Roadha Mihaaru
މެތު އާންމުވެއްޖެ، ހިލޭ ވެސް ލިބޭ ހިސާބަށް ހިނގައްޖެ

މެތު އާންމުވެއްޖެ، ހިލޭ ވެސް ލިބޭ ހިސާބަށް ހިނގައްޖެ!

15 ސެޕްޓެމްބަރ 2021

މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އެއް ބާވަތް، މެތަޕެޓަމައިން (މެތު) ރާއްޖޭގައި މިހާރު އާންމު އެއްޗަކަށް ވެ، ހިލޭ ވެސް ލިބޭ ހިސާބަށް ހިނގައްޖެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އެއް ބާވަތް، މެތަޕެޓަމައިން (މެތު) ރާއްޖޭގައި މިހާރު އާންމު އެއްޗަކަށް ވެ، ހިލޭ ވެސް ލިބޭ ހިސާބަށް ހިނގައްޖެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މެތަކީ، އެއަށް ދެވި ހިފައިފި ނަމަ އެއިން ސަލާމަތްވުމަށް ދެވޭނެ ފަރުވާއެއް ވެސް ނޯންނަ ބާވަތެކެވެ. އަދި ޑްރަގްސްގެ އެހެން ބައެއް ބާވްތްތަކާ ހިލާފަށް މެތު ބޭނުން ކުރުމުން މީހުން ބުއްދި ފިލައިގޮސް މޮޔަކޮށްލާ ކަމަށް ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މެތު އެހާ ގިނަވި ނަމަވެސް ރާއްޖެ އަށް އެ ބާވަތް ގެންނަނީ ކޮންތަނަކުން ކަން ވެސް އަދި ހޯދިފައިނުވާ ކަމަށެެވެ. ރާއްޖެ އަށް އެތެރާ ޑްރަގްގެ ވައްތަރުތައް ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށާއި ޓްރެފިކްކުރުން މިހާރު ވަރަށް ބޮޑަށް ތަފާތު ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ އެއްޗިހި މިހާރު މި އަންނަނީ ޔޫރަޕުގެ ގައުމުތަކުން. މެތު މިހާރު މިތަނުން މި ލިބެނީ ހަމަ ހިލޭ. އެ ކޮންތާކުން ސަޕްލައިކޮށްގެން އުޅޭ [އެއްޗެއްކަމެއް] އަޅުގަނޑަކަށް ނޭނގޭ،" ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑްރަގްގެ މައްސަލަ ހައްލުކުރުމަށް ޓަކައި، ރާއްޖޭގައި ހުރި ގާނޫނުތައް ތަންފީޒުކުރެވޭނެ މަގެއް ހޯދަން ޖެހެ އެވެ.

ޑްރަގާ ދެކޮޅަށް ކުރާ މަސައްކަތުގެ މައުލޫމާތު މަޖިލީހަށް މިއަދު ދެއްވީ މިނިސްޓަރު އިސްނަންގަވައި އެކަމަށް އެދިވަޑައިގެން ހޯއްދެވި ފުރުސަތެއްގަ އެވެ. އޭގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި، ގާނޫނީ ނިޒާމަށް ގެންނަން ޖެހޭ ބަަދަލުތައް ގެނައުމުގައި މަޖިލީހުގެ އެހީތެރިކަން ހޯދުމެވެ.

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިސްލާހުކުރުމަށް ޓަކައި ސަރުކާރުން އަޅަން ގަސްދުކުރާ ފިޔަވަޅުތަކާއި، މިހާރުގެ ހާލަތާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ވަރަށް ތަފްސީލީ ޕްރެޒެންޓޭޝަނެއް، އޭނާގެ އަރިހުގައި މަޖިލީހަށް ދިޔަ ޓީމުން ހުށަހެޅި އެވެ.

ޕްރެޒެންޓޭޝަނެއްގައި ވާ ގޮތުން ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ މަސްތުވާތަކެތީގެ ބާއްވަތްތައް ވެސް މިހާރު ވަނީ ބަދަލުވެފަ އެވެ. މީގެ ކުރިން ގިނައިން ބޭނުންކުރަނީ ގަސްގަހާޖެހިން ލިބޭ ތަކެތިން އުފައްދާ ބާވަތްތައް ކަމަށް ވިޔަސް މިހާރު ގިނައީ ސިންތެޓިކް މާއްދާތައް ބޭނުންކޮށްގެން އުފައްދާ މަސްްތުވާތަކެއްޗެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ގައުމުތަކާއި ސަރަހައްދުތައް ވެސް ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ވަނީ އިތުރުވެފަ އެވެ. ކުރީގެ ހޯދުންތަކުން ދައްކާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނަ މަސްތުވާތަކެތި އެތެރެކުރަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުންނެވެ. އެކަމަކު މިހާރު ޔޫރަޕްގެ ގައުމުތަކުން ވެސް މިހާރު މަސްތުވާތަކެތި އެެތެރެކުރެ އެވެ. އޭގެ ތެރޭގައި ޖަރުމަނާއި އިނގިރޭސިވިލާތާއި ނެދަލޭންޑްސް ހިމެނެ އެވެ.

އެ އެސެސްމެންޓުން އެނގުނު ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރުފުރާ ވެސް 2014 ވަނަ އަހަރާ އަޅާ ބަލާއިރު މިހާރު އޮތީ ވަރަށް ބޮޑަށް ފުޅާ ވެފަ އެވެ. މަސްތުވާތަކެތި ބޭނުންކުރާ އުމުރުފުރާ ކަަމަށް 2014 ގެ ހޯދުންތަކުން ފެންނަން އޮތީ އުމުރުން 22-37 އަހަރާ ދެެމެދެވެ. އެކަމަކު މި އަހަރުގެ ހޯދުންތަކުން ދައްކާ ގޮތުގައި މަަސްތުވާތަކެތި ބޭނުންކުރާ އުމުރުފުރާ ވަނީ 17 އަހަރުން ފެށިގެން 68 އަހަރާ ހަަމައަށް ފުޅާ ވެފަ އެވެ.