Roadha Mihaaru
ނޯތު ކޮރެއާ ސަފީރު މެލޭޝިއާ އިން ބޭރުކޮށްލަނީ

ނޯތު ކޮރެއާ ސަފީރު މެލޭޝިއާ އިން ބޭރުކޮށްލަނީ

05 މާޗް 2017

ކުއާލަ ލަމްޕޫރު (މާޗް 5) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެގެ މަރާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ތަކުރާރުކޮށް ފާޑު ކިޔަމުން ގެންދާތީ ނޯތު ކޮރެއާ ސަފީރު ބޭރުކޮށްލަން މެލޭޝިއާ އިން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (މާޗް 5) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެގެ މަރާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ތަކުރާރުކޮށް ފާޑު ކިޔަމުން ގެންދާތީ ނޯތު ކޮރެއާ ސަފީރު ބޭރުކޮށްލަން މެލޭޝިއާ އިން ނިންމައިފި އެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓްރީން ބުނީ ސަފީރު ކަން ޗޮން އެ ގައުމުން ދިއުމަށް 48 ގަޑިއިރުގެ މުހުލަތެއް މިހާރު ދީފައިވާ ކަމަށެވެ. ކިމްގެ މަރު ތަހުގީގު ކުރަމުންދާ ގޮތާ މެދު މެލޭޝިއާ އަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ ސަފީރު ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި ކިމްގެ މަރު ސިޔާސީ ކޮށްލާފައިވާ ކަމަށާއި އެކަމުގެ ތެރެއަށް އެހެން ނުފޫޒެއް ވަދެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. މެލޭޝިއާ އިން ވަނީ ސަފީރު އެކަމަށް މައާފަށް އެދުމަށް ގޮވާލައިފަ އެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ސަފީރު ކުރައްވައިފައެއް ނުވެ އެވެ. މެލޭޝިއާގެ ފޮރިން މިނިސްޓްރީ އަށް ސަފީރު އިއްޔެ ހާޒިރުވުމަށް އެންގުމުން ވެސް އެގޮތަށް ވެސް އަމަލު ކުރައްވައިފައެއް ނުވެ އެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓަރު އަނީފާ އަމާން ވިދާޅުވީ އެ ގައުމުގެ އަގު ވައްޓާލަން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ކިމް މަރާލާފައި ވަނީ މަކާއޫ އަށް ފުރަން ގޮސް ކުއާލަ ލަމްޕޫރު އެއާޕޯޓުގައި ހުއްޓާ މޫނުގައި ވިހަ ފޮތިގަނޑެއް އަޅައިގެން، މިދިޔަ މަހު 13 ވަނަ ދުވަހު، އެވެ. ކިމް މަރާލީ ނޯތު ކޮރެއާ އިން ކަމަށް މެލޭޝިއާ އިން ސީދާ ނުބުނެ އެވެ. ނަމަވެސް އެކަމުގެ ފަހަތުގައި ވަނީ ނޯތު ކޮރެއާ ކަމަށް ވަރަށް ބޮޑަށް ވަނީ އަޑު ފެތުރިފަ އެވެ.

ކިމްގެ މަރާ ގުޅިގެން މެލޭޝިއާ އިން ދަނީ ނޯތު ކޮރެއާގެ ބައެއް މީހުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޑިޕްލޮމެޓިކް ސްޓާފަކު ވެސް ހިމެނެ އެވެ. މަރުގެ ތުހުމަތުގައި ހައްޔަރު ކުރި ނޯތު ކޮރެއާގެ ހަމައެކަނި މީހާ މިހާރު ވަނީ އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ދޫކޮށްލައިފަ އެވެ.

ކިމް މަރާލީ ދެ އަންހެނަކު ބައިވެރިވެގެން އޭނާގެ މޫނުގައި ވިހަ ފޮތިގަނޑެއް އަޅައިގެންނެވެ. މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިންޑޮނީޝިއާގެ އަންހެން މީހާ ބުނެފައި ވަނީ އޭނާ ލައްވާ އެކަން ކުރުވުމަށް ބަޔަކު ފައިސާ ދީފައިވާ ކަމަށެވެ. މެލޭޝިއާ އިން ބުނެފައި ވަނީ ކިމް މަރާލަން ބޭނުންކޮށްފައި ވަނީ ވީއެކްސް ނާވް އެޖެންޓެއް ކަމަށެވެ.

ނޯތު ކޮރެއާއާ އެކު ރަހުމަތްތެރިކަމުގެ ގުޅުން ބާއްވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ މެލޭޝިއާ އިން މިހާރު ވަނީ ނޯތު ކޮރެއާ މީހުން ހިލޭ ވިސާގައި އެ ގައުމަށް އެތެރެ ނުވެވޭ ގޮތް ހަދައިފަ އެވެ.