Roadha Mihaaru

ރާއްޖޭގެ ފުރަތަމަ ޑިވަލޮޕްމެންޓް ބޭންކް އިފްތިތާހުކޮށްފި

ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) އިފްތިތާހުކޮށްފި އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވަލޮޕްމެންޓް ބޭންކް އިފްތިތާހުކޮށްފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

16 ނޮވެމްބަރ 2024

ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) އިފްތިތާހުކޮށްފި އެވެ.

މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެ ބޭންކް ހިންގާ އޮފީސް ބައްލަވާ ލައްވައިފަ އެވެ.

އެ ބޭންކުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރަން މަސައްކަތް ކުރާނެ އެވެ. އަދި އެ ބޭންކުން ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭނެ އެވެ.

އެ ބޭންކު ހިންގުމުގެ ލައިސަންސް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދިނީ މިދިޔަ މަހު އެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޑީބީއެމްއާއެކު އެ ބޭންކް ވާނީ ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާއަށް މުހިއްމު ތަރައްގީތައް ގެނެސްދޭ ބޭންކަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ ކުރީ ޒަމާނުއްސުރެ ވިޔަފާރީގެ ގައުމެއް ކަމަށާއި އަދި އެ ބޭންކާ އެކު ރާއްޖޭގެ އިގްތިސާދު ޑައިވާސިފައިކޮށް، ފުޅާ ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.

"ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި ވިޔަފާރިތަކަށް ފުޅާ ކުރުމަށް ބޭނުންވާ ފައިނޭންސިން އެ ބޭންކް މެދުވެރިކޮށް ހޯދޭނެ. އެއާ އެކު އިގްތިސާދު ދެމެހެއްޓެނިވި ކަމާ އެކު ފުޅާ ކުރަން ވަރަށް ބޮޑަށް ފަސޭހަވާނެ،" އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސައީދު ވިދާޅުވީ އެ ބޭންކަކީ ކާމިޔާބު ބޭންކަކަށް ހެދުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި ޑިވަލޮޕްމެންޓް ބޭންކާ އެކު އެހެން މާލީ ހިދުމަތްތައް ފުޅާ ކުރުމަށް ވެސް އެހީތެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި އިންވެސްޓްމެންޓް ބޭންކިން އާއި ހޯލްސޭލް ބޭންކިން އާއި އެސެޓް މެނޭޖްމެންޓް ކުންފުނިތަކާއި ހެޖް ފަންޑުތަކާއި މެރިޓައިމް އިންޝުއަރެންސް ސާވިސަސް އާއި އިސްލާމިކް ފައިނޭންސް ފަދަ ހިދުމަތްތައް ފެށުމަށް އެހީތެރިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މާލީ ދާއިރާ ފުޅާކޮށް، ފަހި މާހައުލެއް ގާއިމް ކުރުމަށް ފައިނޭންޝަލް ސެންޓަރާ ގުޅޭ ގާނޫނެއް ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި މަޖިލީހަށް ފޮނުވާނެ ކަމަށެވެ. އަދި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކަށް ހެދުމަށް ގަތަރު ފައިނޭންޝަލް ސެންޓަރާއި ދުބާއީ ފައިނޭންޝަލް ސެންޓަރާއި އަބޫދާބީ ގްލޯބަލް މާކެޓުގެ އެހީތެރިކަން ލިބޭ ކަމަށް ސައީދު ވިދާޅުވި އެވެ.

ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.

ޑީބީއެމްގެ ސީއީއޯ އާއި ރައީސް ސަމާލް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ޑީބީއެމްގެ ސީއީއޯ އާއި ރައީސް ސަމާލް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ޑީބީއެމްގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވިދާޅުވީ އެ ބޭންކްގެ އެހީގައި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގާ މަޝްރޫއުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޮއެލް ގްރެގާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދަކީ ބޭރުގެ އެކްސްޓާނަލް ޝޮކްތަކުގެ އަސަރު ވަރަށް ފަސޭހައިން ކުރާ ގައުމަކަށްވާ އިރު އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާ ކުރުމާއި މަސްވެރިކަމުގެ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އަދި ޑިޖިޓަލް އިގްތިސާދު ފުޅާ ކުރެވޭނެ ގޮތްތައް ހޯދަން މުހިއްމު ކަމަށެވެ.

އޭނާ ވިދާޅުވީ، ޑީބީއެމްގެ މައިގަނޑު މަގްސަދަކީ 2040 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، އެންމެ ތަރައްގީވެފައިވާ އިގްތިސާދަކަށް ހެދުމަށް އެހީތެރިވެ، ސަރުކާރުގެ އެ އަމާޒު ހާސިލުކުރުން ކަމަށެވެ.

"އެންމެ ފުރަތަމަ އެ ބޭންކުގެ މަސައްކަތް ފަށާނީ ހަމައެކަނި ބިޔަ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކަށް އެކަނި އެހީވާން ނޫން. އެކަމަކު ކުދި އަދި މެދުފަންތީގެ މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ވެސް އެހީވާނަން. މެދު ރާސްތާގައި އެބޭންކުން ޑިޖިޓަލް އިގްތިސާދެއް އުފެއްދުމަށްޓަކައި ހިންގާ މަޝްރޫއުތަކަށް ފަންޑު ހޯދައިދޭން މަސައްކަތް ކުރާނަން. އަދި ދުރު ރާސްތާގައި ރާއްޖެއަކީ ތަރައްގީވެފައިވާ އިގްތިސާދަކަށް ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ