Roadha Mihaaru
ނިއު ރޭޑިއަންޓުގެ އާ ޗެއާމަނަކަށް މުބީން؟

ނިއު ރޭޑިއަންޓުގެ އާ ޗެއާމަނަކަށް މުބީން؟

11 އޮކްޓޯބަރ 2024

ނިއު ރޭޑިއަންޓުގެ ޗެއާމަނަށް، ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އެ ކްލަބުގެ ސަޕޯޓަރު އަހުމަދު މުބީން ވަޑައިގަތުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ކްލަބުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިއު ރޭޑިއަންޓުގެ ޗެއާމަނަށް، ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އެ ކްލަބުގެ ސަޕޯޓަރު އަހުމަދު މުބީން ވަޑައިގަތުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ކްލަބުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

މި ވަގުތު ދެވަނަ ޑިވިޝަނުގައި އޮތް، ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ކްލަބުގެ ޗެއާމަންކަމުން، އަހުމަދު ވާސިފް އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ އެ މަގާމަށް މީހަކު ހޮވުމަށް މި މަހު އިންތިހާބު ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަދި ނިއުގެ ސަޕޯޓަރު އަބްދުﷲ ނާސިރު (ހެރިންސް އައްޅޯ) އާ އެކު ނިއުގެ ޖާޒީގައި ނަންގަވާފައިވާ ފޮޓޯއެއް ޕޯސްޓް ކުރައްވައި ފޭސްބުކުގައި މުބީން މިރޭ ވަނީ ނިއުއާ ހަވާލުވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

"މާތް الله ގެ ވާގިފުޅާ އެކު މި ފަށާ ދަތުރުގައި ދިވެހި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް އަލުން އަނބުރާ އިހު އޮތް މަގާމަށް ގެނެސް ނިއުގެ ސަޕޯޓަރުން ހެއްވާލަ ދޭނަން،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

އޭގެ ކުރިން މިއަދު ކުރެއްވި އެހެން ޕޯސްޓެއްގައި މުބީން ވިދާޅުވިގޮތުގައި، ދިވެހި ފުޓްބޯޅަ ދިރުވަން ނިއު ފުރަތަމަ ޑިވިޝަނުގައި ކުޅެން ޖެހެ އެވެ. އެކަމަށް ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވަން ތައްޔާރު ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުބީން ވިދާޅުވި އެވެ.

ނިއުގެ އިސް އޮފިޝަލަކު ނަން ނުޖަހާ ގޮތަށް "މިހާރު" އަށް ވިދާޅުވީ، ކްލަބުގެ މިހާރުގެ ބޯޑު މެމްބަރުންނާއި އާއްމު މެމްބަރުންގެ ރޫހު ހުރީ މުބީނާ އެކު ކުރިއަށް ދިއުމަށް ކަމަށާއި އޭނާ ޗެއާމަންކަމަށް ވަޑައިގަތުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

މުބީންއާ އެކު، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވެސް ނިއުގެ އިސް މަގާމަށް އަތުވެދާނެ ކަމަށް ވާހަކަތައް ދެއްކެވެ އެވެ.

ނިއު ދެވަނަ ޑިވިޝަނަށް ވެއްޓުމުން، އެ ކްލަބް އަލުން ނެގުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި ކްލަބުގެ އޭރުގެ ޗެއާމަން ވާސިފް އިސްތިއުފާ ދެއްވައި، ހުސްވެފައިވާ ވައިސް ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގަތީ ވެސް އޭނާ ވިދާޅުވެފައިވާ ގޮތުގައި، ކްލަބް އިހު އޮތް ހިސާބަށް ގެންގޮސް ދެވޭނެ ވަރުގެ މީހަކު ޗެއާމަން ކަމަށް ގެނައުމުގެ މަގުފަހިކުރުމުގެ ގޮތުންނެވެ.

"ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ހަވާލު ކުރާނީ ކަންކުރެވޭ ބަޔަކާ. މާތް الله އިރާދަކުރެއްވިޔާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އެނބުރި އަންނާނީ ވަރުގަދަކޮށް،" ވާސިފް ވިދާޅުވެފައި ވެ އެވެ.

ނިއު ދެވަނަ ޑިވިޝަނަށް ވެއްޓުނީ، އެ ކްލަބުން ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން 2019 ވަނަ އަހަރުގެ ކުރީކޮޅު ކްލަބް ސަސްޕެންޑް ކުރުމުންނެވެ. އެކަމަކު، ނިއު އިން އޭރު ވެސް ބުނަމުން އައީ މުސާރަ ނުދޭ އެތައް ކްލަބެއްގެ މައްސަލަ އޮއްވައި އެ ކްލަބަށް އަދަބު ދިނީ، އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެކްސްކޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޕެޓިޝަނެއް ހެދުމުން ކަމަށެވެ.

ނިއު ސަސްޕެންޑް ކުރުމުން އެ ޕެޓިޝަން ހުށަހެޅި ވިކްޓްރީ އަށް ވެސް އެފްއޭއެމުން އޭރު އަދަބުދީ، ރެލިގޭޓްކުރި އެވެ. އެކަމަކު ވިކްޓްރީން ވަނީ މި އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދައި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވެފަ އެވެ. ނިއު އިން ވެސް މިދިޔަ ދެ ފަހަރު ދެ ވަނަ ޑިވިޝަނުގައި ވާދަކުރި ނަމަވެސް ޕްރޮމޯޓްވެވޭ ގޮތެއް ނުވި އެވެ.

ފުޓްބޯޅައިގެ މިހާރުގެ ހާލަތު އޮތް ގޮތުން، ދެވަނަ ޑިވިޝަނާއި ޕްރިމިއާ ލީގު އޮންނާނެ ތާރީހެއް ލަފާކޮށްލަން ވެސް ނޭގެ އެވެ. ކޮރަޕްޝަނާއި މަނީ ލޯންޑަރިން ހާއްޔަކަށް ވެފައި އޮތް އެފްއޭއެމްގެ ރައީސްކަމުން ބައްސާމް ދުރުކޮށް، މިވަގުތު އެ އެސޯސިއޭޝަން ހިންގަމުން އަންނަނީ ފީފާ އިން އައްޔަން ކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީންނެވެ. ނަމަވެސް އެ އެސޯސިއޭޝަނުގައި ފައިސާ ނެތުމާއި ލިޔެކިޔުންތައް ގެއްލިފައިވާތީ، ކޮމިޓީން ފުރަތަމަ ޖެހުނީ ވޮށުފިލާ އަޅަން ކަމުން، މުބާރާތެއް ބޭއްވޭނެ ހާލަތަކަށް އަދި އެ އެސޯސިއޭޝަން ނުދެ އެވެ.