Roadha Mihaaru
"ގާނޫނާ ހިލާފަށް ކުރިކަންކަމަށް ޖަވާބުދާރީވާންޖެހޭނެ"

މިދިޔަ ވެރިކަމުގައި ގާނޫނާ ހިލާފަށް ކުރި ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެ: ނައިބު ރައީސް

20 އޮކްޓޯބަރ 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ދައުލަތުގެ ބެޖެޓުން ހަރަދުކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑު ނުކޮށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް މި ސަރުކާރުން ބުނުމުން، އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކަށް ދެއްވި ރައްދެއްގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ މިއަދު ފެންނަނީ ކުރީގެ ސަރުކާރަށް ލިބުނު ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން، ނަހަމަ ގޮތުގައި ކުރަމުންދިޔަ ކަންކަން ފަސްއަޅައި ފޮރުވުމުގެ ނަތީޖާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑްގެ ދުވަސްވަރު ދިވެހި ދައުލަތަށް ލިބުނު އެހީތަކުގެ ތަފުސީލު ވެސް އޭރުގެ ސަރުކާރުން ފޮރުވީ ހަމަ އެ ބީދައިންނެވެ. އެހެންވެ، ގާނޫނުއަސާސީއާ ހިލާފަށް ކުރި ކަންކަމަށް ޖަވާބުދާރީވާންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އަމީރު ވިދާޅުވިގޮތުގައި، މާލީ ހިސާބުތައް ދިމާނުވާ ކަމަށް ބުނެ ސަރުކާރުން ހެދީ ދޮގެވެ. އަދި ފަންޑުކޮށްގެން ހިންގާ މަޝްރޫއުތަކުގައި މާލީ ހިސާބުތައް ރެކޯޑުކުރާނީ ޑޮކިއުމަންޓްތައް ފުރިހަމަވާ މިންވަރަކުން ކަމަށާއި އެއީ މީގެ ކުރިން ވެސް އަމަލުކުރަމުން އައި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަހަރު ދެބައިވިއިރު ހަރަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިގެން، އެ ރިޕޯޓް ނެރުން އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަފީގު ހުއްޓާލައްވައި، އެކަން ހިނގާފައިވާ ގޮތް ބެއްލެވި ކަމަށެވެ.

ޒަމީރު ވިދާޅުވީ 2023 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭރުގެ މާލީ އިދާރާ ތަކުން ދޫކޮށްފައި ހުރި ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއް މި އަހަރުގެ ތެރޭގައި ރެކޯޑް ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

ޒަމީރު ވިދާޅުވީ މިދިޔަ އަހަރާއި އޭގެ ކުރި އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށާއި އޭގެ އިތުރުން ވެސް މިފަދަ ބިލުތައް އެކި މިނިސްޓްރީތަކުގެ ހުރުން އެކަށީގެންވާ ކަމަށެވެ. އެކަން ދެނެގަތުމުގެ މަސައްކަތް އޮޑިޓަ ޖެނެރަލްގެ އޮފީހާއެކީ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މިދިޔަ އަހަރު ހަރަދުކޮށް، ރެކޯޑް ނުކޮށް ދެ ބިލިއަނެއްހާ ރުފިޔާ ހުރިއިރު، އެ ފައިސާ މި އަހަރުގެ ތެރެއަށް ރެކޯޑް ކުރެވިއްޖެ ނަމަ އެއީ ގާނޫނާ ހިލާފު ކަމަކަށް ވާނެ ކަމަށެވެ. އެހެންވެ، އެކަމަށް ގާނޫނީ ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ އެ އަހަރެއްގައި ފާސްކުރާ ބަޖެޓާ އެއްގޮތަށް ހަރަދު ކުރަން ވާނެ ކަމާއި އެއާ ހިލާފަށް ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އެއާ ހިލާފަށް ބަޖެޓުން ހަރަދު ކުރާ ނަމަ އެކަމެއް ވާނީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އެހެންވެ، މައްސަލަ ބަލައި އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.