Roadha Mihaaru
ސިނގިރޭޓްގެ އާ ޑިއުޓީ: ނަތީޖާ ހާސިލްވެދާނެބާ؟

ސިނގިރޭޓްގެ އާ ޑިއުޓީ: ނަތީޖާ ހާސިލްވެދާނެބާ؟

13 މާޗް 2017

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ އެއް ފިހާރައިގެ ދޮރުމަތީގައި ދާދިފަހުން ކޮންމެ ދުވަހަކުހެން ގިނަ އަދަދެއްގެ ބަޔަކު ދިގު ކިޔޫއެއްގައި ޖެހިފައި ތިއްބާ ވަރަށް ގިނަ ބަޔަކަށް ފެންނާނެ އެވެ. މިއިން އެނގުނު އެއްޗަކީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހައްދުން ނެއްޓިފައި އޮތް ވަރެވެ. ހެނދުނު ހެނދުނާ ކިޔޫގައި ޖެހިގެން އެއްޗެއް ގަންނާނީ އޭގެ ޑިމާންޑް ވަރަށް ބޮޑުވެގެން ކަން ކަށަވަރެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ އެއް ފިހާރައިގެ ދޮރުމަތީގައި ދާދިފަހުން ކޮންމެ ދުވަހަކުހެން ގިނަ އަދަދެއްގެ ބަޔަކު ދިގު ކިޔޫއެއްގައި ޖެހިފައި ތިއްބާ ވަރަށް ގިނަ ބަޔަކަށް ފެންނާނެ އެވެ. މިއިން އެނގުނު އެއްޗަކީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހައްދުން ނެއްޓިފައި އޮތް ވަރެވެ. ހެނދުނު ހެނދުނާ ކިޔޫގައި ޖެހިގެން އެއްޗެއް ގަންނާނީ އޭގެ ޑިމާންޑް ވަރަށް ބޮޑުވެގެން ކަން ކަށަވަރެވެ.

ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރަން މަޖިލީހަށް ބިލެއް ހުށަހެޅުމާއެކު ސިނގިރޭޓު އެތެރެކުރާ ކުންފުނިތަކާއި ރީޓެއިލްކޮށް ވިއްކާ ފިހާރަތަކުން ވެސް ބޭނުންވީ ވީހާ ވެސް ގިނަ އަދަދެއް ގަނެފައި ރައްކާކުރުމަށެވެ. އެ ދުވަސްވަރާ ދިމާކޮށް ރާއްޖެ އެތެރެކުރި ސިނގިރޭޓުގެ މިންވަރު މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ފެންނަން އެބަ އޮތެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމަށް މަޖިލީހަށް ބިިިލެއް ހުށަހެޅި ދަނޑިވަޅާ ދިމާކޮށް ސިނގިރޭޓް ވިއްކާ ކުންފުނިތަކުން ވަނީ ގާތްގަނޑަކަށް ހަ މަސްދުވަހުގެ ސްޓޮކެއް އެތެރެކޮށް ރައްކާކޮށްފަ އެވެ. އެހެން ކަމުން ޑިއުޓީ ބޮޑުކުރުމުގެ ނަތީޖާ ހާސިލްވިކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ހަމައެހެންމެ، ޑިއުޓީ އަށް ގެނައި ބަދަލަކީ އެއިން ހާސިލްކުރަން ބޭނުންވި ސިއްހީ ލަނޑުދަނޑި ހާސިލް ކުރެވޭ ވަރުގެ ބަދަލެއްތޯ މިހާރު ބަހުސް ކުރަން ރަނގަޅެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުގެ ކުރިން އެކަމާ ބެހޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކަމާ ގުޅޭ ބޭފުޅުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރި އެވެ. އެ ބޭފުޅުން ވަނީ ސިނގިރޭޓުން ޑިއުޓީ ބޮޑުކުރުމުން ނުކުންނާނެ ނަތީޖާ އާއި އެނޫން ވެސް ފަންނީ ވަރަށް ގިނަ މައުލޫމާތު ކޮމިޓީއާ ހިއްސާކޮށްފަ އެވެ. ނަމަވެސް އެ ބިލް އިސްލާހުކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވައި، އަދި ތަޅުމުން އެ ބިލް ފާސްކުރީ އެކަމުން ނަތީޖާއެއް ހާސިލްވާނެ ގޮތަކަށް ނޫނެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ކަންތައްތައް ކުރަނީ ސިނގިރޭޓް އެތެރެކުރާ ފަރާތްތަކަށް ބޮޑު ސްޓޮކް ގެނެސް ރައްކާކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް. އެކަމަކު ރާއްޖޭގައި މިކަންކުރާއިރު އެކަން ކުރަނީ އެ މީހުން ބޭނުން ވަރަކަށް އެތެރެކޮށް ރައްކާކުރެވޭ ގޮތަށް،"

"ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ކަންތައްތައް ކުރަނީ ސިނގިރޭޓް އެތެރެކުރާ ފަރާތްތަކަށް ބޮޑު ސްޓޮކް ގެނެސް ރައްކާކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް. އެކަމަކު ރާއްޖޭގައި މިކަންކުރާއިރު އެކަން ކުރަނީ އެ މީހުން ބޭނުން ވަރަކަށް އެތެރެކޮށް ރައްކާކުރެވޭ ގޮތަށް،" މަޖިލީހުގެ އެ ކޮމިޓީއަށް ވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ތަރުޖަމާނު ހަސަން މުހައްމަދު ވިދާޅުވީ، ސިނގިރޭޓަކުން ނަގާ ޑިއުޓީ ބޮޑުކުރުމާ ބެހޭ ގޮތުން މަޖިލީހުގެ ކޮމިޓީއަށް ބޭނުންވާ ހުރިހާ މައުލޫމާތުތަކެެއް ފޯރުކޮށްދެއްވި ކަމަށެވެ. އެގޮތުން އެ ބަދަލުގައި ގެނައިމަ ކޮންޓްރޯލްވާނެ މިންވަރާއި އެނޫން ވެސް ވަރަށް ގިނަ ފަންނީ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޮޑުކުރަންވީ ސީދާ އަދަދެއް އަޅުގަނޑުމެން ނުދަންނަވަން. އެކަމަކު ވަކި ފޯމިއުލާތަކެއްގައި ޑިއުޓީ ބޮޑުކުރަން ޖެހޭ. ބައެއް ގައުމުތަކުގައި ހަމަޖައްސާފައިވޭ ސިނގިރެޓެއްގެ އަގުގެ 75 ޕަސަންޓް ވާން ޖެހެނީ ޓެކްސް ކަމަށް،" ހަސަން ވިދާޅުވި އެވެ.

ސިނގިރޭޓް ބޯ މީހުންގެ އަދަދު މަދުވެދާނެތަ؟

ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ސިނގިރޭޓު ބޯ މީހުން މަދުކުރުމެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިގޮތަށް އަމަލުކޮށްފައިވެ އެވެ. އަދި ސިނގިރޭޓު ވަކި ވަކިން ވިއްކުން މަނާކުރުމާއި ސިނގިރޭޓު ވިއްކާ އުމުރު މަތިކުރުން ފަދަ ފިޔަވަޅުތައް އަޅަ އެވެ.

ރާއްޖޭގައި އެންމެފަހުން ސިނގިރޭޓުގެ އަގަށް ގެނައި ބަދަލަކީ 2011ގެ ފަހުން ގެނައި އެންމެ ބޮޑު ބަދަލެވެ. ދެހާސް އެއްވަނަ ވަނަ އަހަރު ވަނީ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގާ މިންވަރު 30 ލާރިން 90 ލާރިއަށް ބޮޑުކޮށްފަ އެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު އެ އަދަދު ވަނީ 1.25 ލާރި އަށް ބޮޑުކޮށްފަ އެވެ. އެކަމަކު މިހާތަނަށް ވެސް ޑިއުޓީ ބޮޑުކޮށްގެން ސިނގިރޭޓު ބޯ މީހުންގެ އަދަދުވި ކަމެއް ރަސްމީ އެއްވެސް އިދާރާއަކަށް ޔަގީންކޮށް ނުދެވެ އެވެ. އޭގެ ބަދަލުގައި ތަފަސްހިސާބުތަކުން ފެންނަނީ މިކަމަށް އޮއްސާ ފައިސާ އަހަރުން އަހަރަށް މިލިއަނުން މިލިއަނަށް އިތުރުވަމުންދާ ތަނެވެ.

ސިނގިރޭޓުގެ ޑިއުޓީއަށް ގެނައި ބަދަލާ ގުޅިގެން ބޯ މީހުން މަދުވާނެ ކަމަށް ލަފާކުރޭ

ސިނގިރޭޓުގެ ޑިއުޓީއަށް ގެނައި ބަދަލާ ގުޅިގެން ބޯ މީހުން މަދުވާނެ ކަމަށް ލަފާކުރޭ

ގިނަ ބަޔަކު ހީކޮށްގެން ތިބީ އާ ޑިއުޓީއާ އެކު ސިނގިރޭޓް ފޮއްޓެއްގެ އަގު 100ރ. އަށް ވުރެ ބޮޑުވެގެން ދާނެ ކަމަށެވެ. އެހެންނަމަވެސް، އާ ޑިއުޓީ އަށް ފަހު ސިނގިރޭޓް ފޮއްޓެއްގެ އަގު އާންމު ފިހާރަތަކުގައި 70ރ. އަށް ލިބެން ފެށުމާ އެކު އެއީ އެކަމަށް ދެވިހިފާފައި ތިބި ބަޔަކު ހުއްޓާލާނެ ވަރުގެ އަދަދެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. ބައެއް ފިހާރަތަކުން ވެސް ބުނީ ސިނގިރޭޓްގެ އަގަށް ބަދަލު އައި ނަމަވެސް ވިކުން މަދު ނުވާ ކަމަށެވެ. މިއީ، ސިނގިރޭޓްގެ ޑިއުޓީ އަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު ވެސް ނުކުންނަ ނަތީޖާ އެވެ. އަދި، މި އަގު ދުވަސްކޮޅެއް ފަހުން ހަމަ އާދައިގެ އަގަކަށް ބަދަލުވެ، ސިނގިރޭޓަށް ކުރާ ހޭދަ ބުރައެއްގެ ގޮތުގައި ފިލައިގެން ދެ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ ތަރުޖަމާނު ވިދާޅުވީ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަން އެންމެ ފަހުން ނިންމި އަދަދަކީ ކުޑަ އަދަދެއް ނޫން ކަމަށެވެ. އަދި އޭގެ ސަބަބުން ސިނގިރޭޓު ބޯ މީހުންގެ އަދަދު މަދުވާނެ ކަމަށް ވެސް ހަސަން ދެކެވަޑައިގަންނަވަ އެވެ. އެހެން ނަމަވެސް ހަސަން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި އަޅަން ޖެހޭ އެހެން ފިޔަވަޅުތަކެއް ވެސް އެބައޮތެވެ.

"ސިނގިރެޓު ބުއިން މަދުކުރުމަށް ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވަންވީ. އޭރުން މީގެ ނަތީޖާ ހާސިލްވާނީ. ކުޑަކުދިން ވެސް ދުރަށްދާނީ. ބައެއް މީހުން ބެހުން ވެސް ހުއްޓާލާނެ. ކުޑަކުދިންނާއި ޒުވާނުން މިއާ ދުރަށް ދިއުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ،" ހަސަން ވިދާޅުވި އެވެ.

ވިއްކާ ފަރާތްތަކުން ބޮޑު ސްޓޮކެއް ރައްކާކޮށްފައި

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެކަނި 497 މިލިއަން ރުފިޔާގެ ސިނގިރޭޓު ރާއްޖެ އެތެރެކޮށްފައިވެ އެވެ. އަދި ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ދިމާކޮށް ގާތްގަނޑަކަށް ހަ މަސްދުވަހަށް ރާއްޖެއަށް ބޭނުންވާ ސިނގިރޭޓު އެތެރެކުރި ކަމަށް ވެސް އެޗްޕީއޭ އިން ލަފާކޮށްފައިވެ އެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ކުރިން ލަފާކޮށްފައިވެ އެވެ. ޑިއުޓީ ބޮޑުކުރުމުން، ކުރިން 48ރ. އަށް ވިއްކި ސިނގިރޭޓު ފޮއްޓެއްގެ އަގު 70ރ. އަށް ވަނީ އުފުލިފަ އެވެ. ނަމަވެސް އެ ނަތީޖާ މިހާރު ހާސިލްވެދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.

"މިސާލަކަށް ކުރިޔަށް ހަމަހަށް ވާވަރަށް އެތެރެކުރާ ނަމަ ކުރީގެ ރޭޓުން ޑިއުޓީ ދައްކާނީ. އިތުރުކުރި މިންވަރުން ސަރުކާރަށް 75 ލާރި ނުލިބޭނެ. މިހެންވުމުން ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބެންވާ މިންވަރަކަށް ނުލިބޭނެ. މިކަހަލަ ބަދަލުތައް ގެންނަން ވާނީ ކުރިޔަށް ނާންގާ. މި އެޑްވާންޓޭޖް ކޮންމެ ފަހަރު އެބަ ނަގާ އެތެރެކުރާ މީހުން،" ހަސަން މުހައްމަދު ވިދާޅުވި އެވެ.

ތަރުޖަމާނު ވިދާޅުވި ފަދައިން ސިނގިރޭޓް އެތެރެކޮށް ވިއްކާ ކުންފުނިތަކުން ވަނީ ގާނޫނު ތަސްދީގުކުރި ދުވަހުން ފެށިގެން ސިނގިރޭޓު ކޭހާއި ކާޓަނާއި ވަކި ފޮށި އަދި ވަކި ސިނގިރޭޓު ވިއްކާ އަގު ބޮޑުކޮށްފަ އެވެ.

"ސަރުކާރުން ޓެކްސް ބޮޑުކުރާއިރު އަބަދުވެސް އަގު ބޮޑުކުރާނެ. އެ މީހުންނަކީ އިހުލާސްތެރި ބައެއް ނޫން. ޑިއުޓީ ބޮޑުކުރާ މިންވަރަށް ވުރެ ބޮޑުކޮށް އަބަދުވެސް ވިޔަފާރިވެރިން ވިއްކާނީ،" އޭނާ ވިދާޅުވި އެވެ.

ސިނގިރޭޓު ބޯ މީހުން މަދުކުރަން ބޭނުން ނަމަ ސިނގިރެޓެއްގެ އަގު މިހާރަށް ވުރެ ބޮޑުވާން ޖެހެ އެވެ. އަދި އެއާއެކު ވަކިވަކިން ސިނގިރޭޓު ވިއްކުން ހުއްޓުވަން ވެސް ޖެހެ އެވެ. ހަމައެގޮތަށް އެތެރެކުރާ މިންވަރު ވެސް ކޮންޓްރޯލްކޮށް އެއީ ފަސޭހައިން ގަންނަން ނުލިބޭ އެއްޗަކަށް ހަދަން ޖެހެ އެވެ. އެހެން ނޫނީ ޑިއުޓީ ބޮޑުކުރުމުގެ ހަގީގީ ފައިދާއެއް ގައުމަކަށް ނުލިބޭނެ އެވެ.