Roadha Mihaaru
މިފްކޯއަށް ސީއީއޯއަކު ހޯދަން އަލުން އިއުލާންކޮށްފި

މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

29 ސެޕްޓެމްބަރ 2024

މިފްކޯގެ ހުސްވެފައިވާ ސީއީއޯ / އެމްޑީގެ މަގާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)ން ދެ ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިފްކޯގެ ހުސްވެފައިވާ ސީއީއޯ / އެމްޑީގެ މަގާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)ން ދެ ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

ޕީސީބީން ކުރި އިއުލާނުގައި ބުނެފައިވަނީ، މިފްކޯގެ ސީއީއޯ ކަމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ. އެ މަގާމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ އެވެ.

އެ މަގާމަށް މީހަކު ހޮވާނީ ގާބިލްކަމާއި ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް ޕީސީބީން ބުންޏެވެ.

ހަތަރު އަހަރަށް އައްޔަންކުރާ އެ މަގާމުގެ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 12،000 ޑޮލަރު (185،040ރ.) އާއި 15،000 ޑޮލަރު (231،300ރ.) ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. ކުރިން އެ މަގާމަށް ހުޅުވާލި އިރު މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދުގެ މުސާރަ އެކެވެ.

މިދިޔަ ޖޫން މަހު ޕީސީބީން ކުރި އިއުލާނުގައި ބުނީ، މިފްކޯގެ ސީއީއޯގެ މަގާމަށް ހުޅުވާލައި މުއްދަތު ހަމަވި އިރު މަގާމުގެ ޝަރުތު ހަމަވާ ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާ ކަމަށެވެ. އެހެންވެ އެ އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ. ސަމާހް ވަކިކުރީ ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރުމަށް ފަހު އެވެ.