Roadha Mihaaru

ދަރިވަރުން ދެކެނީ އާއިލާގެ ސަޕޯޓް ދަށްވެ ސްކޫލްގެ ޕްރެޝަރު ބޮޑުވެއްޖެ ކަމަށް: ޑަބްލިޔުއެޗްއޯ

ޔޫރަޕާއި ކެނެޑާ އަދި މެދުތެރޭ އޭޝިއާގެ ފުރާވަރުގެ ކުދިންނަށް އާއިލާގެ އެހީތެރިކަން ކުޑަވެ ސްކޫލްތަކުގެ ޕްރެޝަރު ކުރިން އޮތް ވަރަށް ވުރެ ބޮޑުކަމަށް އެ ކުދިން މިހާރު ބުނާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި އެވެ.

"އާއިލާގެ ސަޕޯޓް ދަށްވެ ސްކޫލްގެ ޕްރެޝަރު ބޮޑުވެއްޖެ"

ޔޫރަޕާއި ކެނެޑާ އަދި މެދުތެރޭ އޭޝިއާގެ ފުރާވަރުގެ ކުދިންނަށް އާއިލާގެ އެހީތެރިކަން ކުޑަވެ ސްކޫލްތަކުގެ ޕްރެޝަރު ކުރިން އޮތް ވަރަށް ވުރެ ބޮޑުކަމަށް އެ ކުދިން މިހާރު ބުނާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯ ޔޫރަޕުން ބުނީ ޢާއިލީ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް ބުނި ދަރިވަރުންގެ ނިސްބަތް 2018 ވަނަ އަހަރު 73 ޕަސެންޓުގައި ހުރުމަށް ފަހު 2022 ވަނަ އަހަރު 67 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. އާއިލާގެ ސަޕޯޓް ލިބޭ ކަމަށް ބުނި ނިސްބަތް އަންހެން ކުދިންގެ މެދުގައި ވަކިން ދަށް ކަމަށާއި އެ ނިސްބަތް 72 ޕަސެންޓުން 64 ޕަސެންޓަށް ދަށަށް ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

ސްކޫލުތަކުގެ ޕްރެޝަރު އިތުރުވަމުންދާ ކަމަށް ވެސް ދަރިވަރުން ބުނެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.

އުމުރުން 15 އަހަރުގެ އަންހެން ކުދިންގެ ތެރެއިން 63 ޕަސެންޓް 2022 ވަނަ އަހަރު ބުނެފައިވަނީ ސްކޫލް މަސައްކަތްތަކުގެ ސަބަބުން ޕްރެޝަރު އިތުރުވެފައިވާ ކަމަށެވެ. މި ނިސްބަތް 2018 ވަނަ އަހަރު ހުރީ 54 ޕަސެންޓުގަ އެވެ. ފިރިހެން ކުދިންގެ މި ނިސްބަތް 40 ޕަސެންޓުގައި ހުރުމަށް ފަހު މިހާރު ހުރީ 43 ޕަސެންޓަށް މަތިވެފަ އެވެ.

ޑަބްލިއުއެޗްއޯގެ ޔޫރަޕްގެ ރީޖަނަލް ޑައިރެކްޓަރު ހާންސް ކްލޫޖް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއަދުގެ ޒުވާން އުމުރުގެ ކުދިންނަށް އެކުދިންގެ އިޖުތިމާއީ މާހައުލުގައި ހީވެސް ނުކުރާ ފަދަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ގޭގައި ލިބޭ އެހީތެރިކަން ކުޑަވުމެ، ސްކޫލުގައި ޕްރެޝަރު ބޮޑުވުމުން، އެކުދިންގެ ސިއްހަތާއި ކުރިމަގަށް އެކަމުގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް ކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޑަބްލިއުއެޗްއޯގެ މި ދިރާސާގައި ޔޫރަޕާއި ކެނެޑާ އަދި މެދުތެރޭ އޭޝިއާގެ 44 ގައުމެއްގެ 11 އަހަރާއި 13 އަހަރާއި 15 އަހަރުން ދަށުގެ ގާތްގަނޑަކަށް 280،000 ޒުވާނުން ބައިވެރިކުރި އެވެ.