Roadha Mihaaru
ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ

ސަލްމާންގެ ފޭނަކު ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ

01 އޮކްޓޯބަރ 2024

ސަލްމާން ހާންގެ ފޭނަކު ޝާހްރުކް ހާނަށް މަލާމަތްކުރި މައްސަލައެއް ހޫނުވެއްޖެ އެވެ.

ސަލްމާން ހާންގެ ފޭނަކު ޝާހްރުކް ހާނަށް މަލާމަތްކުރި މައްސަލައެއް ހޫނުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަލްމާންގެ ފޭނަކު ވަނީ ޝާހުގެ ވީޑިއޯއެއް އެކްސްގައި އާންމުކޮށް، އޭނާއަށް މަލާމާތް ރައްދުވާ ގޮތަށް ޕޯސްޓެއް ކޮށްފަ އެވެ.

އެ ވީޑިއޯ އިން ފެންނަނީ މިދިޔަ ހަފުތާ ބަންދުގައި ބޭއްވި އައިފާ އެވޯޑް ހަފުލާގައި ޝާހު ޕްރޮމްޕްޓާއަކަށް ބަލައިގެން އެ ޝޯ ހުށަހަޅައިދޭ ތަނެވެ. ޝާހުއަކީ އެ ޝޯގެ ހޮސްޓެވެ. ޝާހު ކިޔަމުން ދިޔައީ ޕްރޮމްޕްޓާއަށް އަރުވަމުން ދިޔަ އޭނާގެ ސްކްރިޕްޓުގެ ބައިތަކެވެ.

އެ ޕޯސްޓުކުރި "ސުރާޖިތު" ކިޔާ އެކްސް އެކައުންޓުގެ ބަޔޯގައި ލިޔެފައިވާ ގޮތުގައި އޭނާއަކީ ސަލްމާންގެ ފޭނެކެވެ.

"ޝާހްރުކް ހާން ވަނީ އައިފާ އެވޯޑްސް 2024 ހޮސްޓުކުރަން ޓެލެޕްރޮމްޕްޓާއެއް ބޭނުންކޮށްފައި،" އޭނާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

އޭނާގެ މި ޕޯސްޓާ ގުޅިގެން ޝާހުގެ ފޭނުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"މިއީ މާ ބޮޑު ކަމެއް ނޫން. ކާކު މިހާރު ޓެލެޕްރޮމްޕްޓާ ބޭނުންނުކުރަނީ؟ އެންމެ ތަޖުރިބާކާރު ހޮސްޓުން ވެސް އެއަށް ބަރޯސާވޭ މިހާރު. ކަލޭމެންގެ ސަލްމާން ހާން ވެސް ޓެލެޕްރޮމްޕްޓާ ބޭނުންކުރޭ، ދެން ކޮން ކަމެއް؟،" އެ ޕޯސްޓަށް ރައްދުދީ މީހަކު ބުންޏެވެ.

"ކޮބާ މައްސަލައަކީ؟ ޝޯއެއްގައި 30 މިނެޓު ވަންދެން ކިޔަން ޖެހޭ ހުރިހާ އެއްޗެއް ހިތުދަސްކުރެވޭތަ؟ މިއީ އެވޯޑް ޝޯއެއް، މި ކަހަލަ ކޮންމެ ހަފުލާއެއްގައި ސްކްރިޕްޓެއް އޮންނާނެ،" އެހެން މީހަކު ބުންޏެވެ.

"އެ މީހުން 2000 ވަނަ އަހަރުން ފެށިގެން އަންނަނީ ޓެލެޕްރޮމްޕްޓާ ބޭނުންކުރަމުން. ކަލޭ ތި އުޅެނީ ކޮން ޒަމާނެއްގައި؟،" އިތުރު މީހަކު ހިތްހަމަނުޖެހުން ފާޅުކުރަމުން ބުންޏެވެ.

ޝާހު އާއި ސަލްމާނަކީ ވަރަށް ގާތް ރަށްޓެހިންނެވެ. އިންޑިއާގެ މީޑިއާތަކުގައި މި ވާހަކަ ދެއްކިޔަސް، މި މައްސަލާގައި އެ ދެމީހުން ވެސް އަދި ވަކި އެއްޗެއް ނުބުނެ އެވެ. އަދި ސަލްމާނަކީ އިންޑިއާގެ އެންމެ ވަރުގަދަ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ ހޮސްޓެވެ.

އެވޯޑް ހަފުލާތަކާއި ޓީވީ ޝޯތަކުގައި ވެސް ހޮސްޓުން ޕްރޮމްޕްޓާ ބޭނުންކުރުމަކީ މިހާރު އާންމުކަމެކެވެ.

މިދިޔަ ހަފުތާގައި ބަންދުގައި، ތިން ދުވަހަށް ބަހާލައިގެން ބޭއްވި އައިފާގެ އެވޯޑުގައި ޝާހު ހޮސްޓުކޮށްދިނީ ބޮލީވުޑްގެ ފިލްމުތަކަށް އެވޯޑް ދިނުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފުލާ އެވެ. އެ ހަފުލާގައި ޝާހުއަށް ވަނީ، މިދިޔަ އަހަރު އޭނާ ކުޅުނު ފިލްމު "ޖަވާން" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބިފަ އެވެ.

އައިފާ އެވޯޑް ކާމިޔާބުކުރާ ފަންނާނުން ކަނޑައަޅަނީ ފޭނުންގެ މެދުގައި އޮންލައިންކޮށް ނަގާ ވޯޓަކުންނެވެ.