އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް، ނާހިލް އަހްމަދު ސިއްދީގު އައްޔަންކޮށްފި އެވެ.
12 ނޮވެމްބަރ 2024
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް، ނާހިލް އަހްމަދު ސިއްދީގު އައްޔަންކޮށްފި އެވެ.
ކުރިން އެފްއޭއެމްގައި ވެސް މަސައްކަތް ކުރި ނާހިލް އެންމެ ފަހުން އަދާކުރީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމެވެ.
މިނިސްޓްރީގެ މަގާމަށް ދިއުމުގެ ކުރިން އޭނާ ވަނީ އެފްއޭއެމްގެ އެކި މަގާމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އުމުރުން 24 އަހަރުގެ ނާހިލް ވެގެންދާނީ އެފްއޭއެމްގެ އިދާރީ އެންމެ އިސް މަގާމާ ހަވާލުވާ އެންމެ ޒުވާން ޖެނެރަލް ސެކްރެޓަރީ އަށެވެ. އެފްއޭއެމްގެ މަސައްކަތަށް އޭނާ ރަސްމީކޮށް ނުކުންނާނީ އަންނަ ހަފުތާގަ އެވެ.
ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ނާހިލް ވަނީ، މާޒިޔާގެ ޔޫތު ޓީމަށް ވެސް ކުރިން ކުޅެފަ އެވެ.
އެފްއޭއެމްގެ ރަސްމީ ވަޒީފާ އަށް ޖެނުއަރީ 2022 ގައި ވަނުމުގެ ކުރިން އޭނާ ވަނީ އިންޓާންޝިޕް މަރުހަލާއެއްގައި އެ އެސޯސިއޭޝަނުގައި މަސައްކަތް ކޮށްފަ އެވެ. އެއީ ފެބްރުއަރީ 2017 ގަ އެވެ.
ކޮމްޕްޓީޝަން އޮފިސަރުގެ މަގާމުން، އެފްއޭއެމްގައި މަސައްކަތް ކުރަން ފެށި ނާހިލް އެ ތަނުގެ ވަޒީފާއިން ފެބްރުއަރީ މަހު ވަކިވި އިރު އޭނާ ހުރީ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ އެކްޓިން ހެޑްގެ މަގާމުގަ އެވެ.
ވިލާ ކޮލެޖާ ގުޅިފައިވާ ވެސްޓް އޮފް އިންގްލެންޑް ޔުނިވަސިޓީގެ ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރި ނާހިލް ވަނީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ޑިގްރީގެ ކިޔެވުމުގެ މަރުހަލާ ނިންމައިފަ އެވެ. އެ ޕްރޮގްރާމްގެ ޑިސަޓޭޝަން އަންނަ މަހު ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭއެފްސީން ބޭއްވި ފުޓްބޯޅަ މެނޭޖްމެންޓްގެ ސެޓްފިކެޓް ލެވަލްގެ ޕްރޮގްރާމެއް ވެސް ފުރިހަމަ ކޮށްފަ އެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވީ، ޖީއެސްގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ތައުލީމާއި ތަޖުރިބާގެ ގޮތުން ވެސް އެންމެ ގާބިލު ކެންޑިޑޭޓަކީ ނާހިލް ކަމަށެވެ. އަދި އިންޓަވިއުގައި ވެސް އެންމެ ގިނަ މާކުސް ހޯދާފައި ވަނީ އޭނާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"އެޑިއުކޭޝަން ކޮލިފިކޭޝަނާއި ފުޓްބޯޅައިގައި ކޮށްފައިވާ މަސައްކަތްތަކާއި އަދި އިންޓަވިއުއިން ވެސް އެންމެ ގާބިލު އެޕްލިކަންޓަކަށް ފެނުނީ ނާހިލް،" ޒުހޫރު ވިދާޅުވި އެވެ.
އެފްއޭއެމްގެ ޖީއެސްގެ މަގާމު އެންމެ ފަހުން އަދާކުރީ މުހައްމަދު ޖައުޝަން ޝަރީފެވެ. ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވެ، މިދިޔަ ތިން މަސް ދުވަހު އެކްޓިން ޖީއެސްގެ ގޮރުގައި އޭނާ މަސައްކަތް ކުރީ އެއް ވެސް އުޖޫރައަކާ ނުލާ ކަމަށް، މީގެ ކުރިން ޒުހޫރު ވިދާޅުވެފައިވެ އެވެ.
ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވި ފަހުން މަގާމުން އިސްތިއުފާ ދޭން ޖައުޝަން ހުށަހެޅި އެވެ. އެކަމަކު އޭނާ މަގާމުގައި މަޑު ކުރީ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންގެ އެދުމުގެމަތިން ކަމަށް ޖައުޝަން ވިދާޅުވެފައިވެ އެވެ.
ޕްރެޒިޑެންޓްސް ކަޕް ވާންޖެހޭނީ ޝަރަފުވެރި ތައްޓަކަށް
ފުޓްބޯޅަ ސީޒަން ފަށާ އާ ތާރީހަކީ އޭޕްރީލް އަށެއް
އެފްއޭއެމްގެ ކޮންގްރެސްއެއް އަންނަ މަހު
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން ޒުހޫރު ވަކިކޮށްފި
ނޯމަލައިޒޭޝަން ކޮމިޓީން އަހްމަދު އިސްތިއުފާ ދީފި
ޒުހޫރާ އެކު، ހާލަތު ބަދަލުވުމުގެ އުންމީދު ކުޑަ؟!
އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ އަކަށް ޝުޖާ
ފީފާގެ ކޮންސަލްޓަންޓް ޖައު އެފްއޭއެމަށް ވެސް ލަފާދޭ
އެފްއޭއެމްގެ ޖީއެސް ނާހިލް އިސްތިއުފާ ދީފި