Roadha Mihaaru
މި ބާޒާރުގައި "ހަމަ" އެއް ކަމެއް ވެސް ނެތް

މި ބާޒާރުގައި "ހަމަ" އެއް ކަމެއް ވެސް ނެތް

21 އޮކްޓޯބަރ 2024

އަތޮޅު ފިހާރަ ބަރިއާ އަރައި ހަމަވިތަނުން ބާޒާރުގެ ހޫނާއި ވަސްގަނޑުގެ ތެރޭގައި ހަމަ އެއްކޮށް ތާށިވެއްޖެ އެވެ. ބާޒާރުމަތީ ބަހުރުވައިން ދޮންކޮށް ފޮނިކޮށް ފާވަމުން ދިޔަ އޮލަ ވާހަކަތަކުގެ މެދުގަ އެވެ. މި ހަލަބޮލިކަމުގެ ތެރެއިން ފުރޭނެމުން ކުރިއަށް ދަނިކޮށް ލޮލުގައި ދެން އަޅައިގަތީ މުޅިން ތަފާތު ބާޒާރެކެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

އަތޮޅު ފިހާރަ ބަރިއާ އަރައި ހަމަވިތަނުން ބާޒާރުގެ ހޫނާއި ވަސްގަނޑުގެ ތެރޭގައި ހަމަ އެއްކޮށް ތާށިވެއްޖެ އެވެ. ބާޒާރުމަތީ ބަހުރުވައިން ދޮންކޮށް ފޮނިކޮށް ފާވަމުން ދިޔަ އޮލަ ވާހަކަތަކުގެ މެދުގަ އެވެ. މި ހަލަބޮލިކަމުގެ ތެރެއިން ފުރޭނެމުން ކުރިއަށް ދަނިކޮށް ލޮލުގައި ދެން އަޅައިގަތީ މުޅިން ތަފާތު ބާޒާރެކެވެ.

އުކާލާ ކުނިބުނީގެ "ބާޒާރެއް" މި އޮތީ އަތޮޅު ފިހާރަ ބަރިއާ ހަމައިން ފަށައިގެން ގޮސް މަސްމާރުކޭޓާ ހަމަ އަށް ދަމައި ފައްކާކޮށް އަގުތައް ހެޔޮވަރުކޮށްލައިފަ އެވެ. މިއީ މަސްތުގެ ދުނިޔެއަކުން ނުކުންނާނެ ގޮތް ނޭނގި މާލޭގައި މަގުއޮޅިފައިވާ ޒުވާނުންތަކެއް އެމީހުންގެ ހިއްސުތައް އާސްމާނަށް ގެންގޮސްދޭ އެ މީހުންގެ އަމިއްލަ "ޗާލާ" ބާޒާރެވެ.

ކުރުކޮށް ބުނަނީ ނަމަ، ކްރިސްޓަލް މެތަށް ދެވިހިފާފައިވާ ޒުވާނުން އެމީހުންގެ "ޑެއިލީ ޑޯޒްތައް" ހަމަކުރާ ކުނިބުނީގެ "އެސިޑް ބާޒާރެކެވެ."

ބާޒާރުގެ މައި ދޮރާއްޓާ އަރައި ހަމަވިތަނުން ލޮލުގައި އަޅައިގަތީ ބޯދިގުކޮށްލާފައި، ދެ އަތް އަދި އެއަށް ވުރެ "ދިގުކޮށްލާފައި" ކަރުދާސް ހުސް ފޮށިތަކެއްގެ ވަށައިގެން ބުރުޖަހަމުން ގެންދިޔަ ޒުވާނެކެވެ. އޭނާ އަނގައަކުން ނުބުންޏެވެ. އަދި ނަމެއް ވެސް ނުބުންޏެވެ. ދެ އަތު ކުރީގައި ބޮޑު ސިންގާ ފަލަ ދެ ޓޭޕު ރޯލު އަޅުވާލައިގެން މަށާ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު ހީވަނީ ދެ މުގުރުބުރި ހިފަހައްޓައިގެން ހުރި ދޮރުފާރަވެރިއެއް ހެންނެވެ.

އެކަމަކު ދުވަހުގެ ރަސްމީ ވަޒީފާގައި އޭނާ އަކީ ފޮށި ފޮށީގައި މީހުންނަށް އެއްޗެހި ބަންދުކޮށްދޭ ޒުވާނެކެވެ. މުޅި މާލެ ތެރޭގައި ހިނގައި އެއްކޮށް ބޮނޑިބޮނޑިއަށް އަޅައިގެން ގެނެސްފައި ހުރި ކަރުދާސް ފޮށިގަނޑުތައް މެޔާ ހަމަ އަށް އަރަ އެވެ.

މާލޭގެ ގޭބިސީތަކުން އުކާލާ ކުނިބުނިތައް ހާވައިގެން ހޮވައިގެން ގެނެސް މާރުކޭޓު ސަރަހައްދުގައި ވިއްކަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ ގޭބިސީތަކުން އުކާލާ ކުނިބުނިތައް ހާވައިގެން ހޮވައިގެން ގެނެސް މާރުކޭޓު ސަރަހައްދުގައި ވިއްކަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބާޒާރުމަތީގައި 'އިއްބެ' އޭނާގެ ފިހާރަ ހުޅުވައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާޒާރުމަތީގައި 'އިއްބެ' އޭނާގެ ފިހާރަ ހުޅުވައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ ޒުވާނާ ދަމާލި ޓޭޕު ރޯލުގެ އަޑު އިވޭހާ ގާތުން ދެން ބައްދަލުވީ "އިއްބެ" އަކާ އެވެ. ކުނިބުނީގެ ތެރެއިން ހޮވައިގެން ގެނައި ޑަސްބިނެއް ސާފުކޮށް އޮފުކޮށް އޭނާގެ ކަސްޓަމަރުންނަށް ފަރިދައްކަނީ އެވެ.

"ވެދާނެ މިއީ 800ރ. ގެ ޑަސްބިނަކަށް. މިގޮތަށް ދޮވެ ސާފުކޮށް ނަލަކޮށްލީމަ މިސާލަކަށް މީތި ވިއްކާލެވިދާނެ 200ރ. އަށް ވެސް. 80ރ. އަށް ވެސް. ނުވަތަ 20ރ. އަށް ވެސް،" އިއްބެ އޭނާގެ ސޭލްސްމަން ފޮތުގެ މެދުން ހުޅުވާލައިގެން ގޮސް ބޮލުގައި އޮތް ތޮފި ހެޔޮވަރުކޮށް ބަލައި ނިތް އަރުވާލި އެވެ.

އިއްބެ އަކީ ޒުވާން ބައްޕަ އެކެވެ. މީގެ އަހަރުތަކެއް ކުރިން ވަރަށް އުފާވެރި ޒަވާޖީ ހަޔާތެއްގައި ދިރިއުޅެމުން ގެންދިޔަ ޒިންމާދާރު އަދި އެންމެނާ ގުޅޭ އެކުވެރި މިތުރެކެވެ. މެތުގައިވީ ތޫނުކަމުން ޝިކާރަކޮށް މަސްތުގެ ދުނިޔެއަކަށް ވެއްޓިފައި ވިޔަސް އަދިވެސް އޭނާގެ ކިބައިން އެކުވެރިކަމުގެ ސިފަ ކެނޑިގެނެއް ނުދެ އެވެ. ފަހަރެއްގައި ބާޒާރުމަތީގައި އޭނާ އަތުރާލާފައިވާ ކުނިބުނި" ވިއްކާލައިގެން ދުވާލެއްގެ މައްޗަށް 800ރ. އާއި 1500ރ. ގެ އާމްދަނީއެއް ހޯދަން އޭނާ ދަސްކުރި އުކުޅަކީ ވެސް މި އެވެ.

އެކަމަކު މިހާރު ވެސް އޭނާ އެހެރީ "މެތު އިންޖެކްޝަނެއް" ޖަހައި ހަމަ ބިމަކު ނޫނެވެ. އެކަމަކު ހީއެއް ވެސް ނުވެ އެވެ. ސަބަބަކީ ކިތަންމެ ގިނައިން އިންޖެކްޓް ކުރިޔަސް އިއްބެ އަށް މިހާރު އޭގެ ރާހަތެއް އިހުސާސުނުވާތީ އެވެ.

"އިއްޔެ އެކަނި ވެސް 12 ފަހަރު ކަށި ޖެހިން. ސަތޭކައެއް ހަމަވީމަ އަނެއްކާވެސް ދާންވީ އެ ކަށި ޖަހަން،" ހަށިގަނޑަށް މެތަފެޓަމީންގެ ދިޔަ އިންޖެކްޓްކުރުން ބާޒާރުމަތީގެ ބަހުރުވައިން އިއްބެ ކިޔައިދިނެވެ.

"ލިބޭ ހުރިހާ ލާރިއަކަށް ބޮވެނީ. މިހެން އުޅޭތީ ދަރިފުޅު ގާތަށް ވެސް އަދި އާއިލާގެ އެއްވެސް ބައެއްގެ ގާތަށް ވެސް މިހާރަކު ނުދެވޭ. އެހެންވީމާ މި ލައިފް ހެޕީއެއް ނޫން. ހަމަ އެއްވެސް ހެޕީއެއް ނޫން."

'އިއްބެ' ޑަސްބިނެއް ސާފުކޮށް އޭނާގެ 'ފިހާރައިގެ' ކަސްޓަމަރުންނަށް ފަރިކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

'އިއްބެ' ޑަސްބިނެއް ސާފުކޮށް އޭނާގެ 'ފިހާރައިގެ' ކަސްޓަމަރުންނަށް ފަރިކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

'އިއްބެ' އޭނާގެ ޑަސްބިން ސާފުކުރަނީ: މިއީ މާލޭގެ ގެއެއްގެ ޑަސްބިނުން އޭނާ ހޮވި މުދާ ކަމަށް ބުނި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

'އިއްބެ' އޭނާގެ ޑަސްބިން ސާފުކުރަނީ: މިއީ މާލޭގެ ގެއެއްގެ ޑަސްބިނުން އޭނާ ހޮވި މުދާ ކަމަށް ބުނި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިއްބެ ބުނީ މަސްތުވާތަކެތި ބޭނުންކުރަން ފެށުނީ 2007 ވަނަ އަހަރުގަ އެވެ. އަދި ފަރުވާ ހޯދަމުން ގޮސް 2014 ވަނަ އަހަރު ހުއްޓާލި އެވެ. އެއަށް ފަހު މީހަކާ އިނދެގެން އެ ކައިވެންޏަށް އޭނާ އަށް އަންހެން ކުއްޖަކު ލިބުނެވެ. ރަށުގެ ކައުންސިލް އިންތިހާބުގައި ވާދަކޮށް ވާދަވެރި ނަތީޖާއެއް ވެސް ހޯދި އެވެ. ނަމަވެސް އަނެއްކާވެސް 2017 ވަނަ އަހަރު އައިސް އޭނާ މަސްތުގެ މި ދުނިޔޭގެ ތެރެއަށް ދަމައި ގެންދިޔައީ އެވެ.

މިހާރު އިއްބެގެ ކޮންމެ ދުވަހަކީ މަސްތުކޮށްލާ އެ ކައްޓަށް އިންވެސްޓްކުރާނެ 100ރ. ހޯދުމަށް އޭނާގެ ހަށިގަނޑުގައިވީ ހުރިހާ ހަކަތަ އަކާއި އަތުގައިވީ ހުރިހާ ވަގުތެއް ހޭދަކުރާ ދުވަހެކެވެ. ފަތިހު ހޭލައިގެން އޭނާ ނައްޓާލާނީ ރަށު ތެރޭގައި ކުނި ހޮވާށެވެ. ކުނި ހޮވައިގެން، އެ ކުނިބުނި ކިހިލީގައި ޖަހައިގެން އައިސް އޭނާ މި ހުންނަނީ ބާޒާރުމަތީގައި އެ އެއްޗެހި އަތުރައިގެން އޮފުކޮށް ފަރިކޮށް އަގު ހަދާލަ ހަދާލަ އެވެ. އިރުއޮއްސި އަނދިރިވެ ދުވަހުގެ ވިޔަފާރި ނިމުމުން އޭނާ ގޮސް ޖައްސާލަނީ ދޯންޏެއްގަ އެވެ. އެކަމަކު ފަތިސްތަރިއަށް ވުރެ ކުރިން ކޮންމެ ދުވަހަކުވެސް އެ ހޭލަނީ އޭނާގެ ހަތަރެސްފައިގައި ޖަހާފައިވީ މަސްތުގެ އެ ހިލިހިލާ އަށް ވާންވެ، ކެތްނުކުރެވިގެންނެވެ.

އެކަމަކު އިއްބެގެ "ފިލްމު" މި ހިސާބުން ނިމުނީ އެވެ. ނަމަވެސް ބާޒާރުމަތީގެ މި ބާޒާރުގެ ވާހަކަތައް ނިމެން އަދި ގާތް ވެސް ނުވެ އެވެ.

ބާޒާރުމަތީގައި 'އައްމަޑޭ' އޭނާގެ ކަސްޓަމަރުންގެ އިންތިޒާރުގައި ވަގުތު ގުނަނީ: އޭނާ އަކީ ފޮށިފޮށީގައި ތަކެތި ބަންދުކޮށްދޭ މީހެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާޒާރުމަތީގައި 'އައްމަޑޭ' އޭނާގެ ކަސްޓަމަރުންގެ އިންތިޒާރުގައި ވަގުތު ގުނަނީ: އޭނާ އަކީ ފޮށިފޮށީގައި ތަކެތި ބަންދުކޮށްދޭ މީހެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާޒާރުމަތީގައި އަތުރާފައިވާ ކުނިބުނީގެ ބާޒާރެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބާޒާރުމަތީގައި އަތުރާފައިވާ ކުނިބުނީގެ ބާޒާރެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ގަހެއްގެ ފިނި ހިޔަލުގައި މަޑުކޮށްލައިގެން އެ އިނީ 'އައްމަޑޭ' އެވެ. އޭނާގެ ބޮލުގައި ދިގުވެފައި އޮތް ފަން އިސްތަށިގަނޑާއި ދިގުވެފައިވާ ތުނބުޅި ހުދުވަނީ އެވެ. އުމުރުގެ އަދަދު ގޮސް ފަންސާހާ އަރައި ހަމަކުރަނީ އެވެ. މަސްތުގެ މި ހާލީގައި އައްމަޑޭގެ އުމުރު ދުވަސް ހޭދަވީ އެވެ.

"އުމުރުން ވީހާ ދުވަހެއް މި ވަނީ މިކަމުގައި،" އެޑިކްޝަންގެ ތަންމަތި އޮތް ގޮތް ދައްކާލަމުން އައްމަޑޭ އޭނާގެ ވައަތުގައި އޮތް ޓޭޕު ރޯލު ހެޔޮވަރުކޮށްލި އެވެ.

އައްމަޑޭ އަކީ ވެސް ބާޒާރުމަތީގައި މީހުންނަށް ފޮށިފޮށީގައި އެއްޗެހި ބަންދުކޮށް ޓޭޕުރޯލުން ވިޔަފާރިކުރާ 'އެޑިކްޓެކެވެ.'

"ވައްކަމެއް ނުކޮށް އަމިއްލަ އަށް މަސައްކަތެއް ކޮށްލައިގެން އެއްޗެއް ލިބޭތޯ މި ބަލަނީ. މިގޮތަށް މަސައްކަތްކޮށްލައިގެން ލިބޭ އެއްޗަކުން ކައިގެން ބޮއެގެން މި އުޅެނީ. ވައްކަން ކުރީމަ އެ ލިބޭ އަނިޔާ އާއި ވޭން އަޅުގަނޑަށް އެނގޭ. ފެނިފައި ހުރީ،" އައްމަޑޭ ކިޔައިދިނެވެ.

އޭނާގެ އަޑުގައި ވަނީ ފަސްޖެހުމާއި ލަދުވެތިކަމެވެ.

"ފޮށިތައް ބަންދުކޮށްދޭ އަގުތައް އުޅެނީ 15ރ. 20ރ. އަށް. ރަނގަޅު ދުވަހެއްގައި އާންމުކޮށް 1500ރ. ލިބޭނެ ދުވާލަކަށް. އެ ހުރިހާ ލާރިއަކަށް ބޮނީ. ކަނީ. ދެން އެކުގައި އުޅޭ އެހެން ރައްޓެހިންނަށް ވެސް ޚަރަދުކުރަން،" އައްމަޑޭ އަނެއްކާވެސް އޭނާގެ ހާލުން ގަނޑެއް ނަގައި އެއްލައިލި އެވެ.

ބާޒާރުމަތީގެ ކުނިބުނީގެ ބާޒާރެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބާޒާރުމަތީގެ ކުނިބުނީގެ ބާޒާރެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

-- ފޮޓޯ: ނިޝާން އަލީ | މިހާރު

-- ފޮޓޯ: ނިޝާން އަލީ | މިހާރު

-- ފޮޓޯ: ނިޝާން އަލީ | މިހާރު

-- ފޮޓޯ: ނިޝާން އަލީ | މިހާރު

އައްމަޑޭ ބުނީ ހުކުމަކުން ދޫވިގޮތަށް އޭނާގެ ދިރިއުޅުމަކީ މިހާރު މިއީ ކަމަށެވެ. މިނިވަންވެގެން ގޮސް އުފަން ރަށުގައި ދިރިއުޅެފައި އެނބުރި މާލެ އައިގޮތަށް މިހާރު ދިރިއުޅެނީ މާލޭގެ ބާޒާރުމަތީގަ އެވެ. ނިދަނީ ރަށުގެ ރައްޓެހިން އައިސްގޮސްވާ އޮޑިދޯނިފަހަރުތަކުގަ އެވެ.

މިއަދުގެ މި ވަގުތުގައި އައްމަޑޭ ކަމެއް ނެތިފައި އިނަސް އޭނާގެ އެންމެ ޕީކް އަވާގައި މިއީ ފޮށި ބަންދުކުރުމުގެ މާހިރެކެވެ. އެކަމަކު އައްމަޑޭ އޭނާގެ މި ދުނިޔެ އާއި ގަހުގެ އެކަނިވެރި ހިޔަލަށް ދޫކޮށްލާފައި "އެސިޑްގެ މި ބާޒާރުން" ކުރިއަށް ހިނގައިގަންނަމާ ހިނގާށެވެ. މަސް މާރުކޭޓާ ދިމާލުން ފެންނަން އެހެރަ "ވަދު ފިހާރަ" ގެ ކަންމަތީގައި އަތުރާލާފައިވާ ކުނިބުނީގެ ބާޒާރަށެވެ.

މިއީ ބާޒާރުމަތިން ފެންނަ "އެޑިކްޓުން" ހިންގާ އުނގުވިޔަފާރީގެ ތެރެއިން އެންމެ ހިޓު އެއް ސްޕޮޓެވެ. އެންމެ ހޫނު އަދި އެންމެ ޒުވާބާއި މާރާމާރީ އާއި ބެޖު ޖެހި އޮފިސަރުން ވެސް އެންމެ ގިނައިން ފެންނަ ހިސާބުގަނޑެވެ. ފުލުހުންނާއި ސިޓީ ކައުންސިލުން އައިސް ކޮންމެފަހަރަކު މިތަން ސާފުކޮށް މި ހުރިހާ އެއްޗެއް ނަގައިގެން ގޮސް އުކާލަނީ ހިސާބުގަނޑުގައި އުޅޭ "އަސްލު ވިޔަފާރިވެރިން" ޝަކުވާކުރަން ފެށުމުންނެވެ.

ބާޒާރުމަތީގައި ހުޅުވާފައިވާ 'ކުނިބުނީގެ ސްޓޯލަކުން' ބަޔަކު ވިޔަފާރި ކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާޒާރުމަތީގައި ހުޅުވާފައިވާ 'ކުނިބުނީގެ ސްޓޯލަކުން' ބަޔަކު ވިޔަފާރި ކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާޒާރުމަތީގެ ޕޭވްމަންޓުގައި ހިންގާ 'ކުނިބުނީ' ގެ ފިހާރަކުން މީހަކު ގަމީހެއް ހެޔޮވަރުކުރާއިރު ކައިރީގައި އެހެން މީހަކު ބަލަހައްޓައިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބާޒާރުމަތީގެ ޕޭވްމަންޓުގައި ހިންގާ 'ކުނިބުނީ' ގެ ފިހާރަކުން މީހަކު ގަމީހެއް ހެޔޮވަރުކުރާއިރު ކައިރީގައި އެހެން މީހަކު ބަލަހައްޓައިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކޮންމެއަކަސް މި ބާޒާރުމަތިން ދެން ބައްދަލުވީ ވަރަށް ވެސް ބޮޑު ޒުވާނަކާ އެވެ. އުމުރުން 25 އަހަރުގެ އެ ޒުވާނާގެ ނަމަކީ ވިޝާމް އެވެ. މީގެ އަހަރުތަކެއް ކުރިން އޭނާގެ މި ބާޒާރު އަތުރާފައި ހުރީ ނީލަން ފިހާރަ ހިންގި ގޮޅީގެ ޕޭވްމަންޓެއްގަ އެވެ. ނީލަން ފިހާރަ އަނދައިގެން ހުލިވި ގޮތަށް މި ޒުވާނާ އާއި އޭނާގެ އެކުވެރިން މިހާރު އައިސް ތިބޭ ސަރަހައްދަކީ މި އެވެ.

މަޑުމަޑުން ހިނގާލާފައި ގޮސް "ވިޝާމްގެ ބާޒާރު" ކައިރިއަށް މަޑުކޮށްލީމެވެ. އެތަނުގައި ބަޑިތައް އަތުރާފައި ހުއްޓެވެ. ހާސްނުވާށެވެ. ކުޅޭ ކުޅޭ ބަޑި އެވެ. އެއާފޯހާއި ޖެޓުތައް ޕާކުކޮށްފައި ހުއްޓެވެ. ހާސްނުވާށެވެ. ކުޅޭކުޅޭ ސާމާނެވެ. ހެދުމާއި ބޫޓާއި ދަބަރު ހިލާފައިވީ ގަހަނާ ވެސް އެތަނުގައި ވެ އެވެ. ވަގުތު ހުއްޓިފައިވީ ގަޑި އާއި ފޯނެއް ނެތް ކަވަރުތައް ވެސް ބައިވަރެވެ. ފުނަލާއި ފުއްޕާ ހަމާއި ހާޑުވެއާގެ ސާމާނުތައް ވެސް އެތަނުގައި ހުއްޓެވެ. ތުނބުޅި ބާލަން ބޭނުންކުރާ ރޭޒަރާއި ނިޔަފަތިކަނޑާ ދަތި ވެސް ބާޒާރުގެ އެ ދާނުގައި ނަލަވެ އޮވެ އޮފު އަރުވަނީ އެވެ.

ފިހާރައިގެ ރެއިލިންގައި އަޅުވާފައި އޮތް ނަމާދު މުސައްލަ އާއި ނަމާދު ފޮށަ އާއި ތާކިހަލަށް ބެލުމެއް ނެތި ހަމަ އެންމެން ވިޔަފާރި ކުރަނީ އެވެ. "ޓްރިޕެއް"ގެ ރާޅުބާނި އައިސް ބޮލަށް އަރަނީ އެވެ. އުކާލި ހުރިހާ ކުންޏަކާ އެކު އާސްމާނަށް އެ ނިމުނީ އެވެ.