކަމަށް އައީ އެކަން ކުރި މީހާ މާލޭގެ ބައެއް ސްކޫލުތަކުގެ ވަޒީފާއަށް ހުށަހަޅަމުން ދާތީ ކަމަށް ފިޒާނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެޓެސްޓު ކުރާ ލޯޔަރުންގެ ތައްގަނޑުގައި ވެސް ފޭކް ސޮއި ހުރޭ،" ފިޒާނާ ވިދާޅުވި އެވެ.

ފިޒާނާ ވިދާޅުވީ ފޯޖު ސެޓްފިކެޓުތަކުގެ މައްސަލަ ބޮޑުވަމުން ދަނީ ލޯކަލް ވެލިޑޭޝަން 2016 ވަނަ އަހަރު ހުއްޓާލާފައި ވާތީ ކަމަށެވެ.