ނ. އިރުފުށި ރިސޯޓްގެ އެއްބަސްވުން އުވާލި މައްސަލާގައި ހިލްޓަން އިންޓަނޭޝަނަލް އިން ސަން ޓްރެވަލް އެންޑް ޓްއާސް އަށް 16.6 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ހިލްޓަން އިން ބުނެފި އެވެ.
14 މާޗް 2017
ނ. އިރުފުށި ރިސޯޓްގެ އެއްބަސްވުން އުވާލި މައްސަލާގައި ހިލްޓަން އިންޓަނޭޝަނަލް އިން ސަން ޓްރެވަލް އެންޑް ޓްއާސް އަށް 16.6 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ހިލްޓަން އިން ބުނެފި އެވެ.
ހިލްޓަންގެ ތަރުޖަމާނަކު "މިހާރު" އަށް ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި އެއީ ހިލްޓަންގެ މައްޗަށް އައިސްގެން ވާނެ ހުކުމެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން ކަމަށްވާ ހިލްޓަންއާ އިރުފުށި ހިންގުން ހަވާލުކުރުމަށް ފަހު، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 16 އަހަރު ކުރިން ސަން ޓްރެވަލް އިން ވަނީ 2013 ވަނަ އަހަރު އެއްބަސްވުން އުވާލައި ރިސޯޓް އަތުލައިފަ އެވެ. އެ މައްސަލަ ސިންގަޕޫރުގެ ޓްރައިބިއުނަލް އަށް ހުށަހެޅުމުން ހިލްޓަން އަށް 26 މިލިއަން ޑޮލަރު ދެއްކުމަށް ސަން ޓްރެވަލްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. އަދި އެ އަމުރު ތަންފީޒު ކުރުމުގެ މައްސަލަ ރާއްޖޭގެ ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އޮއްވައި، އެއްބަސްވުމުގައި ސޮއިކުރުވީ އޮޅުވާލައިގެން ކަމަށް ބުނެ ސަން ޓްރެވަލް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކުންފުންޏަށް 16.6 މިލިއަން ޑޮލަރު ދިނުމަށް ހިލްޓަންގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.
"... މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ހައްލުކުރުމަށް ދެ ފަރާތުން ވަރަށް ތަފްސީލް ގޮތެއްގައި އެއްބަސްވެފައިވާ ގޮތުގެ މަތިން، އިންޓަނޭޝަނަލް އާބިޓްރޭޝަން ޓްރައިބިއުނަލަށް ހުށަހަޅައި ހިލްޓަންއާ އެއްކޮޅަށް މައްސަލަ އޮތީ ނިންމާފައި،" ތަރުޖަމާނު ވިދާޅުވި އެވެ.
ހިލްޓަންއާ އެއްކޮޅަށް މައްސަލަ ނިންމި ޓްރައިބިއުނަލް އަކީ އިންޓަނޭޝަނަލް ޗެމްބަ އޮފް ކޮމާސް (އައިސީސީ) ގެ ދަށުން ހިންގާ ތަނެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމުގެ މަރުހަލާ އަދިވެސް ކުރިއަށްދާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ހިލްޓަންގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސް ވާތީ އެ ކުންފުނީގެ ވެރިން ދިވެހި ސަރުކާރާ އެކު ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ. އަދި ކުންފުނި ނިސްބަތްވާ އެމެރިކާއިން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ވެސް ދިވެހި ސަރުކާރާ ވާހަކަ ދައްކާފައިވާކަން ވަނީ އެނގިފަ އެވެ. ހިލްޓަން އިން ސަރުކާރަށް ފޮނުވި ސިޓީއެއްގައި، ރާއްޖެއަކީ ޓޫރިޒަމްގެ މުހިންމު މާކެޓެއް ކަމަށާއި އެ ކުންފުނީގެ ކޮންރެޑަކީ އެންމެ ކާމިޔާބު އެއް އިންވެސްޓްމަންޓް ކަމަށް ބުނެފައިވެ އެވެ. އަދި އިރުފުށީގެ މައްސަލައިގެ ސަބަބުން ޓޫރިޒަމަށް ހުތުރު ނަން ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެކަން އެގޮތަށް ވާން ނޭދޭ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
28 މިލިއަން ޑޮލަރު ދޭން ސަންއަށް އެންގީ ގޯސްކޮށް
ދިއްފުށީ ފަޅުގެ މަސައްކަތް ހުއްޓުވީ ރަނގަޅަށް:ހައިކޯޓް
އެރިޔަދޫ ވިއްކާލުން މަޑުޖައްސާލަން އެންގީ ރަނގަޅަށް
އިރުފުށި މައްސަލާގައި ހިލްޓަން ގޮތް ހުސްވެފައި
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި
ލޯނު ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލަން އަންގައިފި
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
ފޮއްތެޔޮ ފަޅު ކުއްޔަށް ދިނުން ކޯޓުން ނުހުއްޓުވި
ބޮޑުކާށިހުރާ ސަރުކާރުން އަތުލީ ރަނގަޅަށް: ސިވިލް ކޯޓް
ހިލްޓަނަށް ދެހަފުތާ ތެރޭ ފައިސާ ދޭން ސަންއަށް ޖެހިއްޖެ