Roadha Mihaaru
ފްލައިޓްޑިލޭވުމުން ވަކިކުރި މީހާއަށް ހައިކޯޓުން ކާމިޔާބު

ފްލައިޓެއް ޑިލޭވުމުން ވަކިކުރި މުވައްޒަފަށް ހައި ކޯޓުން ވެސް ކާމިޔާބު

29 މާޗް 2021

މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓެއް ޑިލޭވި ކަމަށް ބުނެ ވަކިކުރި އެ ކުންފުނީގެ މުވައްޒަފަކަށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާއާއެކު އަލުން ވަޒީފާ ދޭން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓެއް ޑިލޭވި ކަމަށް ބުނެ ވަކިކުރި އެ ކުންފުނީގެ މުވައްޒަފަކަށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާއާއެކު އަލުން ވަޒީފާ ދޭން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މޯލްޑިވިއަންގެ އިންފްލައިޓް ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި އެ މުވައްޒަފު ވަޒީފާ އިން ވަކިކުރީ ތައިލެންޑްގެ ވެރިރަށް ބެންކޮކުން އޮކްޓޫބަރު، 2016 ގައި އެ ކުންފުނީގެ މަތިންދާބޯޓެއް ފުރަން ބެލިއިރު އެ މުވައްޒަފު ހޮޓަލުގައި ނެތުމުގެ ސަބަބުން ޑިލޭވި ކަމަށް ބުނެ އެވެ. އެ މުވައްޒަފު ހޮޓަލުން ބޭރަށް ދިޔައީ މަތިންދާބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ފުރުން ލަސްވުމުންނެވެ. މަތިންދާބޯޓޫ މަރާމާތު ކުރަން ހޭދަވާނެ ކަމަށް ބުނި ވަގުތަށް ވުރެ އަވަހަށް މަރާމާތު ކުރެވުނަސް، ފުރުން ލަސްވީ އެ މުވައްޒަފަށް ގުޅޭ ގޮތް ނުވުމުންނެވެ.

ސިވިލް ކޯޓުން 2017 ގައި އަމުރުކުރީ އޭނާ އަށް އަލުން ވަޒީފާ ދިނުމާ އެކު އަދުުލުވެރި ބަދަލެއްގެ ގޮތުން 259،000ރ. ދިނުމަށެވެ.

އެ ހުކުމް މޯލްޑިވިއަންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޓެކްނިކަލް މައްސަލައަކާ ހެދި މަތިންދާބޯޓު ލަސްވުމުން ފަސިންޖަރުން ބޯޓުން ބޭލުމަށް ފަހު، ކްރޫއިންނަށް އަރާމު ކުރުމުގެ ވަގުތު ފެށުނީ ކަމަށް ޕައިލެޓް އިން ކޮމާންޑް އެންގި ކަމަށާއި ހޮޓަލުން ބޭރަށް ދިޔައީ ޕައިލެޓް އިން ކޮމާންޑްގެ ހުއްދައާ އެކު ކަމަށް އެ މުވައްޒަފު ބުނެފައިވާއިރު އެކަމުގެ ހަގީގަތް މޯލްޑިވިއަން އިން ހޯދާފައި ނުވާ ކަމަށެވެ. އަނބުރާ ހޮޓަލަށް އެންގި ގަޑީގެ ކުރިން އެނބުރި އައިސްފައިވާ ކަމަށް އެ މުވައްޒަފު ބުނާއިރު އެކަމަށް މޯލްޑިވިއަން އިން ވެސް އިންކާރު ނުކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމުގައިވަނީ މުވައްޒަފަކު ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮޮވެގެން ކަން ސާބިތުކޮށް ދިނުމުގެ ޒިންމާ އޮންނާނީ ވަޒީފާދޭ ފަރާތަށް ކަމަށް ވާއިރު، އެ މުވައްޒަފުގެ ފަރާތުން ދެއްކި ވާހަކަތަކުގެ އިދިކޮޅަށް މޯލްޑިވިއަން އަށް އެއްވެސް ހެއްކެއް ނުދެއްކޭ ކަމަށެވެ. އެ މުވައްޒަފު ވަކިކުރީ ތިން މީހުންގެ ޕެނަލަކުން ހިންގި ތަހުގީގަކަށް ފަހު ކަމަށް މޯލްޑިވިއަން އިން ބުންޏަސް، އެ ޕެނަލްގެ ނިންމުމަކީ ކޮބައިކަން އެ ކުންފުނިން ހުށަހަޅާފައިނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެކަމުގައި ބޮޑަށް ބުރަވެވެނީ އެ މުވައްޒަފު ބުނާ ގޮތަށް ކަން ހިނގީ ކަމަށެވެ. އެހެންވެ، އޭނާއަށް ފޯނު ނުނެގި އޮތުމަކީ މަތިންދާބޯޓު ޑިލޭވީ އޭނާގެ ސަބަބުން ކަމަށް ބެލެވޭނެ ހުއްޖަތެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އޭނާ ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށާއި އެކަމާ ބެހޭ އެއްވެސް ހެއްކެއް ދައްކާފައި ނުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައިި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.