Roadha Mihaaru
ރާއްޖެ މެދުވެރިކޮށް ގާމެންޓު އެކްސްޕޯޓު ކުރަން ފަށައިފި

ބަންގްލަދޭޝް އިން ރާއްޖެ މެދުވެރިކޮށް ގާމެންޓު އެކްސްޕޯޓު ކުރަން ފަށައިފި

03 ނޮވެމްބަރ 2024

ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު ގާމެންޓު ނުވަތަ އަންނައުނުގެ ވިޔަފާރި ކުރާ ބަންގްލަދޭޝް އިން އިންޑިއާގެ ބަދަލުގައި ރާއްޖެ މެދުވެރިކޮށް، ދުނިޔޭގެ އެކި ބާޒާރުތަކަށް އަންނައުނު އެކްސްޕޯޓު ކުރަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު ގާމެންޓު ނުވަތަ އަންނައުނުގެ ވިޔަފާރި ކުރާ ބަންގްލަދޭޝް އިން އިންޑިއާގެ ބަދަލުގައި ރާއްޖެ މެދުވެރިކޮށް، ދުނިޔޭގެ އެކި ބާޒާރުތަކަށް އަންނައުނު އެކްސްޕޯޓު ކުރަން ފަށައިފި އެވެ.

ރާއްޖެ މެދުވެރިކޮށް ބަންގްލަދޭޝް އިން އަންނައުނު އެކްސްޕޯޓު ކުރަން ނިންމީ، އިންޑިއާގެ އެއާޕޯޓުތަކާޢި ޕޯޓުތަކަށް ބާރު ބޮޑުވެ، ތަކެތި އެކްސްޕޯޓު ކުރުމުގައި ޑިލޭތައް އުޅޭތީ އެވެ.

"އެހެންވުމުން އިންޑިއާގެ އެއަޕޯޓުތަކަށާއި ޕޯޓުތަކަށް ވެސް މުދާ ހޭންޑުލް ކޮށްގެން ލިބޭ އާމްދަނީ މަދުވާނެ،" އިންޑިއާގެ މެޑިޓަރޭނިއަން ޝިޕިން އޭޖެންސީގެ މެނޭޖިން ޑިރެކްޓަރު ދީޕަކް ތިވާރީ ވިދާޅުވި އެވެ.

އެޗް އެންޑް އެމް އާއި ޒާރާ ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަންނައުނުގެ ޝިޕްމެންޓްތައް ދުނިޔޭގެ އެގެން މަންޒިލްތަކަށް ދެން ފޮނުވާނީ ރާއްޖެ މެދުވެރިކޮށެވެ.

ބަންގަލަދޭޝްގައި އެންމެ ފުޅާދާއިރާއެއްގައި ހިންގާ އެއް ދާއިރާ އަކީ ޓެކްސްޓައިލް އިންޑަސްޓްރީ އެވެ. އެ ގައުމުގެ އެކްސްޕޯޓުގެ 80 ޕަސެންޓަކީ ގާމެންޓެވެ. އެއީ ބަންގްލަދޭޝްގެ ޖީޑީޕީގެ 13 ޕަސެންޓެވެ.

މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ބަންގްލަދޭޝް އިން ރާއްޖެ އަށް ގެންނަ ތަކެތި، އެކްސްޕޯޓު ކުރަނީ ޖަރުމަނާއި ޓާކިޝް އެއާލައިންތައް މެދުވެރިކޮށެވެ. ރާއްޖޭގައި ޓްރާންސްޝިޕްމެންޓް ނެޓުވޯކްގެ ތެރޭގައި ގަތަރު އެއާވޭސް އާއި އެމިރޭޓްސް އާއި އޭރޯފްލޮޓް އާއި ގަލްފް އެއާ އާއި އިއްތިހާދު އަދި ނިއޯސް އެއާލައިން ހިމެނެ އެވެ.