Roadha Mihaaru
ފޭނަކު އެދުނީ ޝާހްރުކްގެ ދަރިފުޅާ ކައިވެނިކޮށްދޭން

ފޭނަކު އެދުނީ ޝާހްރުކްގެ ދަރިފުޅާ ކައިވެނިކޮށްދޭން

27 މެއި 2021

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާނާގެ ކައިވެންޏަށް މީހަކު ސޯޝަލް މީޑިއާގައި އެދެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާނާގެ ކައިވެންޏަށް މީހަކު ސޯޝަލް މީޑިއާގައި އެދެފި އެވެ.

ސުހާނާ ޚާނަށް މި މަހުގެ 22 ގައި 21 އަހަރު ފުރުމާ ދިމާކޮށް މަންމަ ގޯރީ ހާން އިންސްޓަގްރާމާއި ޓްވިޓާގައި ތަހުނިޔާކިން ފޮޓޯއެއް ޕޯސްޓްކުރި އެވެ. ޓްވިޓާގައި ޕޯސްޓްކުރި ފޮޓޯ އަށް އެތައް ބަޔަކު ކޮމެންޓްކުރި އިރު އޭގެ ތެރެއިން އެކަކު އެދުނީ ސުހާނާއާ ކައިވެނިކޮށް ދިނުމަށެވެ.

ޝުއައިބް ކިޔާ މީހާގެ ކޮމެންޓްގައި، ސުހާނާއާ ކައިވެނިކޮށް ދޭން އެދި ބުނީ އޭނާގެ މަހު މުސާރަ އެއް ލައްކަ ރުޕީސް އަށް ވުރެ ބޮޑު ކަމަށެވެ. އޭނާގެ މި ކޮމެންޓާ އެކު އެތައް ބަޔަކު އެ ކޮމެންޓަށް ރައްދުތައް ދީފައިވެ އެވެ.

އެމެރިކާގައި ކިޔަވަމުން އަންނަ ސުހާނާ އަކީ އިންސްޓަގްރާމްގައި މިހާރު ވެސް ވަރަށް މަޝްހޫރު ޒުވާނެކެވެ. އަދި އޭނާ ޕޯސްޓްކުރާ ފޮޓޯތަކަށް ގިނަ ބަޔަކު، ވަރަށް އާންމުކޮށް ފުރައްސާރައިގެ ކޮމެންޓްތައް ކުރެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ފެމިނާ މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ޝާހްރުކް ވަނީ ސުހާނާއާ ލޯބީގެ ގުޅުމެއް ބާއްވަން އެދޭ މީހަކު ނަމަ ހަތް ކަމެއް ގަބޫލުކުރަން ޖެހޭނެ ކަމަށް ބުނެ ސަމާސާކޮށްފަ އެވެ.

އެ މީހަކީ ޝާހްރުކް މާ ގަޔާވާނެ މީހެއް ނޫން ކަމަށް ގަބޫލުކުރުމާއި ސުހާނާ އަކީ އަބަދު ވެސް ބައްޕަގެ ރާނިއެއް ކަން ދަންނަންޖެހޭނެ ކަމަށް ޝާހްރުކް ބުންޏެވެ. ސުހާނާ އަކީ އޭނާގެ ބައިވެރިޔާގެ ކޮންޓްރޯލް ދަށުގައި ހުންނާނެ މީހެއް ނޫން ކަމަށާއި ސުހާނާގެ ވަށައިގެން އަބަދު ބައްޕަ އުޅޭނެކަމާއި އޭނާއަށް ދެރައެއް ދީފި ނަމަ އެކަން ތަހައްމަލުނުކުރާނެކަން ދަންނަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ. އެ ފަހަރު ޝާހްރުކް ބުނި ގޮތުގައި ދަރިފުޅާ ގުޅުން އޮންނަ މީހަކު ނަމަ އަބަދު ވެސް ވަކީލަކު ހޯދައިފައި ބަހައްޓަން ޖެހޭނެ އެވެ. އަދި ޖަލަށް ދާން ވެސް ޖެހިދާނެ ކަމަށް ތައްޔާރުގައި ހުންނަން ބުންޏެވެ.

ޝާހްރުކް ބުނެފައިވާ ގޮތުގައި އޭނާ އަކީ އަބަދު ވެސް ދަރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ބައްޕައެކެވެ. އެހެންވެ ދަރިންގެ ހުރިހާ ކަމެއް ވެސް އެނގޭ ކަމަށާއި ސުހާނާގެ ހުރިހާ ސިއްރުތަކެއް ވެސް އެނގޭ ކަމަށް ބުނެފައިވެ އެވެ.

ޝާހްރުކްގެ ދޮށީ ދަރިފުޅު އަރިޔަން ޚާން މި މަހު އެމެރިކާގެ ޔުނިވަސިޓީ އޮފް ސަދަން ކެލިފޯނިއާ (ޔޫއެސްސީ) އިން ގްރެޖުއޭޓްވެފައި އިރު އޭނާގެ އުމުރަކީ 23 އަހަރެވެ.

އަރިއަން އާއި ސުހާނާގެ އިތުރުން ޝާހްރުކާއި ގޯރީގެ ދެން ހުންނަނީ ސަރޮގޭޓްކޮށްގެން ހޯދި 7 އަހަރުގެ އަބްރަމް އެވެ.